Roadha Mihaaru
ހަނގުރާމައިގެ ތެރެއިން އޮލިމްޕިކުގެ ޒުވާން އެތުލީޓު

ހަނގުރާމައިގެ ތެރެއިން އައި އޮލިމްޕިކުގެ ޒުވާން އެތުލީޓު

26 ޖުލައި 2021

ޓޯކިޔޯ (ޖުލައި 26) - މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުން ޓޯކިޔޯ އޮލިމްޕިކް ތަމްސީލު ކުރަން ނުކުތީ އެ ގައުމެއްގެ އޮލިމްޕިކު ޓީމުގައި އެންމެ ފާހަގަ ކުރެވުނު އެތުލީޓުންނެވެ. މަޝްހޫރު ގައުމުތަކުން ނަމަ އެ މޫނު ތަކަކީ އެންމެ ދަންނަ މޫނު ތަކެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯ (ޖުލައި 26) - މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުން ޓޯކިޔޯ އޮލިމްޕިކް ތަމްސީލު ކުރަން ނުކުތީ އެ ގައުމެއްގެ އޮލިމްޕިކު ޓީމުގައި އެންމެ ފާހަގަ ކުރެވުނު އެތުލީޓުންނެވެ. މަޝްހޫރު ގައުމުތަކުން ނަމަ އެ މޫނު ތަކަކީ އެންމެ ދަންނަ މޫނު ތަކެކެވެ.

ތަޖުރިބާކާރު އެތުލީޓުންނާއި ޗެމްޕިއަނުންގެ މޫނުތަކަށް ވުރެ، އޮލިމްޕިކުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދީ ހަނގުރާމަ އާއި ދާހީލީ ހަމަނުޖެހުންތަކުގައި ފުނޑުފުނޑުވެފައިވާ ސީރީއާގެ ޒުވާން އެތުލީޓް ހިންދު ޒާޒާ އެވެ. އޮލިމްޕިކުގައި ސީރިއާގެ ހަ މީހުންގެ ކޮންޓިންޖެންޓުގައި ސީރިއާގެ ދިދަ ދަނޑީގެ އެއްކޮޅުގައި ހިފައިގެން ހުރީ އުމުރުން 12 އަހަރުގެ ޒާޒާ އެވެ. ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިވެ އޭނާ ވެފައި ވަނީ، މިފަހަރުގެ ގޭމްސްގައި ވާދަކުރާ އެންމެ ޒުވާން އެތުލީޓަށެވެ. މެކްސިކޯ 1968 ގެ އޮލިމްޕިކްސް އަށް ފަހު މިހާތަނަށް އޮލިމްޕިކްސްގައި ވާދަކުރާ އެންމެ ޒުވާން އެތުލީޓަކީ ވެސް ޒާޒާ އެވެ.

ހަނގުރާމައިގެ ތެރެއަށް ސީރިއާ ވެއްޓުނު އިރު ޒާޒާގެ އުމުރުން ވާނީ ދެ އަހަރެވެ. އޭނާ ހަނދާން ހުންނަން ފެށީސުރެ ސީރިއާ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގަ އެވެ. އެ ހަނގުރާމައިގެ އަސަރު އޭނާ އަށް ކުރި އެވެ. ނަފުސާނީ ގޮތުންނެވެ.

އޮލިމްޕިކްސްއާ ހަމައަށް ވާސިލުވުމަށް އޭނާ ކުރި ހުރަސްތައް އެކަނިވެސް އެއީ ފާހަގަ ކުރެވޭނެ ކަމެކެވެ. އޭނާ ޓްރޭނިން ހަދަމުން ދަނިކޮށް ކަރަންޓު ކެނޑުނީ ކިތައް ދުވަހު ކަމެއް ވެސް ނޭނގެ އެވެ. ހަނގުރާމަ އާ ހެދި ގެއިން ބޭރަށް ނުނިކުމެ އެތައް ދުވަހަކު އިންނަން ޖެހުނެވެ. ގޭގެ ކޮންކްރީޓު ފްލޯގައި ލަކުޑި މޭޒެއްގައި ޓްރޭނިން ހަދަން ބޭނުންވިއަސް ޓީޓީ ރެކެޓެއް ނުވަތަ ބޯޅައެއް އޭނާއަކަށް ނުލިބުނެވެ. ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ގޭމްސްތަކަށް ދާކަށް އޭނާ އަށް ފުރުސަތެއް ނުލިބުނެވެ.

ޒާޒާ އަށް ހުރި ފުރުސަތުތައް ހަނިވިއަސް، އޭނާގެ އުންމީދު މައްޗެވެ. ކުޅިވަރުގައި އޭނާ ބޭނުން ވަނީ އޮލިމްޕިކާއި ދުނިޔޭގެ ޓީޓީ ޗެމްޕިއަނަށް ވާށެވެ. އަދިވެސް އޭނާގެ ކިޔެވުން ދަނީ ކުރިއަށެވެ. ބޮޑު ވެގެން އޭނާ ވާން ބޭނުން ވަނީ ފާމަސިސްޓަކަށް ނުވަތަ ލޯޔަރަކަށެވެ.

ޒާޒާ (ވ) ސީރިއާގެ ދިދައިގައި ހިފަހައްޓާލައިގެން --- ފޮޓޯ: އޭއެފްޕީ

ޒާޒާ (ވ) ސީރިއާގެ ދިދައިގައި ހިފަހައްޓާލައިގެން --- ފޮޓޯ: އޭއެފްޕީ

އޮލިމްޕިކުގެ ޕްރިލިމިނަރީ ބުރުގައި، އިއްޔެ އޭނާ ބަލިވީ އޮސްޓްރިއާގެ ލިއޫ ޖިއާ އަތުންނެވެ. ތަޖުރިބާ އާއި އުމުރަށް ބެލިޔަސް ޒާޒާ އަށް ވުރެ ޖިއާ އެތައް ގޮތަކުން ސީނިއާވެފައި މައްޗެވެ. އުމުރުން 39 އަހަރުގެ ޖިއާ ވަނީ ޒާޒާ އުފަންވުމުގެ ކުރިން ވެސް އޮލިމްޕިކްސްގެ ތިން އެޑިޝަންގައި ވާދަކޮށްފަ އެވެ. މިއީ އޭނާގެ ހަ ވަނަ އަދި އެންމެ ފަހުގެ އޮލިމްޕިކްސް އެވެ. އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކުވެސް ޖިއާގެ އެބައިނެވެ. ޒާޒާއާ ވާދަކޮށް އޭނާ ގޭމްތައް ގެންދިޔައީ 11-4، 11-9، 11-3، 11-5 އިންނެވެ. ދެ ވަނަ ގޭމްގައި ޒާޒާ 6-2 ލީޑުގައި ވެސް އޮތެވެ. ނަމަވެސް ޖިއާގެ ތަޖުރިބާ ބޭނުން ކޮށްގެން އޭނާ ކުރި ހޯދި އެވެ.

"އިއްޔެ އަހަރެންގެ ދަރިފުޅު ކައިރީގައި އަހަރެން ބުނިން އެނގޭހެއްޔޭ މަންމަ ކުޅެން ހަމަޖެހިފައި ވަނީ ދަރިފުޅަށްވުރެ ދެ އަހަރު ދޮށީ ކުއްޖަކާއޭ،" ޒާޒާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޖިއާ ބުންޏެވެ.

އޮލިމްޕިކުސްގެ ތަޖުރިބާ ބޮޑު ޖިއާ ބަލި ނުކުރެވުނަސް، އޮލިމްޕިކުސް އަށް އައުމަށް ކުރި ދަތުރުގައި ޒާޒާ ވަނީ ޖިއާ އަށް ވުރެ އުމުރުން ދޮށީ އެތުލީޓުން ބަލިކޮށްފަ އެވެ. ހުޅަނގު އޭޝިއާގެ އޮލިމްޕިކުސް ކޮލިފައިންގައި ޒާޒާ ވަނީ ލުބުނާންގެ ތަޖުރިބާކާރު އެތުލީޓު މަރިއަނާ ސަހަކާން، 42، ބަލި ކޮށްފަ އެވެ.

"މިދިޔަ ފަސް އަހަރުތެރޭ އަހަރެން ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށްފިން، ހާއްސަކޮށް މުޅި ގައުމުގައި ހަނގުރާމަ ހިނގަމުން ދަނިކޮށް،" ޒާޒާ ބުންޏެވެ. "އޮލިމްޕިކްސް ފަސް ކުރުމުން ފަންޑު ހޯދަން ވަރަށް އުނދަގޫވި. އެއީ ވަރަށް ދަތިވި ވަގުތެއް. ނަމަވެސް އަހަންނަށް އެނގޭ އަހަރެން މަސައްކަތް ކުރަން ޖެހޭނެކަން. މިއީ އަހަރެން ފަދައިން މި ހާލަތުގައިވާ އެހެން މީހުންނަށް އަހަރެން ދިން މެސެޖެއް."