Roadha Mihaaru
ތާލިބާނުން ކުންދޫޒް ހިފައި ބޮޑު ކުރިއެރުމެއް ހޯދައިފި

ތާލިބާނުން ކުންދޫޒް ހިފައި ބޮޑު ކުރިއެރުމެއް ހޯދައިފި

08 އޯގަސްޓް 2021

އަފްގާނިސްތާން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެ ގައުމުގެ އުތުރުގެ މައި ރަށެއް ކަމަށްވާ ކުންދޫޒް، އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފި އެވެ.

އަފްގާނިސްތާން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެ ގައުމުގެ އުތުރުގެ މައި ރަށެއް ކަމަށްވާ ކުންދޫޒް، އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފި އެވެ.

ކުންދޫޒްގައި ހުރި ބީބީސީގެ ރިޕޯޓަރު ބުނި ގޮތުގައި ކުންދޫޒްގެ ވައިގެ ބަނދަރު ފިޔަވައި އެ ސަހަރުގެ އެހެން ހުރިހާ ސަރަހައްދެއް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. ތާލިބާނުން މިއަދު ހެނދުނު އެ ސަހަރަށް ވަނުމާ އެކު، ބޮޑެތި އިމާރާތްތަކާއި ޝޮޕިން މޯލްތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. އަދި އެތައް ހާސް ބަޔަކު ކުންދޫޒް ދޫކޮށް އެހެން ސަރަހައްދުތަކަށް މިހާރު ހިނގައްޖެ އެވެ.

ކުންދޫޒަކީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން، ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ، އެ ގައުމުގެ ތިން ވަނަ މައި ރަށެވެ. ހުކުރު ދުވަހު އެންމެ ފުރަތަމަ ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ، ހުޅަނގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ނިމްރޯޒްގެ ވެރިރަށް ޒަރަންޖް އެވެ. އަދި ހޮނިހިރު ދުވަހު ވަނީ ޖައުޒްޖާން ޕްރޮވިންސްގެ ވެރިރަށް ޝެބެރްޣާން ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ކުންދޫޒް ހިފުމަކީ، މިދިޔަ މެއި މަހު ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކުރި ފަހުން، އެ ޖަމާއަތަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ކުންދޫޒަކީ އަފްގާނިސްތާނުގެ އެންމެ ބޮޑެތި ސަހަރުތަކުގެ ތެރޭގައި ހިމެނޭ ސަހަރެކެވެ. އަދި އެއީ އެ ގައުމުގެ އުތުރު ޕްރޮވިންސްތަކާއި ދެކުނުގެ ޕްރޮވިންސްތައް ގުޅުވައިދޭ މައި މަރުކަޒު ވެސްމެ އެވެ.

ކުންދޫޒްއަކީ ސްޓްރެޓީޖީ ގޮތުން ބަލާއިރު، އަފްގާނިސްތާނުގައި ވެރިކަން ކުރާ ކޮންމެ ބަޔަކަށް ވެސް ވަރަށް މުހިންމު ސަހަރެކެވެ. ކުންދޫޒް އާއި ބޮޑެތި އެހެން ސަހަރުތައް ގުޅުވައިދޭ ހައިވޭތައް އޮތުމުގެ އިތުރުން، ތަޖިކިސްތާނުގެ ބޯޑަރާ ވެސް ގުޅިފައި އޮންނަ ސަހަރެކެވެ.

ކުންދޫޒް އާއި ތަޖިކިސްތާނު ގުޅުވައިދޭ ބޯޑަރަކީ، މެދުތެރޭ އޭޝިޔާގެ ގައުމުތަކަށް އަފްގާނިސްތާނުން ވަގަށް ހެރޮއިން އާއި އަފިހުން ބޭރުކުރާ މައި ދޮރޯއްޓެވެ. ޔޫރަޕަށް އެ ތަކެތި ފަތުރަނީ ތަޖިކިސްތާނުގެ ތެރެއިންނެވެ. މަސްތުވާތަކެތި ވަގަށް ބޭރު ކޮށްގެން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރި ހިންގާއިރު، ތާލިބާނުންގެ ބާރުގެ ދަށަށް ކުންދޫޒް ދިޔުމަކީ، މަސްތުވާތަކެތީގެ ވަގު ވިޔަފާރި އެ ޖަމާއަތުގެ ފުރިހަމަ ބާރުގެ ދަށަށް ދިޔުމެވެ.

މިހާރު ލިބޭ ޚަބަރުތައް ބުނާ ގޮތުން، އަފްގާނިސްތާނުގެ އުތުރުގައި އޮންނަ ސަރެޕުލް ޕްރޮވިންސް ވެސް މިހާރު ވަނީ ތާލިބާނުން ހިފައިފަ އެވެ. ނަމަވެސް އެކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ.

އަފްގާނިސްތާނުގެ އިރު-އުތުރު ސަހަރެއް ކަމަށްވާ އަސަދުއާބާދުގައި ވެސް އިއްޔެ އާއި ރޭ ވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި އެވެ. އެ ސަހަރުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށްޓަކައި ސްކޫލްތަކާއި މިސްކިތްތައް ފަދަ ތަންތަނަށް ވަދެފަ އެވެ.

"އަހަރެމެންގެ އަވަށަށް ވަރަށް ގިނައިން ބޮން އަޅައިފި. ތާލިބާނުން މި އަވަށަށް އަރައި ހުރިހާ އެއްޗެއް ސުންނާފަތި ކޮށްފި. އަހަރެމެން މިތިބީ ގޮތް ހުސްވެ، ގެދޮރު ދޫކޮށް ދާންޖެހިފައި. މި ނުރައްކާތެރި ހާލަތުގައި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ނިންދަވަން މިޖެހެނީ މި ހިލަ ބިންގަނޑުގެ މަތީގައި،" އަސަދުއާބާދުގެ ރައްޔިތެއް ކަމަށްވާ ގުލް ނާޒް އޭއެފްޕީ އަށް ކިޔައިދިނެވެ.