Roadha Mihaaru
ފައިސާ ހޯދަން ޓެކްސީ ޑްރައިވަރަކު މަރާނުލީ ކިރިޔާ!

ޓެކްސީ ޑްރައިވަރަކަށް ބިރުވެރި ހާދިސާއެއް، ފައިސާގެ ބޭނުމުގައި މަރާނުލީ ކިރިޔާ!

10 އޯގަސްޓް 2021

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ފައިސާގެ ބޭނުމުގައި ރޭ ދަންވަރު ހަމަލާދީ އޭނާ މަރާލަން ބިދޭސީމީހަކު މަސައްކަތްކުރި ކަމުގެ ތުހުމަތު އެ މީހާގެ އާއިލާ އިން ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ފައިސާގެ ބޭނުމުގައި ރޭ ދަންވަރު ހަމަލާދީ އޭނާ މަރާލަން ބިދޭސީމީހަކު މަސައްކަތްކުރި ކަމުގެ ތުހުމަތު އެ މީހާގެ އާއިލާ އިން ކޮށްފި އެވެ.

އުމުރުން 34 އަހަރުގެ އެ ޑްރައިވަރުގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް މިއަދު ބުނީ، ހަމަލާދޭން މަސައްކަތް ކުރީ ހުޅުލެ އިން ޓެކްސީ އަށް އެރި އިންޑިއާގެ ފިރިހެން ޓޫރިސްޓަކު ކަމަށެވެ. އެ މީހާ ޓެކްސީ އަށް އެރީ ފްލައިޓް ކަޓައި، އޭނާ އަށް ފުރޭ ގޮތް ނުވެގެން އަނބުރާ ގެސްޓް ހައުސް އަށް ދިއުމަށް ކަމަށް އާއިލާ އިން ބުންޏެވެ.

"ފުދޭވަރަކަށް ބޮޑު ދެ ލަގެޖް އޭނާގެ އަތުގައި އޮތީ. އެކަތި ޑިކީ އަށް ނުލެވިގެން ފަހަތު ސީޓަށް އެރުވީ. ދެން އޭނާ މި އެރީ ޑްރައިވަރުގެ ފަހަތުގެ ސީޓަށް. ގާތްގަނޑަކަށް 24 ވަރަކަށް އަހަރުގެ ވަރަށް ޑީސެންޓްކޮށް ހުރި މީހެއް އެއީ،" ޓެކްސީ ޑްރައިވަރުގެ އާއިލާ އިން ބުންޏެވެ.

މީގެ ނުވަ މަސްް ކުރިން ޓެކްސީ ދުއްވަން ފެށި ޑްރައިވަރާ ހަވާލާދީ އޭނާގެ އާއިލާގެ މީހާ ބުނީ އެ ބިދޭސީމީހާ އެދުނީ ހުޅުމާލޭގެ "ނިރޮޅުމަގު 19" ގައި ހުންނަ ތަނަކަށް ގެންގޮސްދޭން ކަމަށެވެ. ދަތުރު ނަގައިގެން ދިޔަ މަގުމަތީގައި އެ ހިސާބަށް ދެވުމާ އެކު، ފަހަތު ސީޓުގައި އިން އެ ބިދޭސީމީހާ ލައިގެން ހުރި ޓީޝާޓް ކުއްލި ގޮތަކަށް ބާލައި، ޑްރައިވަރުގެ ކަރުގައި އޮޅައިލީ ކަމަށް ޑްރައިވަރުގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ލައިގެން ހުރި ޓީޝާޓުން [ޑްރައިވަރުގެ] ކަރުގައި ބާރުކޮށްލީ. އޭނާ އިނީ ފަހަތު ސީޓްގައި ފައި ވިއްދާލައިގެން ވަރަށް ބާރަށް ކަރުގައި [ޓީޝާޓް] އޮޅާލައިގެން،" އާއިލާ އިން ބުންޏެވެ.

ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ޑްރައިވަރުގެ ކަރުގައި ޓީޝާޓް އޮޅާލައިގެން އެ ބިދޭސީމީހާ ހުރި އިރު، ޑްރައިވަރު ނޭވާ ހާސްވެގެން ތެޅެމުން ގޮސް، ޓެކްސީގެ ދޮރު ހުޅުވުމާ އެކު ކާރުން ނުކުތީ ކަމަށް އާއިލާ އިން ބުނެ އެވެ. ހަމަލާދިން މީހާ ވެސް އެ ވަގުތުން ޓެކްސީން ފޭބި އެވެ. އެކަމަކު ދެން އޭނާ އަތުން ޑްރައިވަރުގެ ކަރުގައި ހިފި ކަމަށާއި އޭރު ސަލާމަތްކޮށްދިނުމަށް އެދި ގޮވަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި ތިބި ހައެއްކަ މީހުން އަޅައި ވެސް ނުލި ކަމަށް އާއިލާ އިން ބުންޏެވެ.

"ކާރުން ނުކުމެވުން ގޮތް ބުނެދޭން ވެސް ނޭނގެއޭ [ޑްރައިވަރު] ބުނީ. އެކަމަކު ފަހުން ކަރުގައި ހިފައިގެން އުޅެނިކޮށް ވެއްޓުނީ. ދެން އެ ފަތުރުވެރިޔާ ނިރޮޅުމަގުން ފިލަން ދުއްވައިގަތީމާ ޑްރައިވަރު ވެސް ދުއްވައިގަތީ އޭނާ ފަހަތުން. އޭރު ފުލުހުންނަށް ގުޅައިދޭން ގޮވަމުން ދިޔައީ. ވަރަށް ބައިވަރު މީހުން މަގުމަތީ އޮތް. ދިވެހިން އަޅައެއް ވެސް ނުލާ،" ޑްރައިވަރުގެ އާއިލާ އިން ކިޔައި ދިނެވެ.

އެ ބިދޭސީމީހާ ފިލަން ދުވަމުން ގޮސް އެ ސަރަހައްދުގައި މަޑުކޮށްލި ވަގުތު ފުލުހުންނަށް ވެސް އެ ސަރަހައްދަށް ދެވުމާއެކު، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުންގެ ސުވާލުތަކުގެ ޖަވާބުގައި ބިދޭސީ މީހާ ބުނީ ޑްރައިވަރު މަރައިލަން އުޅުނީ އަތުގައި ފައިސާ ނެތުމުން ފައިސާ ހޯދުމަށް ކަމަށެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނާ ކަމަށް އާއިލާ އިން ބުންޏެވެ.

މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ރޭ ފަރުވާދިނެވެ. އޭނާގެ އަނގަ ހުޅުވައި ނުލެވޭ ވަރުވެފައިވާ ކަމަށާއި މޫނާއި ލޯ މަތި ވެސް ވަނީ ދުޅަވެފައި ކަމަށް އާއިލާ ބުންޏެވެ. މޫނުގެ ބައެއް ތަންތަނުން ލޭ ވެސް އައިސްފައިވާ ކަމަށާއި ވެއްޓި ކަކުލު ހުޅު ކައިރީ ވެސް ދުޅަވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ..

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ރޭ ދަންވަރު 12:40 ހާއިރު މިފަދަ ހާދިސާއެއް ހުޅުމާލޭގައި ހިނގާފައިވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.