Roadha Mihaaru
ނަފްރަތުގެ ބިލު ހުށަހެޅިގޮތަށް ފާސްކުރާކަށް ނޭދެން: ރައީސް

ނަފްރަތުގެ ބިލު ހުށަހެޅިގޮތަށް ފާސްކުރާކަށް ނޭދެން: ރައީސް

11 އޯގަސްޓް 2021

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތްގޮތަށް ފާސްނުކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތްގޮތަށް ފާސްނުކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށެވެ. އިސްލާހުކުރަންޖެހޭ ކަންކަން އޭގައި ހުންނާނެ ކަމަށާއި ބައެއް ބިލްތައް މަޖިލީހަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސްފައި ވެސް ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ނަފްރަތުގެ ބިލު އަޅުގަނޑުމެން ފޮނުވުމަށްފަހުގައި އެއާ ދޭތެރޭގައި ވިސްނިއިރުގައި އާއްމުންގެ ވިސްނުމާ އެއްޗެހި ހުރިގޮތުން އެ ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ. އެ އިސްލާހުތައް އަޅުގަނޑުމެން ވާނީ މަޖިލީހަށް ހުށަހަޅާފައި. ކޮމިޓީ ސްޓޭޖުގައި އޭގެ ބައެއް އިސްލާހުތައް ގެނެފައި ހުރިކަން އަޅުގަނޑު ގަބޫލުކުރަން،" އެމްޑީޕީގެ ތެރޭގައި ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ބިލާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އެބަހުރި. އެ އިސްލާހުތަކާއެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،"

ސަރުކާރުން ހުށަހެޅި ގޮތަށް ނަފްރަތުގެ ބިލު ފާސްނުކުރަން ރައީސް އެދިވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ގުޅުން އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ އެއް ސަބަބަކީ ވެސް ނަފްރަތުގެ ބިލު ފާސްނުކޮށް ދިގު ދެންމުމެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ ހިޔާލު ތަފާތުވުންތަކަށްފަހު، ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވަނީ ރައީސާ ދެމެދު އޮތް ސިޔާސީ ގުޅުން ވެސް ކަނޑުއްވާލައްވައިފަ އެވެ.

ނަޝީދު މިިދިޔަ މަހުގެ 17 ގައި ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށެވެ. އަދި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާއްމުންގެ ތެރެއިން ވެސް އެތައް ބައެއްގެ ކަންބޮޑުވުން ގުޅިފައިވާ ބިލު ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް މިދިޔަ މަހުގެ 8 ވަނަ ދުވަހު އެ ބިލު ވަނީ އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެހެންވެ، މެއި މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހެޅި ބިލު އަދި ވެސް އޮތީ ކޮމިޓީ މަރުހަލައިގަ އެވެ.

ބިލު ކޮމިޓީއަށް އަނބުރާ ފޮނުވައިލަން ނިންމީ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކާ ވެސް އަލުން މަޝްވަރާކޮށް ބަދަލުތަކެއް ގެންނާށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.