Roadha Mihaaru
އައްޑޫ ގޯތިތައް ނެގުން ހުއްޓުވަން ވަގުތީ އަމުރެއް

ގޯތިތައް ނުނަގަން އަންގައި ހިތަދޫ ކޯޓުން ވަގުތީ އަމުރެއް ނެރެފި

08 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ނުނެގުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގައި އެ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ނުނެގުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގައި އެ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ހިތަދޫގައި ހުންނަ ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައި 40 ގޯތި، މުޅި އައްޑޫގެ މަސްލަހަތަށް ކަމަށް ބުނެ، އަތުލަން ކައުންސިލުން ނިންމުމުން، ބައެއް ގޯތިތަކުގެ ވެރިން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފަ އެވެ

ގޯތިތައް ނަގަން ކައުންސިލުން ނިންމީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ގޯތިތައް ކައުންސިލުން ނެގިޔަ ނުދޭން ވަގުތީ އަމުރަކަށް ވެސް އެ ފަރާތްތަކުން އެދިފައިވެ އެވެ.

އެ މައްސަލައިގައި ގޯތިތަކުގެ ވެރިން ތަމްސީލު ކުރާ ވަކީލު "މިހާރު" އަށް ވިދާޅުވީ، އެ މީހުން އެދިފައިވާ ގޮތަށް ގޯތިތައް ނެގުން ވަގުތީ ގޮތުން ހުއްޓައިލަން އަންގައި ހިތަދޫ ކޯޓުން މިއަދު އަމުރެއް ނެރެފައިވާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު، މައްސަލަ ތާވަލު ކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ނިންމައިލުމަށެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދަކަށް ވާތީ، މުޅި އައްޑޫގެ މުސްތަގުބަލަށްޓަކައި އެ ބިން ނެގުން މުހިންމެވެ.

ކައުންސިލުން ނިންމާފައި ވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ބިންތައް ނަގައި އޭގެ ބަދަލުގައި ކުރިން ހޮސްޕިޓަލު އަޅަން ނިންމި ސްޓޭޑިއަމް ސަރަހައްދުން ގޯތިތައް ދޭށެވެ.

ބައެއް ފަރާތްތަކުގެ މައްސަލަ ކޯޓުގައި އޮތް ނަމަވެސް، ކައުންސިލުން ވަނީ ސްޓޭޑިއަމް ސަރަހައްދުން ދޫކުރާ ބިންތަކާ ހަވާލުވުމަށް އަންނަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފަ އެވެ.