Roadha Mihaaru
17 އަހަރަށް ފަހު ބަލިވުމުން އެމެރިކާއަށް ބޮޑު ޝޮކެއް

17 އަހަރަށް ފަހު އޮލިމްޕިކްސްގައި ބަލިވުމުން އެމެރިކާއަށް ބޮޑު ޝޮކެއް

26 ޖުލައި 2021

ޓޯކިޔޯ (ޖުލައި 26) - އޮލިމްޕިކްސްގެ ފިރިހެން ބާސްކެޓް ބޯޅައިގައި ފްރާންސުން ޗެމްޕިއަން އެމެރިކާ ބަލި ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯ (ޖުލައި 26) - އޮލިމްޕިކްސްގެ ފިރިހެން ބާސްކެޓް ބޯޅައިގައި ފްރާންސުން ޗެމްޕިއަން އެމެރިކާ ބަލި ކޮށްފި އެވެ.

އޮލިމްޕިކްސްގެ ފިރިހެން ބާސްކެޓްބޯޅައިގައި އެންމެ ކާމިޔާބު ގައުމަކީ އެމެރިކާ އެވެ. އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި 1936 ގައި ބާސްކެޓް ހިމެނި ފަހުން އެމެރިކާ އިން ވަނީ ބާސްކެޓް ބޯޅައިން 15 ފަހަރަށް ރަން މެޑަލް ހޯދައިފަ އެވެ.

ޓޯކިޔޯ އޮލިމްޕިކްސްއާ އެމެރިކާ ކުރިމަތިލީ ގޭމްސްގެ ފޭވަރިޓުގެ ގޮތުގަ އެވެ. ނަމަވެސް ފްރާންސް އަތުން ފުރަތަމަ މެޗުގައި ބަލިވުމަކީ އެމެރިކާ އަށް ލިބުނު ޝޮކެކެވެ.

ފްރާންސުން އެމެރިކާ ބަލި ކުރީ 83-76 އިންނެވެ. އެއީ 17 އަހަރަށް ފަހު އޮލިމްޕިކްސްގެ ބާސްކެޓްބޯޅައިގެ ފިރިހެން އިވެންޓުން އެމެރިކާ ބަލިވި ފުރަތަމަ ފަހަރެވެ. އޮލިމްޕިކްސްގެ ބާސްކެޓްބޯޅަ އިވެންޓުން އެމެރިކާ މީގެ ކުރިން ބަލިވީ، ގްރީސްގެ އެތެންސްގައި 2004 ގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގަ އެވެ. އެ އަހަރުގެ ގޭމްސް އިން އެމެރިކާ އަށް ލިބުނީ ބްރޯންޒް މެޑަލް އެވެ.

ފްރާންސް އަތުން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގައި އެމެރިކާ އަށް އުނދަގޫތަކެއް ކުރިމަތި ވީ އެވެ. ގޭމްސްގެ ކުރިން އެކުވެރިކަމުގެ މެޗު ތަކެއްގައި އެމެރިކާ ވަނީ ނައިޖީރިއާ އާއި އޮސްޓްރޭލިއާ އަތުން ވެސް ބަލިވެފަ އެވެ. ޖެހިޖެގެން ތިން މެޗުން ބަލިވުމުން އެމެރިކާގެ ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ވެސް ބަލި ކަށި ވާނެ އެވެ.

ނަމަވެސް އެމެރިކާގެ ކޯޗު ގްރެގް ޕޮޕޮވިޗް، ދެކެނީ އޭނާގެ ޓީމު ހާސް ވާން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.

"އެއް ގޮތަކުން ބަލަންޏާ މި ބަލިން އަހަރެމެންނަށް ލިބެނީ ހިތް ހަމަޖެހުމެއް،" ފްރާންސް މެޗަށް ފަހު އޭނާ ބުންޏެވެ. "އަހަރެމެން އޭގެއިން ފިލާވަޅު ހޯދޭނެ. ނުހޯދޭނަމަ އޭގެ ފައިދާއެއް ނެތް. އެއީ މި ގޭމްސްގައި އަހަރެމެންނަށް މެދުވެރިވި އެންމެ މުހިންމު ކަންތައް."

އެމެރިކާ އޮތީ ފްރާންސާއި ޗެކް ރިޕަބްލިކު އަދި އިރާންގެ ފަހަތުން ގުރޫޕު އޭ ގެ ފުލުގަ އެވެ. ކުރިއަށް އޮތް ދެ މެޗުން މޮޅު ވެގެން އެ ޓީމަށް ކުއާޓާ ފައިނަލަށް ދެވޭނެ އެވެ.