Roadha Mihaaru
"މިކިތާރްޔަން އާއި ރޫނީ ފެންވަރު ސާބިތުކޮށްދީފި"

މިކިތާރްޔަން އާއި ރޫނީ ފެންވަރު ސާބިތުކޮށްދީފި: މޮރީނިއޯ

27 ނޮވެމްބަރ 2016

މެންޗެސްޓާ (ނޮވެމްބަރު 27) - ޔުރޮޕާ ލީގުގައި ފެޔަނޫޑާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އާއި ހެންރިކް މިކިތާރްޔަންގެ ފެންވަރު ސާބިތުކޮށްދީފި ކަމަށާއި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ނުކުންނައިރު ފުރަތަމަ އެގާރައިގައި އެ ދެ ކުޅުންތެރިން ހިމެނުމާ މެދު ވިސްނަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގިނަ ދުވަސްތަކެއް ވަންދެން އާރްމީނިއާގެ މިޑްފީލްޑަރު މިކިތާރްޔަން އަށް ފުރުސަތު ނުދީ ބެހެއްޓުމަށް ފަހު ފެޔަނޫޑާ ދެކޮޅަށް ކުޅުނު މެޗުން ޖާގަ ދިނުމުން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ރޫނީ އަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުމުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ ގިނަ މެޗުތަކުގައި އޭނާ މޮޅަށް ކުޅެ، އަލުން ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް އޭނާ އަންނަނީ ޖާގަ ހޯދަމުންނެވެ.

ފެޔަނޫޑް ކޮޅަށް ޖެހި ލަނޑާ އެކު ރޫނީ ވަނީ ޔުނައިޓެޑް ތާރީހުގައި ޔޫރަޕްގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. ކުރިން އެ މަގާމުގައި ރޫޑް ވެން ނިސްޓެލްރޫއީ އޮތީ 38 ލަނޑު ޖަހައިގެންނެވެ. ރޫނީ ވަނީ މިހާރު 39 ލަނޑު ހަމަކޮށްފަ އެވެ.

"މިކިތާރްޔަން އާއި ރޫނީގެ ހުނަރާއި މެދު އަހަރެން ޝައްކު ނުކުރަން. އެކަމަކު ކޮންމެ ކުޅުންތެރިޔަކު ވެސް ފިޓްވެގެން ޓީމަށް އަރާނީ. ފާއިތުވި މެޗުތަކުގައި ރޫނީ އާއި މިކިތާރްޔަން ވަރަށް މޮޅަށް ކުޅެފި. ވެސްޓް ހޭމްއާ ދެކޮޅަށް ރޫނީ އާއި މިކިތާރްޔަން އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާ މެދު ގޮތެއް އަދި ނުނިންމަން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަންގެ ސަބަބުން ޒަލަޓަން އިބްރަހިމޮވިޗް ނުކުޅެ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.

ވެސްޓް ހޭމް މި ވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ. ވެސްޓް ހޭމްގެ ކޯޗު ކްރޮއޭޝިއާގެ ސްލަވެން ބިލިޗް ބުނީ ވަޒީފާގެ ޔަގީންކަން އެބައޮތް ކަމަށާއި މަސައްކަތް ކުރަމުންދަނީ ޓީމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް ވީހާވެސް ގިނަ ޕޮއިންޓް ހޯދައިގެން ރަނގަޅު ފޯމަކަށް އެޅުމަށް ކަމަށެވެ.

ވެސްޓް ހޭމް އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.