Roadha Mihaaru
އިންޑިއާގެ ޓޫރިސްޓުން ގެސްޓް ހައުސްތައް ފުރާލައިފި

އިންޑިއާގެ ޓޫރިސްޓުން ގެސްޓް ހައުސްތައް ފުރާލައިފި

12 އޯގަސްޓް 2021

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖެ ހުޅުވައިލުމާ އެކު އިންޑިއާގެ ޓޫރިސްޓުން އައިސް ގެސްޓް ހައުސްތައް ފުރާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖެ ހުޅުވައިލުމާ އެކު އިންޑިއާގެ ޓޫރިސްޓުން އައިސް ގެސްޓް ހައުސްތައް ފުރާލައިފި އެވެ.

ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް މި ވަގުތު ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ހުރީ 90 ޕަސެންޓަށްވުރެ މަތީގަ އެވެ. ގިނަ ގެސްޓް ހައުސްތައް ވަނީ ފުލްވެފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މާފުށީގައި ގެސްޓް ހައުސް ހިންގާ މީހަކު ބުނީ އަހަރުގެ މި ދުވަސްވަރަކީ ގެސްޓް ހައުސް ޓޫރިޒަމް ވަރަށް ދަށް ދުވަސްވަރެއް ކަމަށާއި ނަމަވެސް ކޮވިޑް-19އާ އެކު ޓޫރިޒަމަށް އައި ބަދަލާ ގުޅިގެން އެ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މާފުށީގެ ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީގެ ބޮޑު ޕަސެންޓެއް ކަވަރު ކުރަނީ އިންޑިއާގެ ޓޫރިސްޓުންނެވެ.

"ބޮޑަށް ހަމަ ކޮވިޑާ އެކު އައި ބަދަލެއް މިއީ. އާއްމުކޮށް މި ދުވަސްވަރު ވަރަށް ދަށްވާނެ. މި ރަށުގައި ވެސް ގިނައިން ތިބީ އިންޑިއާ ޓޫރިސްޓުން. އެ މާކެޓް ހުޅުވާލުމުން އަންނަ މީހުންގެ އަދަދު އިތުރު،" ނަން ހާމަނުކުރަން އެދި އެ މީހާ ބުންޏެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ފުރިފައިވާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގެ ގެސްޓް ހައުސްތައް ވެސް ވަނީ ފުރިފަ އެވެ. އައްޑު އަށް ވެސް ގިނައިން ދަނީ އިންޑިއާ ޓޫރިސްޓުންނެވެ. މީގެ ތެރޭގައި އެކި ގައުމުތަކަށް ދާން ރާއްޖޭގައި ކަރަންޓީން ވާން އަންނަ ޓޫރިސްޓުންނާއި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ހިމެނެ އެވެ.

އައްޑޫ ގެސްޓް ހައުސް އެއް ކަމަށްވާ ޒެން މޯލްޑިވްސްގެ ވެރިޔާ އަބްދުﷲ ރާފިއު ވިދާޅުވިގޮތުގައި، އެ ސިޓީގެ ގެސްޓް ހައުސްތައް ފުލްވާނީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކެއް ފުލް ވެގެން ކަމަށެވެ. އެއީ މާލެ އިން އައްޑު އަށް ދިއުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން ޓޫރިސްޓުން އެންމެ ފުރަތަމަ މާލެއާ ކައިރި ރަށްތައް ހިޔާރު ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑު އަށް މި ވަގުތު ބައިނަލްއަގްވާމީ ފްލައިޓުތައް ދަތުރެއް ނުކުރެ އެވެ.

"ޑައިރެކްޓްކޮށް މިކޮޅަކަށް ނާދެވޭނެ. މާލެ އިން އަންނަންޏާ ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ. އެހެންވެ ގިނަ ޓޫރިސްޓުން ބަލާނީ މާލެއާ ކައިރި ރަށަކުން ސްޓޭ ލިބޭތޯ. އެކަމަކު މި ދުވަސްވަރު ހުރިހާ ތަނެއް ފުލްކޮށް އުޅޭތީ އެއްވެސް އިތުރު ޗޮއިސްއެއް ނެތީމާ އައްޑުއަށް އަންނަނީ" އޭނާ ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ.

އެޗްޕީއޭ އިން ނިންމާފައިވާ ގޮތުގައި ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ދަތުރު ކުރެވޭނެ އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ވެސް ވަކި ޝަރުތުތަކަކާ އެކު ދަތުރު ކުރެވޭ ގޮތް މިހާރު ވަނީ ހަދައިފަ އެވެ. އެގޮތުން، ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ދެވޭނީ އާބާދީގެ 60 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކަށް އެކަންޏެވެ.