Roadha Mihaaru
"ގަރާޖުތައް ކައުންސިލަށް ހަވާލުކުރީ އެންގުމެއް ނެތި"

ވެހިކަލް ގަރާޖުތައް ކައުންސިލަށް ހަވާލުކުރީ އެންގުމެއް ނެތި: މުއިއްޒު

15 ޖުލައި 2021

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީން ބަޔާނެއް ނެރުނީ ކައުންސިލަށް ނާންގާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީން ބަޔާނެއް ނެރުނީ ކައުންސިލަށް ނާންގާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކައުންސިލުން އޮތީ ސަރުކާރުން ހަވާލު ކުރާ ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ މަސައްކަތް ކުރަން، މާލެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް. އެހެންނަމަވެސް މި ދެންނެވި މައްސަލައިގައި އަޅުގަނޑުމެންނަށް ދިމާވާ ދަތިކަމަކީ އަޅުގަނޑުމެންނަށް އެނގުމެއް ނެތި، މިކަން މިވަނީ އިއުލާނު ކުރެވިފައި،" މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލުން އެންމެ ފަހުން މިނިސްޓްރީ އާއި ކުރި މުއާމަލާތަކީ ރައްޔިތުން އެއް ކަމެއްގައި ދެ މުއައްސަސާއަކަށް ދިއުމަށް ކައުންސިލުން ނޭދޭ ކަމަށް ބުނެ ފޮނުވި ސިޓީއެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖުގެ ހުއްދަ ދޫކުރުމަށް ދެ މުއައްސަސާއަށް ދާން ޖެހޭ ޖެހުމަށް ނިމުމެއް ގެނައުމަށް، މިކަމާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ކޮންމެވެސް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލު ކުރަން އެ ސިޓީގައި އެދިފައިވާނެ ކަމށް މުއިއްޒު ވިދާޅުވި އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ހެދޭ އެއްބަސްވުންތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތްކުރާނީ ސިޓީ ކައުންސިލުން ކަމަށް ބުނެ މިނިސްޓްރީން މި ހަފްތާގައި އިއުލާނެއް ނެރެފައިވަނީ މި ސިޓީއަށް ޖަވާބު ނުދީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިފަދަ ނިންމުމެއް ނިންމައި، މަސައްކަތެއް ބަދަލު ކުރުމުގެ ކުރިން މަޝްވަރާތަކެއްކޮށް، ރިސޯސަލް ބަދަލުކުރެވެން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެގޮތުން އެ މަސައްކަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފުން ކައުންސިލަށް ބަދަލުކޮށް، ބަޖެޓު ބަދަލު ކުރުން ފަދަ ރިސޯސްތައް ބަދަލު ކުރެވިގެން ނޫނީ ހިދުމަތް ދެވޭކަށް ނެތް. އަދި ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން ތައްޔާރަށް އޮތް ނަމަވެސް، ރިސޯސް ނެތި މަސައްކަތް ފަށައިގަތުމުގައި ދަތިތަކެއް ހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މި މަސައްކަތާ ގުޅިގެން މިނިސްޓްރީއާ ބައްދަލު ކުރެވޭތޯ މަސައްކަތްކުރި ކަމަށާއި، އެކަން ކާމިޔާބު ކުރެވިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކައުންސިލާ މަޝްވަރާކޮށް، ރިސޯސް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އެދި އަލުން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު މާލޭގައި ރަޖިސްޓްރީ ކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެފަދަ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. އަންނަ މަހުން ފެށިގެން މި މަސައްކަތް ސިޓީ ކައުންސިލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ.