Roadha Mihaaru
ޑޭމަން އާއި އެފްލެކްގެ ސްކްރީންޕްލޭއެއް

ޑޭމަން އާއި އެފްލެކްގެ ސްކްރީންޕްލޭއެއް 25 އަހަރު ފަހުން

27 ޖުލައި 2021

މީގެ 24 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ޑްރާމާ ފިލްމު "ގުޑް ވިލް ހަންޓިން" ގެ ސްކްރީންޕްލޭ ލިޔުނު ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބެން އެފްލެކާއި މެޓް ޑޭމަން ގުޅިގެން ލިޔުނު ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެއް މި އަހަރު ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 24 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ޑްރާމާ ފިލްމު "ގުޑް ވިލް ހަންޓިން" ގެ ސްކްރީންޕްލޭ ލިޔުނު ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބެން އެފްލެކާއި މެޓް ޑޭމަން ގުޅިގެން ލިޔުނު ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެއް މި އަހަރު ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އެ ފިލްމަކީ މިހާރު ޝޫޓިން ވެސް ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ކުޅަދާނަ ޑައިރެކްޓް ރިޑްލީ ސްކޮޓްގެ ހިސްޓޮރިކަލް ޑްރާމާ "ދަ ލާސްޓް ޑުއެލް" އެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ސްކްރީންޕްލޭގައި އެފްލެކާއި ޑޭމަންގެ އިތުރުން "ޕްލީޒް ފޮގިވް" އާއި "ފްރެންޑްސް ވިތު މަނީ" އަދި "ވޯކިން އެންޑް ޓޯކިން" ގެނެސްދިން ޑައިރެކްޓަރު/ސްކްރީން ރައިޓަރު ނިކޯލް ހޮލޮފްޝެނާ ވެސް ހިއްސާވެ އެވެ.

އެފްލާއި ޑޭމަން އެކީގައި ފުރަތަމަ ސްކްރީންޕްލޭ ލިޔުނު 1997 ގެ ޑްރާމާ ފިލްމު "ގުޑް ވިލް ހަންޓިން" އަކީ ގަޒް ވަން ސަންޓް ޑައިރެކްޓްކުރި ފިލްމެކެވެ. ދެ ތަރިން މައިގަނޑު ރޯލުތަކެއް ވެސް ކުޅުނު ފިލްމަކީ އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ އެވޯޑް ވެސް ލިބުނު ފިލްމެކެވެ. ނުވަ ކެޓަގަރީއަކުން ނޮމިނޭޝަން ލިބުނު ފިލްމު ހޯދި އޮސްކާގެ ތެރޭގައި ރޮބިން ވިލިއަމްސް އަށް ލިބުނު މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.

"ދަ ލާސްޓް ޑުއެލް" އާ ބެހޭ ގޮތުން "ދަ ޓުނައިޓް ޝޯ" ގައި ހުކުރު ދުވަހު ވާހަކަ ދައްކަމުން ޑޭމަން، 50، ބުނީ ގިނަ އަހަރުތަކެއް ފަހުން އެފްލެކާ އެކީ ސްކްރީންޕްލޭއެއް ލިޔުމަކީ ވަރަށް ވެސް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"ހަގީގަތުގައި ސްކްރީންޕްލޭ ލިޔުމަކީ ކުރިން އަހަރެމެން ހީކުރި ވަރަށް ވުރެ އުނދަގޫ އަދި އެހާ ވަގުތު ވެސް ނަގާ ކަމެއް ނޫން. އެހެންވެ އަހަރެމެން ދެ މީހުންގެ މިފަދަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ."

އޭނާ ބުނީ މަސައްކަތް ދިޔައީ ދެ މީހުންގެ ހިޔާލު ވަރަށް އެއްގޮތަށް ކަމަށާއި "ގުޑް ވިލް ހަންޓިން" އަށް ކުރެވުނު ކަހަލަ މަސައްކަތެއް އާ ފިލްމުގެ ސްކްރީންޕްލޭ އަށް ވެސް ކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދަ ލާސްޓް ޑުއެލްގެ ސްކްރީންޕްލޭގައި އަހަންނާއި އެފްލެކް ގެނެސްދީފައި އޮންނާނީ މޭލް ޕާސްޕެކްޓިވް އަދި ނިކޯލް ގެނެސްދީފައި އޮންނާނީ ފީމޭލް ޕާސްޕެކްޓިވް." ލިޔުންތެރިޔާ އެރިކް ޖޭގާގެ "ދ ލާސްޓް ޑުއެލް: އަ ޓުރޫ ސްޓޯރީ އޮފް ޓްރަޔަލް ބާއި ކޮމްބެޓް އިން މެޑިވަލް ފްރާންސް" އަށް ބިނާކޮށް ހެދި ފިލްމާ ބެހޭ ގޮތުން ޑޭމަން ބުންޏެވެ.

އޭނާ ބުނީ އެފްލެކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ސްކްރީންޕްލޭ ލިޔާނެ ކަމަށާއި އެ މަސައްކަތަކީ ދެ މީހުންނަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

"ގުޑް ވިލް ހަންޓިންގެ ކުރިން ވެސް އަހަރެމެން ދެ މީހުންނަކީ މިކަން ހުސް ވަގުތުތަކުގައި ކުރަމުން ދިޔަ ބައެއް. އޭރަކު ދެން އަހަރެމެންގެ މި މަސައްކަތަކަށް މާ ގިނަ ބައެއްގެ ސަމާލުކަމެއް ވެސް ލިބިފައެއް ނެތް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޑޭމަން ބުންޏެވެ. "އެކަމަކު ގުޑް ވިލް ހަންޓިންއާ އެކު އިންޑަސްޓްރީގެ މީހުން އަހަރެމެންނާ ދޭތެރޭ ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ."

އޭނާ ބުނި ގޮތުގައި ދެ މީހުން އެކީގައި ފުރަތަ ފިލްމަށް އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެއީ އެ ދާއިރާ އަށް ޝައުގުވެރިކަން ބޮޑުކޮށްދިން ކަމެކެވެ.

"ހަގީގަތުގައި ސްކްރީންޕްލޭ ލިޔުމަކީ ކުރިން އަހަރެމެން ހީކުރި ވަރަށް ވުރެ އުނދަގޫ އަދި އެހާ ވަގުތު ވެސް ނަގާ ކަމެއް ނޫން. އެހެންވެ އަހަރެމެން ދެ މީހުންގެ މިފަދަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ،" ޑޭމަން ބުންޏެވެ. "ސްކްރީންޕްލޭއެއްގެ ސްޓްރަކްޗަ އެނގުނީމަ މިއީ ވަރަށް ފަސޭހަކަމެއް."

"ދަ ލާސްޓް ޑުއެލް" ގެ ކާސްޓްގައި އެފްލެކާއި ޑޭމަންގެ އިތުރުން އެޑަމް ޑްރައިވާ އަދި ޖޮޑީ ކޯމާ ހިމެނެ އެވެ.

ސާދަ ވަނަ ގަރުނުގެ ފްރާންސްގެ ވާހަކައެއް ކިޔައިދޭ މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ފިރިމީހާގެ ގާތް އެކުވެރިޔާ އޭނާ ރޭޕްކުރި ކަމަށް އަންހެނަކު ކުރާ ތުހުމަތަކާ ގުޅިގެން ހިނގާ ކަންތައްތަކެއް ފެނިގެން ދާނެ އެއްޗެކެވެ.