Roadha Mihaaru
ހަމަލާ ދިން މީހުން ދައުލަތް ގަބޫލެއް ނުކުރޭ

ހަމަލާ ދިން މީހުން ގަބޫލު ކުރަނީ ދައުލަތުގެ މުސާރަ ހަރާމް ކަމަށް: ފުލުހުން

25 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ ބައެއް ކަމަށާއި އެ މީހުން އެ މަނިކުފާނުގެ ލޭ ހުއްދަ ކަމަށް ގަބޫލުކުރާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ ބައެއް ކަމަށާއި އެ މީހުން އެ މަނިކުފާނުގެ ލޭ ހުއްދަ ކަމަށް ގަބޫލުކުރާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ނަޝީދަށް ދިން ހަމަލައިގެ ތަފުސީލީ މައުލޫމާތު އާންމު ކުރުމަށް ފުލުހުން ބޭއްވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެއީ ބަޔަކު ފައިސާ ހަރަދު ކޮށްގެން ހިންގި ޖަރީމާއެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހުން ގަބޫލު ކުރަނީ ނަޝީދަކީ ދީނަށް ފުރައްސާރަ ކުރާ ދީނީ ދެކޮޅު ބޭފުޅެއްގެ ގޮތުގަ އެވެ. ނަޝީދު އަވަހާރަ ކޮށްލަން ރޭވި ސަބަބަކީ އެއީ ކަމަށް ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ ބައެއް ދިވެހިން އެ މީހުންގެ ފިކުރަށް ތާއީދުކޮށް، ހަމްދަރުދީވާ ކަމަށް ވިދާޅުވެ، އެ މީހުންގެ ފިކުރާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އެއީ ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަކީ ތާޣޫތުން ކަމުގައި ދެކޭ ބައެކެވެ. ދައުލަތުން މުސާރަ ނެގުމާއި އާންމު ވިޔަފާރިތަކުން ވިޔަފާރި ކުރުމަކީ ވެސް އެ މީހުން ދެކޭ ގޮތުގައި ދީނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަމަލާ ދިން މީހުންނަކީ ދިވެހި މި ބިމަކީ ކުފުރުގެ ބިިމެއް ކަމަށް ދެކިގެން ދިވެހި ދައުލަތް ގަބޫލުނުކޮށް، ރައީސުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ދައުލަތުން މުސާރަދޭ މަގާމުތަކުގައި ތިބި މީހުންކީ ތާޣޫތުން ކަމުގައި ބަލައި، ކަނޑައަޅައިގެން އެ މީހުންގެ ލެ އާއި މުދާ ހުއްދަ ކޮށްގެން، އެ ފަރާތްތަކުގެ ވިޔަފާރިތަކުން، ނުވަތަ އާންމުކޮށް ވިޔަފާރިވެރިންގެ ގޮތުގައި އުޅުއްވާ ފަރާތްތަކުން ވިޔަފާރި ކުރުމަކީ ވެސް ހަލާލު ކަމެއް ނޫން ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުން އަންނަ ބައެއް،" ރިޔާޒު ވިދާޅުވި އެވެ.

އެ މީހުންނާ ގުޅުން އޮންނަ ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުން ވަޒީފާތަކުން އަމިއްލައަށް ވަކިވުމަށް އެ މީހުން ބާރު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ހަލާލު ކަމެއް ނޫން ކަމަށް އެ މީހުން ގަބޫލުކުރިޔަސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުން ކުރާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން، އިންކަމް ސަޕޯޓާއި އެންސްޕާގެ އެހީތެރިކަން އެ މީހުން ހޯދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ގޮތުން ދައުލަތުގެ އިންކަމް ސަޕޯޓު އެލަވަންސް ހޯދުމާއި އެންސްޕާ ފަދަ އިދާރާތަކަށް ހުށަހަޅައިގެން މާލީ އެހީ ހޯދުމާއި މިކަހަލަ ބައެއް ކަންކަން ވެސް މި މީހުން ކުރާކަން ފާހަގަ ކުރެވޭ،" ރިޔާޒް ވިދާޅުވި އެވެ.

މި ކަންކަން ކުރުމުގައި ވެސް މި މީހުން ސައްހަ ނޫން ޑޮކިއުމެންޓު ފަދަ ގާނޫނާ ހިލާފު ކަންތައްތައް ކޮށްގެން ފައިސާ ހޯދައިގެން ފައިސާ ބޭނުން ކުރަމުންދާކަން ވެސް ފާހަގަ ކުރަން."

އެއީ ރަސްމީ އެއްވެސް ތައުލީމެއް ލިބިފައި ނެތް ބަޔަކަސް އެ މީހުން ދީނީ ބައެއް ކަންކަމުގައި ގޮތް ނިންމާ ހަދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ރަސްމީ ތައުލީމީ ނިޒާމުގެ ތެރޭގައި ހިމެނޭ ޝައިހުން ދެކޭ ގޮތާ ހިލާފަށް އެ މީހުން ގަބޫލުކުރާ ގަބޫލު ކުރުންތައް އާންމުންނަށް ދަސްކޮށްދޭން މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލަދިން މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވި އެވެ.

ނަޝީދަކީ އަވަހާރަ ކޮށްލަންޖެހޭ ބޭފުޅެއް ކަމަށް، ހަމަލާ ދިން މީހުންނަށް ވިސްނައިދިނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަކީ މީގެ ކުރިން ވެސް އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި ދައުވާ ކުރި މީހެކެވެ.