Roadha Mihaaru
ރަޝިއާގެ ކޮވިޑް ވެކްސިންގެ ކާމިޔާބީ ފާހަގަކުރަނީ

ރަޝިއާގެ ކޮވިޑް ވެކްސިންގެ ކާމިޔާބީ ފާހަގަކުރަނީ

13 އޯގަސްޓް 2021

ކޮވިޑް-19 އަށް މިހާރު ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން އެ ބައްޔާ ދެކޮޅަށް އެންމެ ފުރަތަމަ އުފައްދައި، ބޭނުންކުރަން ފެށި ރަޝިއާގެ ސްޕަޓްނިކް ވީ އަށް އެއް އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އަށް މިހާރު ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން އެ ބައްޔާ ދެކޮޅަށް އެންމެ ފުރަތަމަ އުފައްދައި، ބޭނުންކުރަން ފެށި ރަޝިއާގެ ސްޕަޓްނިކް ވީ އަށް އެއް އަހަރު ފުރުން ފާހަގަކޮށްފި އެވެ.

މި ވެކްސިން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާންކުރެއްވީ އޮގަސްޓް 11، 2020 ގަ އެވެ.

މި ވެކްސިންގެ ރަސްމީ ވެބްސައިޓްގައި މި މަހުގެ 11 ގައި އާންމުކުރި ބަޔާނެއްގައި ބުނީ ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިނަށް އަހަރެއް ވީ އިރު، މި ވެކްސިން މިހާރު 69 ގައުމެއްގައި ބޭނުންކުރާ ކަމަށެވެ. އަދި މި ވެކްސިނަކީ 3.7 ބިލިއަނަށް ވުރެ ބޮޑު އާބާދީއެއް ބަރޯސާވާ ވެކްސިނެއް ކަމަށް ބުންޏެވެ.

"ސްޕަޓްނިކް ވީ" ވެކްސިން އުފައްދާފައި ވަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ދި ގަމާލޭޔާ ނޭޝަނަލް ސެންޓަ އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބައޮލޮޖީންނެވެ. ވެކްސިނަށް ނަން ދީފައި ވަނީ ރަޝިއާ އިން އުފެއްދި ފުރަތަމަ އާޓިފިޝަލް އާތު ސެޓެލައިޓް "ސްޕަޓިކް 1" އާ ގުޅުވައިގެންނެވެ. ނަމުގައި ހިމެނޭ "ވީ" ރަމްޒުކޮށް ދެނީ "ވިކްޓްރީ" ނުވަތަ ކާމިޔާބީ އެވެ.

ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން ސްޕަޓްނިކް އަށް ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އިން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. އެއަށް އަހަރެއްވުމާ ގުޅިގެން އެތަނުގެ ސީއީއޯ ކިރިލް ޑިމިޓްޓްރީވް ވިދާޅުވީ އެންމެ ބޮޑު އުފަލަކީ ރަޝިއާގެ މި ވެކްސިނަކީ އެތައް މިލިއަން މީހުންގެ ފުރާނަ ސަލާމަތްކޮށްދިން ވަސީލަތަކަށްވުން ކަމަށެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި މި ވެކްސިނަކީ މިދިޔަ އަހަރު މުޅި ދުނިޔެ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަށް ވާނެ،" މިދިޔަ އަހަރުގެ ނޮވެމްބަރު ހިސާބުގައި ބޭނުންކުރަން ފެށި ވެކްސިނާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. "ސްޕަޓްނިކް ވީ އަކީ ރަޝިއާގެ ވެކްސިނޭޝަންގެ މައިބަދަ."

ރަޝިއާގައި މިދިޔަ އަހަރުގެ ފަހުކޮޅު ސްޕަޓްނިކް ވީ ވެކްސިން ދޭން ފެށި ނަމަވެސް އެ ވެކްސިނަށް ދުނިޔޭގެ ގިނަ ގައުމުތަކުން ހުއްދަ ދޭން ފެށީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.

މި ވެކްސިން އުފެއްދި ގަމާލޭޔާ ނޭޝަނަލް ސެންޓަ އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބައޮލޮޖީން މިދިޔަ ޖޫން މަހު ބުނެފައިވާ ގޮތުގައި މިހާރު ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއަންޓްގެ ގޮތުގައި ފާހަގަކުރެވޭ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ވެކްސިނަކީ ވެސް ސްޕަޓްނިކް ވީ އެވެ. އެ ވޭރިއަންޓާ ދެކޮޅަށް މި ވެކްސިން 90 ޕަސަންޓް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

ސްޕަޓްނިކް ވީގެ ކާމިޔާބީ ފާހަގަކުރަމުން ދާއިރު ކޮވިޑާ ދެކޮޅަށް އެންމެ އާންމުކޮށް ބޭނުންކުރަމުން އަންނަ ވެކްސިންތަކަކީ ބައޯއެންޓެކް ފައިޒާ ވެކްސިން، މޮޑަނާ ވެކްސިން، އޮކްސްފޯޑް އެކްސްޓްރަޒެނެކާގެ ވެކްސިނެވެ.