Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 އޯގަސްޓް 2021

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ބިރުވެރި ވާހަކައަކަށް ގެނެސްދޭ މި ފިލްމަކީ އެކްޓަރު ވިވެކް އޮބެރޯއީ ޕްރޮޑިއުސްކޮށް، ވިޝާލް ރަންޖަން މިޝްރާ ޑައިރެކްޓްކުރާ ފިލްމެކެވެ. "ރޯޒީ" ގެ ކާސްޓްގައި އަރުބާޒް ޚާނާއި ތަނީޝާ މުކަރްޖީ ވެސް ހިމެނެ އެވެ.

ފިލްމުގެ ޓީޒާއެއް ދައްކައިލުމަށް ފަހު ބުނީ އަނެއްކާ ވެސް މާދަމާ ފިލްމާ ބެހޭ އިތުރު ސަޕްރައިޒެއް ދޭނެ ކަމަށެވެ.

"ރޯޒީ" އިން ތައާރަފުކުރާ ޕަލަކް، 20، ގެ މަންމަ ޝްވޭތާ އަކީ ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ. ޝްވޭތާ އަކީ ކަލާޒް އިން މިހާރު ދައްކާ "ހަތުރޯން ކޭ ކިލާޅީ 11" ގައި ވާދަކުރަމުން އަންނަ ބައިވެރިއެކެވެ.

ބޮބީގެ "ލަވް ހޯސްޓެލް" ގެ ޝޫޓިން ނިންމާލައި

ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އިން ޕްރޮޑިއުސްކުރާ ބޮބީ ޑިއޯލްގެ ވެބް ފިލްމު "ލަވް ހޯސްޓެލް" ގެ ޝޫޓިން ހޮނިހިރު ދުވަހު ނިންމާލައިފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ފިލްމަކީ ޝަންކަރް ރަމަން ޑައިރެކްޓްކޮށް ގެނެސްދޭ ކްރައިމް ތުރިލާއެކެވެ. މުމްބާއީގެ އިތުރުން ބޯޕާލް އާއި ޕަޓިއާލާގައި މަންޒަރުތައް ނެގި "ލަވް ހޯސްޓެލް" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ވިކްރަންތު މަސީ ވެސް ހިމެނެ އެވެ.

ބޮބީ ކުރިން ވެސް ރެޑް ޗިލީޒް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން ފިލްމެއް ކުޅުނެވެ. އެއީ މިދިޔަ އަހަރުގެ "ކްލާސް އޮފް 83" އެވެ.

"ލަވް ހޯސްޓެލް" ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާތިކްގެ "ފްރެޑީ" އިއުލާންކޮށްފި

ކާތިކް އާރިޔަން ސޮއިކުރި ކަމަށް އަޑުއެރި އެކްތާ ކަޕޫރްގެ ފިލްމު "ފްރެޑީ" އަށް ޒުވާން އެކްޓަރު ސޮއިކުރިކަން ކަށަވަރުކޮށް ދީފި އެވެ.

މި ހަފުތާގައި މުމްބާއީގައި ޝޫޓިން ވެސް ފަށާ މި ފިލްމަކީ ރޮމޭންޓިކް ތުރިލާއެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އެކްތާ 2018 ގައި ގެނެސްދިން "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް އެވެ. "ފްރެޑީ" ގައި ކާތިކާ އެކު ބަތަލާގެ ރޯލު ފެންނާނީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

އޮކްޓޯބަރުގައި ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވާ "ދަމާކާ" ގެ ބަތަލުގެ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ރޯހިތު ދަވަންގެ "ޝެހެޒާދާ" އާއި ސަމީރު ވިދުވަންސްގެ "ސަތިއަނާރަޔަން ކީ ކާތާ" އަދި ހެންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަކީ މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމިފައި އޮތް ފިލްމެކެވެ.

"ވިކްރަންތު ރޯނާ" ގެ ޕޯސްޓަރުތަކެއް

ދާދި ފަހުން ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ސޮއިކުރި ކަންނާޑާ ފިލްމު "ވިކްރަންތު ރޯނާ" ގައި އޭނާ ފެންނާނެ ގޮތުގެ މޯޝަން/ސްޓިލް ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އެއް ޕޯސްޓަރުގައި ރީތި ބަތަލާ އެކަނި ހިމެނޭ އިރު އަނެއް ޕޯސްޓަރުގައި ފެނިގެން ދަނީ ފިލްމުގެ ބަތަލު ސުދީޕްއާ އެކީގަ އެވެ. ސުދީޕަކީ ސަލްމާން ޚާންގެ 2019 ގެ ފިލްމު "ދަބަންގް 3" ގެ ވިލަން އެވެ.

ފެންޓަސީ އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދޭ "ވިކްރަންތު ރޯނާ" އަކީ އަނޫޕް ބަންޑާރީ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ނިރޫޕް ބަންޑާރީ، ނީތާ އަޝޯކް، ރަވީ ޝަންކަރް ގައުޅާ އަދި ވަސޫކީ ވައިބާވް ހިމެނެ އެވެ.

ޖެކްލިންގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ބޫތު ޕޮލިސް"، "އެޓޭކް"، "ބައްޗަން ޕާންޑޭ" އަދި "ސާކަސް" ހިމެނެ އެވެ.