Roadha Mihaaru
އިމްރާންގެ ބިރުވެރި ފިލްމު 29 ގައި

އިމްރާންގެ ބިރުވެރި ފިލްމު 29 ގައި އެމެޒޯން ޕްރައިމަށް

22 އޮކްޓޯބަރ 2021

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ބިރުވެރި ފިލްމު "ޑިބޫކް" މި މަހުގެ 29 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ބިރުވެރި ފިލްމު "ޑިބޫކް" މި މަހުގެ 29 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މި ސުޕަނެޗްރަލް ހޮރޯ އަކީ 2017 ގެ ކާމިޔާބު މަލަޔާޅަމް ފިލްމު "އެޒްރާ" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ޖޭ ކޭ އެވެ. "ޑިބޫކް" އަކީ އިމްރާންގެ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. އޭނާ ކުރިން ވެސް ބިރުވެރި އިލެމަންޓްތަކެއް ހިމަނައިގެން ގެނެސްދިން ފިލްމުތަކެއްގައި މަސައްކަތްކުރި އެވެ. އެއީ 2009 ގެ "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" އާއި 2012 ގެ "ރާޒް 3" އާއި 2013 ގެ "އޭކް ތީ ޑާޔަން" ގެ އިތުރުން 2016 ގެ "ރާޒް" ރީބޫޓް" އެވެ.

"ޑިބޫކް" ގައި އިމްރާނާ އެކު ހިމެނޭ ކާސްޓުންގެ ތެރޭގައި ނިކިތާ ދައްތާ، މާނަވް ކޯލް، ޔޫރީ ސޫރީ، ދަރުޝަނާ ބަނިކް، ވިޕިން ޝަރުމާ، ވިވާނާ ސިންގް އަދި ސުދޭވް ނައިރް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވާ އިމްރާންގެ ތިން ވަނަ ފިލްމެވެ. އޮގަސްޓްގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "ޗެހެރޭ" ގެ އިތުރުން މި އަހަރުގެ މާޗްގައި ރިލީޒްކުރި އޭނާގެ ފުރަތަމަ ފިލްމަކީ އެކްޝަން ކްރައިމް ފިލްމު "މުމްބާއީ ސާގާ" އެވެ.

އިމްރާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި ސަލްމާން ޚާންގެ "ޓައިގާ 3" ފާހަގަ ކޮށްލެވެ އެވެ.