Roadha Mihaaru
ޔޯ ޔޯ އަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް ކޯޓަށް

މަޝްހޫރު ރެޕާ ޔޯ ޔޯ އަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް ކޯޓަށް

05 އޯގަސްޓް 2021

އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ޔޯ ޔޯ ހަނީ ސިންގަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް، އޭނާގެ އަންހެނުން ޝާލިނީ ތަލްވާރު މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ޔޯ ޔޯ ހަނީ ސިންގަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް، އޭނާގެ އަންހެނުން ޝާލިނީ ތަލްވާރު މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ނިއު ދިއްލީގެ ޓިސް ހަޒާރީ ކޯޓަށް އަންގާރަ ދުވަހު ޔޯ ޔޯއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ގެވެށިއަނިޔާކުރުމާއި ހަރަދު ނުދޭ މައްސަލައިގަ އެވެ. އެގޮތުން ބަދަލެއްފެ ގޮތުން 10 ކްރޯޑް ރުޕީސް ވެސް ނަގައިދޭން އެދިފައިވެ އެވެ. މި މައްސަލަ ކޯޓުން ބަލައި ގަނެ، މިކަމާ ގުޅިގެން ޔޯ ޔޯ އަށް ނޯޓިސް ފޮނުވައި، ނޯޓިހަށް މި މަހުގެ 28 ގެ ކުރިން ޖަވާބު ދޭން އަމުރުކޮށްފައިވެ އެވެ.

ޝާލިނީ ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ދެމަފިރިންގެ އަތުގައި ހުރި މުދަލާއި ފައިސާގެ ތެރެއިން އެއްވެސް އެެއްޗެއް ބޭނުން ކުރުމުގައި ޔޯ ޔޯގެ ފަރާތުން އެއްވެސް ހުރަހެއް ޝާލިނީ އަށް ކުރިމަތިކޮށްގެން ނުވާނެ ކަމަށް ވެސް އަންގައިފަ އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަކަށް މަޝްހޫރު އެތައް ލަވައެއް ހަދައި ދިނުމުގެ އިތުރަށް ވަރަށް ގިނައިން އަމިއްލަ މިއުޒިކް ވީޑިއޯ ވެސް ނެރޭ ޔޯ ޔޯ އާއި ޝާލިނީ ކައިވެނިކުރީ 2011 ގަ އެވެ. އެކަމަކު 2014 އާ ހަމައަށް އޭނާ އުޅުނީ އަންހެނުން ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ.

ޔޯ ޔޯ އަކީ މީގެ ކުރިން ވެސް އަހުލާގީ ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ފަންނާނެކެވެ. އެގޮތުން ރަލާއި މަސްތުވާތަކެއްޗަށް ދެވިހިފައިގެން ރިހެބްގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ވެސް ހޯދި އެވެ.