ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް ފަހު، ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "ޚާރިޖީ ޓީމް" ގެ ގުޅުން ސިފަކޮށްދެއްވީ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެން ހުންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވި ޓައީންނެވެ.
15 ޖުލައި 2021
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް ފަހު، ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "ޚާރިޖީ ޓީމް" ގެ ގުޅުން ސިފަކޮށްދެއްވީ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެން ހުންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވި ޓައީންނެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މުއުތަސިމް ފޮރިން މިނިސްޓްރީގައި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ވަކިވެވަޑައިގެންނެވި ދުވަހު އެ މިނިސްޓްރީގެ މުވައްޒަފުން އެ މަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީއެކެވެ. އެ ޓައީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލެވެ.
ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި ފޮރިން މިނިސްޓްރީގެ އިމާރާތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ އެ ޓައީ ތުރުކުރައްވައިގެންނެވެ.
"އެއީ ހާރިޖީ ޓީމަކީ، އެއީ ހާރިޖީ ފެމިލީ އަކީ،" އެ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މުޅި ވިސްނުމާއި ގުޅުން އޮންނާނީ ހަމައެކަނި މަގާމުގައި ތިބޭއިރަކު ނޫން."
ކަޅު ރަތްކުލައިގެ އެ ޓައީގެ ދެ ފަރާތަށްވާގޮތަށް ހުރީ ރަތުގެ ދެ ކުލައަކުން ތުނޑު ރޮނގުތަކެކެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން، ފޮރިން މިނިސްޓްރީގެ މުވައްޒަފުން އެމަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީ ތުރުކުރައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ފަތުހުﷲ އަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އެންމެ ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މެދުކެނޑުމެއް ނެތި 27 އަހަރު ހިދުމަތްކުރެއްވި އެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖޭގެ ފޮރިން މިސްޓަރު ކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނެވި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ އިމާރާތް ފަރުމާކޮށްފައި ވަނީ ވެސް ފަތުހުﷲގެ ވިސްނުންފުޅަށް ކަމަށެވެ.
"މި އިމާރާތް ކުރައްސަވަމުން ގެންދިޔައިރު ތަސައްވަރުގައި އޮތީ ރާއްޖޭގެ ހާރިޖީ ނައު، ހާރިޖީ ބައްތެލި، ހާރިޖީ ދޯނި، ބައިނަލްއަގުވާމީ ކިތަންމެ ގަދަ ކަނޑުތަކެއްގައި ވެސް ދުވާނެކަން، ހިފަހައްޓާނެކަން، ކަށަވަރުކޮށްދޭން އިމާރާތްކުރެއްވުން،" ތިން ރިޔާ ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވި އެވެ.
"މި އިމާރާތުގައިވާ ކޮންމެ ރިޔަލެއް އެ ރަމްޒުކޮށްދެނީ ދިވެހި ދައުލަތް، އެ ދައުލަތުން ޝާނާއި ޝައުކަތު."
އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގަ އެވެ.
ހާރިޖީ ސިޔާސަތަކީ ފަތުހުﷲ ޖަމީލްގެ ސިޔާސަތު: ޝާހިދު
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
އިތުރު 3ގައުމަކަށް ޝެންގަން ވިސާ ލިބޭގޮތް ހަދައިފި
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު
އޮމާންގެ އޮންއެރައިވަލް ވިސާއަށް އިތުރު ޝަރުތެއް
ނެދަލޭންޑްސްގައި ގުރުއާން ވީދުން ކުށްވެރިކޮށްފި