Roadha Mihaaru
ސްކޫލް ކުދިން ވެކްސިން ޖެހުމަށް ތައްޔާރުވާން އަންގައިފި

ސްކޫލް ކުދިން ވެކްސިން ޖެހުމަށް ތައްޔާރުވާން މިނިސްޓްރީން އަންގައިފި

07 އޯގަސްޓް 2021

ކޮވިޑް-19 އިން ދިފާއުވުމަށް އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް އަންގައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ސްކޫލުތަކަށް ފޮނުވި އެންގުމުގައި ވަނީ ވެކްސިން ޖެހުމަށް ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަން އެދިފަ އެވެ. އެއާއެކު، އެ ސްކޫލެއްގައި ކިޔަވާ 12 އަހަރުން މަތީގެ ކުދިންގެ ލިސްޓު ފޮނުވުމަށް ވެސް އެ އެންގުމުގައި ވެ އެވެ.

ރާއްޖެއަށް ފައިޒާގެ ޝިޕްމެންޓެއް ލިބި، މި ފެށޭ ހަފުތާގައި އެ ވެކްސިން ޖަހަން އަލުން ފަށާނެ އެވެ. އެހެންވެ. ސަރުކާރުން ނިންމާފައިވަނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދޭށެވެ. އެކަމަށް އަމާޒުކޮށް އެޑިއުކޭޝަން މިނިސްޓްރީން ކެމްޕެއިނެއް ފަށާފައި ވެ އެވެ.

"ދަރިވަރުންނަށްރައްކާތެރިކަން" ނަމުގައި ގެންދާ ކެމްޕެއިނުން ދޭން ބޭނުންވާ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމެވެ.

އެޗްއީއޯސީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުތަކަށް ގެންގޮސްގެން ކަމަށެވެ. ރަށްރަށުގައި މި ފަށާނީ މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

އެޑިއުކޭޝަން މިިނިސްޓްރީން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކަށް ވަދެ، ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަކުރަން އަންގާފައި ވެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ގިނަ ދަރިވަރުންނަށް ކިޔަވައި ދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެ އެވެ. އެހެންވެ، ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކަވަރުކޮށްދިނުމަށް، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކުރަން ނިންމި އެވެ. ބޮޑު ބަންދަކަށް ފަހު އަންނަ އަންގާރަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނެ އެވެ. މިނިސްޓްރީން ނިންމާފައިވަނީ ކޮވިޑުގެ ކުރިން، އާއްމު ހާލަތުގައި ކިޔަވައިދިން ގޮތަށް ކުރިއަށްދާށެވެ.