Roadha Mihaaru
މައްސަލަ ކޯޓުގައި އޮއްވައި ގޯތިތައް ހަވާލުކުރަނީ

ކޯޓުގައި މައްސަލަ ހިނގަނިކޮށް، ގޯތިތަކާ ހަވާލުވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި

05 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް ނަގައި، ބަދަލު ދޭން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކާ ހަވާލުވުމަށް ގޯތިތަކުގެ ވެރިންނަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް ނަގައި، ބަދަލު ދޭން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކާ ހަވާލުވުމަށް ގޯތިތަކުގެ ވެރިންނަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހެނދުނު ކުރި އިއުލާނެއްގައި ބުނީ އެ ގޯތިތަކުގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން މިހާރު ދޫކުރަން ނިންމާފައިވާ ގޯތިތަކާ ހަވާލުވާން މި މަހު 10 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އަދި ބަދަލުކުރަން ނިންމަވާފައިވާ ގޯތިތަކުގެ ވެރިފަރާތުން މި ބަދަލާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަން ވެސް މި މަހު 10 ގެ ކުރިން އެ އޮފީހަށް ލިޔުމުން އަންގަން އެދިފަ އެވެ.

ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންނުވާ މީހުންގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހެޅޭނެ ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން މިގޮތަށް މި އެންގީ، މިހާރު ހިތަދޫ މެޖިސްޓްރޭޓުގައި ކޯޓުގައި އެ ކައުންސިލާ ދެކޮޅަށް ކުރިއަށް ދާ މައްސަލައިގައި މި ގޯތިތައް ދޫކުރުމް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ބުނެފައި ވަނިކޮށެވެ.

އައްޑޫ ހިތަދޫ: 100 އެނދުގެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް.-- ފައިލް ފޮޓޯ/ މިހާރު

އައްޑޫ ހިތަދޫ: 100 އެނދުގެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް.-- ފައިލް ފޮޓޯ/ މިހާރު

މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމުމުން އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި، ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މި މައްސަލަ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމަން ކޯޓުން އިއްޔެ ވަނީ ތާވަލުކޮށްފަ އެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައި ވެ އެވެ. އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް، ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފަ އެވެ.

މި މައްސަލައިގައި ގޯތިތަކުގެ ވެރިން ތަމްސީލުކުރާ ވަކީލު އިއްޔެ ވިދާޅުވި ގޮތުގައި ކޯޓު އަމުރާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމަން ކޯޓުން ތާވަލުކޮށްފައި ވެ އެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ހުކުމް ކުރުމަށް ތާވަލުކޮށްފައިވެ އެވެ.

ވަކީލު ވިދާޅުވި ގޮތުގައި ދައުވާ ކުރަން ބޭނުންވާ 18 ވަރަކަށް މީހުން ތިބި އިރު، މިހާތަނަށް ކޯޓަށް ހުށަހަޅާފައި ވަނީ 14 މީހެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އަޑުއެހުންތައް އިއްޔެ ފެށިއިރު، ހަތް މީހެއް މައްސަލައިގެ އަޑުއެހުން ބޭއްވި އެވެ. އިއްޔެ އޮތީ އިބްތިދާއީ މަރުހަލާގެ ކަންކަމެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުން، މުޅި އައްޑޫގެ މުސްތަގުބަލަށްޓަކައި އެ ބިން އަނބުރާ ކައުންސިލަށް ނެގުން މުހިންމު ކަމަށެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމިއިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތްކުރަން ވެސް ފަށައިފަ އެވެ. އިމާރާތްކޮށްފައިވާ ގޯތިތަކުގެ މީހުންނާ ވެސް މަޝްވަރާ ކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އަދި އެ ގޯތިތައް ނަގަން އިއުލާނުކުރި އިރު ކައުންސިލުން ވަނީ އެ ތަންތަނުގައި އިތުރު މަސައްކަތް ނުކުރުމަށް ވެސް އަންގައިފަ އެވެ.