Roadha Mihaaru
ގެސްޓް ފިހާރަތައް: ހަޔާތުގެ އެންމެ ގަދަ ކަނޑުގައި!

ގެސްޓް ފިހާރަތައް އެންމެ ގަދަ ކަނޑުގައި: ބައެއް މީހުން ސަލާމަތެއްނުވި!

03 އޯގަސްޓް 2021

ޗާންދަނީ މަގުގައި، ޒަމާންވީ ގެސްޓް ޝޮޕްތައް ހުރި ސަރަހައްދުން މިހާރު އުފާވެރި މަންޒަރެއް ނުފެންނާނެ އެވެ؛ އެތައް ފިހާރައެއް ހުރީ ބަންދުކޮށްފަ އެވެ. ހުޅުވާފައި ހުންނަ ބައެއް އެހެން ފިހާރަތައް ހުރީ ބަނގުރޫޓުވެފަ އެވެ. އަދި، ބައެއް އެހެން ފިހާރަތަކުގެ ހާލަތު އެހާ ގޯހެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗާންދަނީ މަގުގައި، ޒަމާންވީ ގެސްޓް ޝޮޕްތައް ހުރި ސަރަހައްދުން މިހާރު އުފާވެރި މަންޒަރެއް ނުފެންނާނެ އެވެ؛ އެތައް ފިހާރައެއް ހުރީ ބަންދުކޮށްފަ އެވެ. ހުޅުވާފައި ހުންނަ ބައެއް އެހެން ފިހާރަތައް ހުރީ ބަނގުރޫޓުވެފަ އެވެ. އަދި، ބައެއް އެހެން ފިހާރަތަކުގެ ހާލަތު އެހާ ގޯހެވެ.

މިއީ، ކޮވިޑްގެ ކުރިން މަހަކު އެތައް ލައްކަ ރުފިޔާއެއްގެ ފައިދާ ވަމުން އައި ތަންތަނެވެ. އެކަމަކު، އެ އުފާވެރިކަން ކޮވިޑާ އެކު ބަދަލު، ފިހާރަތަކުގެ އޯނަރުންގެ މޫނުމަތި މުޅިން ބަދަލުވެއްޖެ އެވެ. އިގްތިސާދީ އެންމެ އުނދަގޫ ރާޅުގައި ޖެހި، ބައެއް ގެސްޓް ޝޮޕްތައް ވަނީ ބަންދުކޮށްފަ އެވެ. ހަމައެކަނި، ތަން ބަންދުކުރީ އެކަންޏެއް ނޫނެވެ. ބައެއް ޝޮޕްތަކުގެ އޯނަރުންގެ ވިޔަފާރި އާއި ކުރާ މަސައްކަތް ވެސް މިހާރު ވަނީ ބަދަލުކޮށްލައިފަ އެވެ. އެ ވިޔަފާރީގައި އިސްކޮށް އުޅުނު ބައެއް ވިޔަފާރިވެރިން ބަނގުރޫޓްވެ ހަދާނެ ގޮތް ހުސްވުމުން އެނބުރި ރަށަށް ވެސް ބަދަލުވެއްޖެ އެވެ.

ވޭތުވެދިޔަ ދޮޅު ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ ފިހާރަތައް ހިންގަމުން އައީ ވަރަށް ދަތި ހާލުގަ އެވެ. ބައެއް ޝޮޕް އޯނަރުން އެ މީހުންގެ އަމިއްލަ ޖީބުން ހަރަދުކުރި އެވެ. ބައެއް އެހެން މީހުން ލޯނު ނެގި އެވެ. އެވަރުން ވެސް ބައެއް ތަންތަން ސަލާމަތެއް ނުވި އެވެ.

"ހަތަރު ނަންބަރު" ފިހާރަ ނަމުގައި ގެސްޓް ޝޮޕެއް ހިންގާ އަބްދުﷲ ވަހީދު ބުނި ގޮތުގައި ވަރަށް ދަތި ހާލަތެއް ކުރިމަތިވިޔަސް، އަދިވެސް އުންމީދަކީ މި ވިޔަފާރި ރަނގަޅުވުމެވެ.

"މިތިބީ އަލި މަގެއް ފެނޭތޯ. އަލިމަގެއް ނުފެންނަ ހިސާބަށް ދިޔައިމަ ޖެހޭނީ އެއްޗެހިތައް އުކާލާފައި ނަމަވެސް ފިހާރަ ބަންދުކުރަން. އެކަމަކު މި ހުރިހާ މި ތަކެތި ވައްދާނެ ގުދަނެއް ނެތް. އަދި ގަންނާނެ ބަޔަކު ވެސް ނެތް،" އޭނާ ބުންޏެވެ.

ވިޔަފާރިން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް، ވިޔަފާރި އެއްކޮށް ހުއްޓާލައިފި ނަމަ ލިބޭނެ ގެއްލުން އޭނާ އަށް ވެސް މާ ބޮޑެވެ. އެހެންވެ، ކޮންމެ ހާލެއްގައި ނަމަވެސް އެ އެއްޗެހި ވިކޭތޯ މަސައްކަތް ކުރުން ނޫން ގޮތެއް ވެސް ނެތެވެ.

މި ވިޔަފާރީގައި 35 އަހަރު ހޭދަކުރި އިރު، ވަހީދު ބުނި ގޮތުގައި ކޮވިޑަކީ މުޅި ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ދަތި ދުވަސްވަރެވެ. އޭނާ ފިހާރައިގެ ހަރަދުތައް ސަލާމަތް ކުރީ އަމިއްލަ ޖީބުންނެވެ. އޭނާ ބުނި ގޮތުގައި ފިހާރަ ހުއްޓާނުލައި، ހިފަހައްޓާލެވުނީ މިކަމަށް އޭނާގެ އޮތް ލޯތްބެއްގެ ވެސް ބޮޑުކަމުންނެވެ.

"ހަތަރު ނަންބަރު" ފިހާރައިގެ ވެރިޔާ އަބްދުﷲ ވަހީދު "މިހާރު" އަށް އިންޓަވިއުދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ހަތަރު ނަންބަރު" ފިހާރައިގެ ވެރިޔާ އަބްދުﷲ ވަހީދު "މިހާރު" އަށް އިންޓަވިއުދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑާ ގުޅިގެން ޗާންދަނީ މަގުގެ އެންމެ ބޮޑެތި އަދި އެންމެ ފުޅާކޮށް ވިޔަފާރިކުރަމުން އައި ސްވެނިއާ ހައެއްހަ ފިހާރަ މިހާރު ހުރީ ބަންދުކޮށްފަ އެވެ. ބަންދުނުކޮށް ހިންގާ ގިނަ ފިހާރަތަކަށް ބަނގުރޫޓުނުވެ ހިފަހައްޓާލެވުނީ އެހެން ވިޔަފާރިތައް ވެސް ކުރާތީ އެވެ. "ހަތަރު ނަންބަރު" ފިހާރައިން ވެސް އެހެން ބައެއް ވިޔަފާރިތައް މިހާރު ކުރެ އެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. މިކަމަށް ޑިޕެންޓްވެގެން އުޅުނު މީހުންގެ ފިހާރަތައް އެހުރީ ބަންދުކޮށްފައި،" އޭނާ ބުންޏެވެ.

ވަހީދު ދެކޭ ގޮތުގައި "ކޮންމެ ދަތިކަމަށް ފަހު ތިޔާގި ކަމެއް" އަންނާނެ އެވެ. އެހެންވެ އުންމީދުކުރަނީ ޓޫރިސްޓުންނަށް އަލުން މާލެ އެރޭނެ ގޮތެއް ވުމެވެ.

ޗާންދަނީ މަގުގައި ކޮވިޑާ ގުޅިގެން ބަންދުކޮށްފައި ހުރި ފިހާރައެއް: ކޮވިޑްގެ ސަބަބުން ގިނަ ސުވެނިއާ ފިހާރަތަކެއް ވަނީ ބަންދުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗާންދަނީ މަގުގައި ކޮވިޑާ ގުޅިގެން ބަންދުކޮށްފައި ހުރި ފިހާރައެއް: ކޮވިޑްގެ ސަބަބުން ގިނަ ސުވެނިއާ ފިހާރަތަކެއް ވަނީ ބަންދުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ ބޮޑެތި އިންވެސްޓްމަންޓްތަކެއްގެ ނިމުން

ޗާންދަނީ މަގުގައި ހިންގަމުންދިޔަ ސުވެނިއާ ފިހާރަ "ބަނާނާ ބޯޓު" ބަންދުކުރަން ޖެހުމަކީ، އެ ފިހާރައިގެ ވެރިޔާ ހަސަން ދީދީގެ ހަޔާތުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމެވެ. ހަސަން ދީދީ ވަނީ އެ ވިޔަފާރި އަށް 1.6 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ކޮށްފަ އެވެ. ކޮވިޑާ އެކު އެ ބޮޑު އިންވެސްޓްމެންޓް އެއްކޮށް ފުނޑުފުނޑުވީ އެވެ.

"ގެއްލުމުން އަރައެއް ނުގަނެވުނު. ކިހިނެއް އެކަމުން ސަލާމަތްވާނީ. ސަރުކާރުގެ އެހީއެއް ލިބިގެން ނޫން ގޮތަކަށް މިކަމުން ސަލާމަތް ނުވާނެ،" އޭނާ ބުންޏެވެ.

ފިހާރަ ބަންދުކުރީ ވިޔަފާރީގައި ދަރަނިވެރިވާން ބޭނުން ނުވާތީ ކަމަށް އޭނާ ބުންޏެވެ. ވިޔަފާރި ހުއްޓާލައިފައި އޭނާ މިހާރު ކުރަމުން އަންނަނީ ޓުއަ ގައިޑެއްގެ މަސައްކަތެވެ. ނަސީބު ދިމާކުރި ގޮތުން އޭނާގެ އަތުގައި، އެކަމުގެ ލައިސަންސް އޮވެ އެވެ.

ވިޔަފާރި ހުއްޓާލި ނަމަވެސް ހަސަން ދީދީ އަދިވެސް ގިނައިން ގޮސް އުޅެނީ ގެސްޓް ފިހާރަތައް ހުންނަ ސަރަހައްދުގަ އެވެ. ޓުއާ ގައިޑެއްގެ ގޮތުގައި ގޮސް ގެސްޓް ފިހާތައް ޓޫރިސްޓުންނަށް ފިހާރަތައް އޭނާ ތައާރަފްކޮށްދެ އެވެ.

ކޮވިޑާ ގުޅިގެން ޗާންދަނީ މަގުގައި ބަންދުކޮށްފައި ހުރި ފިހާރަތަކެއް: ކޮވިޑާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ވިޔަފާރިއަކީ ގެސްޓް ޝޮޕްތައް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑާ ގުޅިގެން ޗާންދަނީ މަގުގައި ބަންދުކޮށްފައި ހުރި ފިހާރަތަކެއް: ކޮވިޑާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ވިޔަފާރިއަކީ ގެސްޓް ޝޮޕްތައް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަސަން ދީދީ ބުނީ، ސުވެނިއާ ވިއްކުމުގެ ވިޔަފާރިއަކީ ކޮވިޑްގެ ކުރިން ވަރަށް ރަނގަޅު ވިޔަފާރިއެއް ކަމަށެވެ. އަދި އެއީ ރަނގަޅު އާމްްދަނީއެއް ވެސް ލިބުނު ކަމެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެކަން އޮންނަނީ މާލެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށާއި އެ މީހުން ކުރާ ވިޔަފާރިއެއްގެ މައްޗަށް ބިނާވެފަ އެވެ.

"މާލެއަށް ޓޫރިސްޓުން އަރާ ނަމަ އަޅުގަނޑުމެންނަށް ވިޔަފާރި ލިބޭނެ. އެކަމަކު އެކަން ނުވެ ދާ ނަމަަ އާމްދަނީ އުޅޭނީ ޒީރޯގަ ތާ،" އޭނާ ކިޔައިދިނެވެ.

ސުވެނިއާ ފިހާރަ ހިންގާ މީހުންނަށް އެވްރެޖްކޮށް ދުވާލެއް މައްޗަށް 1،000 ޑޮލަރު ލިބެ އެވެ. އަދި ބައެއް ދުވަސް ދުވަހު 2،000 ނުވަތަ 3،000 ޑޮލަރު ވެސް ލިބެ އެވެ.

މާލެ އަށް ޓޫރިސްޓުން އައިސްގެން ނޫނީ ވިޔަފާރި އަށް ދިރުމެއް ނެތް

ޗާންދަނީ މަގުގައި އެންމެ ފުޅާ ދާއިރާއެއްގައި ސުވެނިއާ ވިއްކަމުން އަންނަ އެއް ފިހާރައަކީ "ކަށި ބޯޓު" އެވެ. އެ ފިހާރައިގެ ވެރިޔާ އަހުމަދު ފިރާގު ބުނީ، ވޭތުވެދިޔަ ދޮޅު އަހަރު ފިހާރަ ހިންގީ ކޮންމެ މަހަކު ވެސް ދެ ލައްކަ ރުފިޔާގެ ގެއްލުމުގަ އެވެ. އޭނާ ބުނީ، 17 އަހަރު ވަންދެން ކުރި މި ވިޔަފާރި އެއްކޮށް ހުއްޓާލުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

އެކަމަކު ބޭނުން ވަނީ އަނެއްކާ ވެސް އާ ފެށުމަކުން ވިޔަފާރި ފަށަން ކަމަށް އޭނާ ބުންޏެވެ. ފިރާގުގެ އެންމެ ބޮޑު އުންމީދަކީ އަނެއްކާ ވެސް ޓޫރިސްޓުންނަށް މާލެ އަށް އައިސް އުޅެވޭނެ ފަދަ ގޮތެއް ކުރިމަތިވުމެވެ. އޭނާ މިހާރު ފިހާރަ ހިންގަމުން އަންނަނީ ވިޔަފާރިން ކުރިން ލިބިފައި ހުރި ފައިދާ އާއި ސަރުކާރުން ދިން ލޯނުން ފައިސާ އިންނެވެ.

އޭނާ ބުނި ގޮތުގައި ވިޔަފާރި ހުއްޓާ ނުލައި ދެމެހެއްޓުމަކީ ވިޔަފާރި ސަލާމަތްވުމެއް ވެސް ނޫނެވެ. ވިޔަފާރި ސަލަމާތް ކުރެވޭނީ މާލެ އަށް ޓޫރިސްޓުންނަށް އެރޭނެ ގޮތެއް ވުމުން ކަމަށް އޭނާ ބުންޏެވެ.

"ސަވައިވްވީކީ ނޫން. މިތަން ތަޅުލާފައި ދަރަނިވެރިވެގެން ތިބީ،" އޭނާ ބުންޏެވެ.

އާންމުކޮށް މަހެއްގެ މައްޗަށް އެ ފިހާރަ އަށް ކުރާ ހަރަދު ލައްކަ އަކަށް އަރަ އެވެ. އާމްދަނީ ސުމެއްގައި ހުރުމުން މިދިޔަ 18 މަސް ދުވަހު އެތަނުގެ ކުއްޔާއި އެހެނިހެން ހަރަދުތަކަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.

"ކަށި ބޯޓު" ފިހާރައިގެ ވެރިޔާ އަހުމަދު ފިރާގު "މިހާރު" އަށް އިންޓަވިއު ދެނީ: އެ ފިހާރަ އަށް މިހާތަނަށް 1.8 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކަށި ބޯޓު" ފިހާރައިގެ ވެރިޔާ އަހުމަދު ފިރާގު "މިހާރު" އަށް އިންޓަވިއު ދެނީ: އެ ފިހާރަ އަށް މިހާތަނަށް 1.8 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވަނީ ވިޔަފާރި ސަލާމަތް ކުރަން މުވައްޒަފުން ވެސް ނޯ ޕޭގައި ދޫކޮށްލައިފަ އެވެ. އޭނާ ބުނީ، ޓޫރިސްޓުން މާލެ އަރާ ނަމަ އަހަރެއްހާ ދުވަހުން ލިބުނު ގެއްލުން އަނބުރާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ވަކި އުސޫލެއްގެ ތެރެއިން މާލޭގެ ވަކި ސަރަހައްދުތަކަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތެއް ވުން ވަރަށް މުހިއްމު،" އޭނާ ބުންޏެވެ.

މާލޭގައި މިހާރު ހިންގާ މަދު ސުވެނިއާ ޝޮޕްތަކުގެ ޖަމިއްޔާއެއް ހެދުމުގެ މަސައްކަތް ވެސް، ފިރާގު އިސްކޮށް ހުރެ، އަންނަނީ ކުރަމުންނެވެ. މިފަދަ ޖަމިއްޔާއެއް ހަދަނީ ސުވެނިއާ ފިހާރަތަކުގެ ކަންބޮޑުވުންތައް ފާޅުކޮށް، ހުރި މައްސަލަތައް ހައްލުކުރެވޭ ގޮތްތަކެއް ހޯދުމެވެ. ޖަމިއްޔާ މެދުވެރިކޮށް، ސުވެނިއާ ފިހާރަތަކަށް ހުރި ދަތިތައް ސަރުކާރުގެ އިސްވެރިންނާ ހަމައަށް ހާމަކުރާނެ ކަމަށް އޭނާ ބުންޏެވެ.

ފިރާގެކޭ އެއްގޮތަށް ހަސަން ހަމީދަކީ ވެސް ޗާންދަނީ މަގުގައި ހިންގާ ވިޔަފާރި ހުއްޓާނުލައި، ކުރިއަށް ގެންދަން މަސައްކަތް ކުރާ ވިޔަފާރިވެރިއެކެވެ.

"ގެއްލުން ބޮޑު. އެކަމަކު ވެސް މި ބަލަނީ މިކަމުން އަވަހަށް ސަލާމަތްވެ ވިޔަފާރި ހިނގައިގަންނާނެ ކަމަށް،" އޭނާ ބުޏްޏެވެ.

ސުވެނިއާ ފިހާރައެއްގައި ޓޫރިސްޓުންތަކެއް ވިޔަފާރިކުރަނީ: ކޮވިޑާ ގުޅިގެން ސުވެނިއާ ފިހާރަތަކުން ވިޔަފާރިކުރަން ޓޫރިސްޓުންނަކަށް ނާދެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުވެނިއާ ފިހާރައެއްގައި ޓޫރިސްޓުންތަކެއް ވިޔަފާރިކުރަނީ: ކޮވިޑާ ގުޅިގެން ސުވެނިއާ ފިހާރަތަކުން ވިޔަފާރިކުރަން ޓޫރިސްޓުންނަކަށް ނާދެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗާންދަނީ މަގުގައި "ސްވެނިއާ ބާޒާރު" ހިންގާ ހަސަން މި ވަގުތު ހިންގަނީ އެއްވެސް އިތުރު މުވައްޒަފަކާ ނުލަ އެވެ. އޭނާ ވިޔަފާރި ހުޅުވީ 2019 ގަ އެވެ. މުދާ ގެނެސް ވިޔަފާރި ފެށި ތަނާގެން ކޮވިޑް ލައްވާލީ އެވެ. އެހެންވެ އޭނާ އަށް ފިހާރަ ބަންދުކުރެވޭނެ ގޮތެއް ވެސް ނެތެވެ. އޭނާ ނިންމީ ފިހާރަ ކުރިއަށް ގެންދާށެވެ!

"އެކަމަކު ވަރަށް ހާލުގައި މިއުޅެނީ. ސަރުކާރުން ދޭ އެއްވެސް ލޯނެއްގައި ސުވެނިއާ ފިހާރަތައް ވެސް ނުހިމެނޭ،" އޭނާ ބުންޏެވެ.

ކޮވިޑާ އެކު މާލޭގެ ވަރަށް ގިނަ ފިހާރަތަކެއް މިހާރު ހުރީ ބަންދުކޮށްފަ އެވެ. ބައެއް ތަންތަން ހުސްކޮށް، ކުއްޔަށް ދޭން ޖަހާފައި ހުންނަތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. ރަނގަޅު ލޮކޭޝަންތަކުގައި ހުރި ބައެއް ތަންތަން ވެސް ކުއްޔަށް ހިފާނެ މީހުނެއް ނުވެ އެވެ. މިދިޔަ އަހަރު ކޮވިޑްގެ ފުރަތަމަ ލޮކްޑައުންގެ ތެރޭގައި ބައެއް، ކޮސްމެޓިކްސް ފިހާރަތަކާއި އަންނައުނު ވިއްކާ ފިހާރަތައް ވެސް ތަރުކާރީ އާއި މޭވާ ވިއްކައިގެން ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

ސުވެނިއާ ފިހާރަތައް މިހާރު އޮންނަނީ ހުހަށެވެ! މާލޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި، އަދި އެތައް މިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓް އެދަނީ ބަނގުރޫޓުވަމުންނެވެ. މި ވިޔަފާރީގައި މިހާރު "ބަންދު" ކޮށްފައި ހުރި ބައެއް ފިހާރަތަކަކީ، ދެން އެނބުރި އައުން ވެސް ދުރުގައި ހުރި ފިހާރަތަކެކެވެ.