Roadha Mihaaru
އައްޑޫގެ ގޯތިތައް ނެގި މައްސަލަ 20 ދުވަހުން ނިންމަނީ

އައްޑޫ ކައުންސިލުން ގޯތިތައް ނަގާ މައްސަލަ 20 ދުވަހުން ނިންމަން ކޯޓުން ތާވަލުކޮށްފި

04 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ނިންމަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ތާވަލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ނިންމަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ތާވަލުކޮށްފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައި 40 ގޯތި، މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ، އަތުލަން ނިންމުމުން އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި، މައްސަލަ ހޫނުވެ، ބައެއް މީހުން ވަނީ ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

އެ މައްސަލައިގައި ގޯތިތަކުގެ ވެރިން ތަމްސީލުކުރާ ވަކީލު ވިދާޅުވި ގޮތުގައި ދައުވާ ކުރަން ބޭނުންވާ 18 ވަރަކަށް މީހުން ތިބި އިރު މިހާތަނަށް ކޯޓަށް ހުށަހަޅާފައި ވަނީ 14 މީހެއްގެ މައްސަލަ އެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެ އެވެ. އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް، ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފަ އެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މިއަދު ހަތް މީހެއް މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވެ އެވެ. އެގޮތުން ހެނދުނު ބައެއް މައްސަލަތައް އަދި މެންދުރު 12 އިން ފެށިގެން ވެސް އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެ އެވެ. މިއަދު އޮތީ އިބްތިދާއީ މަރުހަލާގެ ކަންކަމެވެ.

ވަކީލު މިއަދު ވިދާޅުވީ، ކޯޓު އަމުރާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމަން ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ހުކުމް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: ކައުންސިލުން ނެގި ގޯތިތަކަކީ މި ހޮސްޕިޓަލް ކައިރީގައިވާ ގޯތިތަކެއް -- މިހާރު ފޮޓޯ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: ކައުންސިލުން ނެގި ގޯތިތަކަކީ މި ހޮސްޕިޓަލް ކައިރީގައިވާ ގޯތިތަކެއް -- މިހާރު ފޮޓޯ

އެއްވެސް ސަބަބެެއް މެދުުވެރިވެގެން އެއްވެސް އަޑުއެހުމެއް ކެންސަލް ވެއްޖެ ނަމަ މައްސަލަ އަވަސް ކުރުމަަށް ޖެހިގެން އަންނަ ދުވަހަށް އަޑުއެހުން ތާވަލުކުރާ ގޮތަށް ވެސް ނިންމާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން، މުޅި އައްޑޫގެ މުސްތަގުބަލަށް ޓަކައި އެ ބިން ނެގުން މުހިންމު ކަމަށް ކައުންސިލުން ދެކެ އެވެ.

ނެގި ގޯތިތަކުގެ ބަދަލުގައި ގޯތިތައް ދޫކުރާނީ އައްޑޫގެ ހޮސްޕިޓަލު އަޅަން ކުރިން ނިންމި ބިމުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފަ އެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ގޯތިތައް ނަގަން އިއުލާނުކުރި އިރު ކައުންސިލުން ވަނީ އެ ތަންތަނުގައި އިތުރު މަސައްކަތް ނުކުރުމަށް ވެސް އަންގައިފަ އެވެ.