Roadha Mihaaru
އަވަހަށް ކައިވެނިކުރުމަކީ ޔާމީގެ ޕްލޭނެއް ނޫން

އަވަހަށް ކައިވެނިކުރުމަކީ ޔާމީގެ ޕްލޭނެއް ނޫން، މާމަގެ ނަސޭހަތް

02 އޯގަސްޓް 2021

ފިލްމީ ކެރިއަރުގެ މިހާ ހިސާބުގައި އެހާ އަވަހަށް ކައިވެންޏާ ހަމައަށް ދާނެ ކަމަށް އަމިއްލަ އަށް ވެސް ލަފާ ނުކުރެވޭ ކަމަށާއި އެކަމަކު ކައިވެނި އަވަސްކުރީ މާމަގެ އެދުމުގެ މަތިން ކަމަށް، ޑައިރެކްޓަރު އަދިތިޔާ ދާރްއާ ޖޫން މަހު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމީ ކެރިއަރުގެ މިހާ ހިސާބުގައި އެހާ އަވަހަށް ކައިވެންޏާ ހަމައަށް ދާނެ ކަމަށް އަމިއްލަ އަށް ވެސް ލަފާ ނުކުރެވޭ ކަމަށާއި އެކަމަކު ކައިވެނި އަވަސްކުރީ މާމަގެ އެދުމުގެ މަތިން ކަމަށް، ޑައިރެކްޓަރު އަދިތިޔާ ދާރްއާ ޖޫން މަހު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ބުނެފި އެވެ.

ޖޫން މަހުގެ 4 ވަނަ ދުވަހު ޔާމީ އޭނާގެ 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު ކައިވެނިކުރި ވާހަކަ އިންސްޓަގްރާމްގައި އިއުލާންކުރުން ވެގެން ދިޔައީ ފޭނުންނާއި މީޑިއާތަކަށް ވެސް ލިބުނު ބަރަށް ބޮޑު ހައިރާން ކަމަކަށެވެ. ސަބަބަކީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑެއް ވެސް ކުރިން އަރާފައި ނެތުމެވެ.

ޔާމީ ބުނި ގޮތުގައި އޭނާ އާއި އަދިތިޔާ ސީރިއަސްކޮށް ރައްޓެހިވީ "އުރީ" ގެ ޕްރޮމޯޝަން ތެރޭގަ އެވެ. އެ ދުވަސްވަރު ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، އަދިތިޔާ އަކީ ހަޔާތުގެ ބައިވެރިޔާ ކަމަށް ނިންމި ކަމަށް ޔާމީ ބުންޏެވެ. އެކަމަކު އެހާ އަވަހަށް ކައިވެނުކުރަން ޕްލޭންކޮށްފައި ނެތް ކަމަށް 32 އަހަރުގެ ބަތަލާ ބުންޏެވެ.

"އަހަރެމެން ނިންމައިގެން ތިބީ މި އަހަރުގެ ތެރޭގައި އެންގޭޖްވެ ތަންކޮޅެއް ފަހުން ކައިވެނިކުރާ ގޮތަށް. އެކަމަކު މާމަގެ ވާހަކަ އަކީ އެންގޭޖްވުމަށް ފަހު ކައިވެނި ލަސްކޮށްގެން ތިބުމަކީ މާމަމެންގެ އާދަކާތައް ގަބޫލުކުރާ އުސޫލެއް ނޫނޭ. އަދި އާއިލާގެ ތެރޭގައި ވެސް ކަން ހިނގާ ގޮތެއް ނޫނޭ،" ހިމާޗަލް ޕްރަދޭޝް އަށް ޔާމީ ބުންޏެވެ. "އެހެންވެ މާމަ އެދުނީ އެންގޭޖް ނުވެ ހަމަ ވީހާ ވެސް އަވަހަކަށް ކައިވެނީގެ ގުޅުމުން އަހަންނާއި އަދިތިޔާ ގުޅެން. އެހެންވެ އެހާ އަވަހަށް ކައިވެނި ކުރެވުނީ."

އޭނާ ބުނީ ކައިވެނިކުރެވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ. އެކަމަކު ކުރިން އުންމީދުނުކުރާ ވަރަށް ވުރެ އަވަހަށް ކައިވެނިކުރުމުން އަދިވެސް އޭނާ އަކީ އަންބެއް ކަމަށް ގަބޫލުކުރަން ދަތިވާ ކަމަށް ޔާމީ ބުންޏެވެ.

"އެކަމަމު މިއީ ހަޔާތުގައި މިހާތަނަށް ކުރެވުނު އެންމެ ހިތްގައިމު ތަޖުރިބާ އަށް ވާނެ." 2012 ގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.

ކައިވެނިކޮށް ހަނީމޫނަށް ވެސް ދިއުމެއް ނެތި ޔާމީ އާއި އަދިތިޔާ ނުކުތީ ފިލްމީ މަސައްކަތަށެވެ. އަދިތިޔާ މިހާރު އަންނަނީ "އުރީ" ގެ ބަތަލު ވިކީ ކޯޝަލާ އެކު "ދި އިމޯޓަލް އަޝްވަތައްމާ" ކިޔާ ސުޕަހީރޯ ފިލްމެއް ހެދުމަށް ތައްޔާރުވަމުންނެވެ.

ޔާމީ މިދިޔަ ހަފުތާގައި އޭނާ ސޮއިކޮށްފައި އޮތް "އަ ތާޒްޑޭ" ގެ ޝޫޓިން ނިންމާލައި މި ހަފުތާގައި ވަނީ "ދަ ލޮސްޓް" ގެ ޝޫޓިން ފަށާފައިވެ އެވެ. އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ "ބޫތު ޕޮލިސް" އެވެ.

ޔާމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދާސްވީ" އާއި ފިރިމީހާ ޕްރޮޑިއުސްކުރާ "ރާތު ބާކީ" ހިމެނެ އެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބާލާ"، "ގާބިލް"، "އެކްޝަން ޖެކްސަން"، "ބަދުލާޕޫރް"، "ބައްތީ ގުލް މީޓަރު ޗާލޫ" އަދި "ގިނީ ވެޑްސް ސަނީ" ހިމެނެ އެވެ.