Roadha Mihaaru
އެސްޖީގެ މަގާމަށް 272 މީހަކު ޝޯޓްލިސްޓްކޮށްފި

ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 272 މީހަކު ޝޯޓްލިސްޓްކޮށްފި

10 އޯގަސްޓް 2021

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް 272 މީހަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށާ އަދި އެ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ އަންނަ މަހު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް 272 މީހަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށާ އަދި އެ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ އަންނަ މަހު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކަށް 200 އެސްޖީން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލާފައިވެ އެވެ. އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހަކާއި އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.

މީގެ ތެރެއިން ޝޯޓްލިސްޓު ކުރި 272 މީހެއްގެ އިމްތިހާނު މިހާރު ވަނީ ނިމިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު މި އިމްތިހާނު ބޭއްވި ވާޗުއަލްކޮށެވެ.

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެސްޖީންގެ މަގާމަށް ކުރިމަތިލީ މީހުންގެ އިމްތިހާނު ނިމިފައިވާ ކަމަށެވެ. މި އިމްތިހާނަށް ފަހު ދެން އޮންނަނީ އިންޓަވިއުގެ މަރުހަލާ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އިންޓަވިއުތައް ނަގާ ނިންމާލާއި އަންނަ މަހުގެ ކުރީ ކޮޅު އެސްޖީން އައްޔަން ކުރަން ފެށުން،" އިބްރާހިމް ވިދާޅުވި އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ދޭން ވަނީ ނިންމައިފަ އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ. އެގޮތުން، އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދާނެ އެވެ. މަގާމަށް އައްޔަންކުރާނީ އޭގެ ފަހުންނެވެ.