Roadha Mihaaru
ވެރިފަރާތަށް ތުހުމަތެއް ނެތަސް، މުދަލެއް ހިފެހެއްޓިދާނެ

ވެރިފަރާތުގެ މައްޗަށް ތުހުމަތެއް ނެތަސް، މުދަލެއް ހިފެހެއްޓިދާނެ: ސުޕްރީމް ކޯޓް

15 ޖުލައި 2021

މުދަލުގެ ވެރިފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނެތަސް، ޖިނާއީ ތަހުގީގެއްގެ ބޭނުމަށް އެ މުދަލެއް ހިފެހެއްޓިދާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުދަލުގެ ވެރިފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނެތަސް، ޖިނާއީ ތަހުގީގެއްގެ ބޭނުމަށް އެ މުދަލެއް ހިފެހެއްޓިދާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ޑިސެމްބަރު، 2017 ގައި ސަފާރީއެއް ފާސްކޮށް ގިިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ސަފާރީގެ ވެރިފަރާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތުމުންނާއި ސަފާރީއަކީ ބަނގުރާ ގެންގުޅުމުގެ ހުއްދަ އޮތް އުޅަނދަކަށް ވާތީ ކްރިމިނަލް ކޯޓުން އެންގީ އެ ބަނގުރާ ފުޅިތައް ސަފާރީގެ ވެރިފަރާތާ އަނބުރާ ހަވާލު ކުރުމަށެވެ. ނަމަވެސް ހައި ކޯޓުން 2019 ގައި ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ތަހުގީގެއްގެ ބޭނުމަށް ނުވަތަ ހެކި ހޯދުމަށް ނުވަތަ ގާނޫނާ ޚިލާފަށް ހޯދާފައިވާ ކަމަށް ގަބޫލުކުރެވޭ މުދާ ހިފެހެއްޓިދާނެ ކަމަށެވެ. ނަމަވެސް، މުދަލެއް ހިފެހެއްޓުމުގައި އެ މުދަލުގެ ވެރިފަރާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް އޮތުން ލާޒިމްނުވާ ކަމަށާއި އެހެންވެ، އެ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެގޮތަށް މުދަލެއް ހިފަހައްޓާ ސަބަބު ނެތިދިއުމުން އެ މުދަލެއް ވެރިފަރާތާ އަނބުރާ ހަވާލުކުރަން ޖެހުނަސް އެ މައްސަލާގައި މިހާތަނަށް އެ ބަނގުރާ ފުޅިތައް އަނބުރާ ހަވާލު ނުކުރާ ކަމަށެވެ. އަދި އެކަން ކުރެވޭނީ އެ ބަނގުރަލުގެ ވެރިފަރާތަކީ ކޮބައިކަން ކަށަވަރު ކުރެވިގެން ކަމަށް ވާއިރު، ދަށު ކޯޓާއި ހައި ކޯޓުން ވެސް އެކަން ބަލާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ނިންމަވާފައިވަނީ ހައި ކޯޓާއިި ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު އެ މައްސަލަ އަލުން ބަލަން ހައި ކޯޓަށް އަމުރު ކުރުމަށެވެ. އެއީ އެ ބަނގުރަލުގެ ވެރިފަރާތަކީ ކޮބައިކަން ކަށަވަރު ކުރުމެއް ނެތި އެ މައްސަލަ ނިންމާފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.