Roadha Mihaaru
ޔޫކޭއިން ރާއްޖެ އަންނަން ހެއްދި ގިނަ ބުކިން ކެންސަލް!

ޔޫކޭ އިން ރާއްޖެ އައުމަށް ރޭވި ގިނަ ބައެއްގެ ބުުކިންތައް ކެންސަލް!

12 އޯގަސްޓް 2021

ޔޫރަޕްގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންޓު، "ޓުއިން" މެދުވެރިކޮށް ތިން މަހުގެ ޗުއްޓީއަކަށް ރާއްޖެ އައުމަށް ހަދާފައިވާ ގިނަ ބުކިންތަކެއް ކެންސަލް ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫރަޕްގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންޓު، "ޓުއިން" މެދުވެރިކޮށް ތިން މަހުގެ ޗުއްޓީއަކަށް ރާއްޖެ އައުމަށް ހަދާފައިވާ ގިނަ ބުކިންތަކެއް ކެންސަލް ކޮށްފި އެވެ.

މި މަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަން ހަދާފައިވާ ގިނަ ބުކިންތަކެއް ކެންސަލް ކުރީ އިނގިރޭސި ވިލާތުން މީހުން އައުން މަނާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަދިވެސް އޮތުމުންނެވެ. ރާއްޖޭގެ އިތުރުން އިޓަލީ އާއި މިސްރު ފަދަ ގައުމުތަކަށް ހުރި ބުކިންތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

"ޓުއި" އަކީ ޖަރުމަނުގެ ކުންފުންޏެއް ކަމަށް ވިޔަސް އެއީ އިނގިރޭސި ވިލާތުގެ ޓްރެވެލް އިންޑަސްޓްރީގައި ވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައެކެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ޓްރެވެލް އެޖެންސީތައް ހިންގުމުގެ އިތުރުން އެއާލައިންގެ ހިދުމަތް ވެސް އެ ގުރޫޕުން ދެ އެވެ. ބިލިއަން ޑޮލަރުގެ އެ ކުންފުނީގައި 70،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މިދިޔަ މޭ މަހުން ފެށިގެން ރާއްޖެ އޮންނަނީ އިނގިރޭސި ވިލާތުގެ "ރެޑް ލިސްޓް" ގަ އެވެ. މި މަހުގެ ރިވިއު އިން ރާއްޖެ އެމްބާ ލިސްޓަށް އަރާނެ ކަމަށް ޓްރެވެލް އެޖެންޓުން ލަފާކުރި ނަމަވެސް އެކަން އެގޮތަށް ދިމާނުވެ އެވެ.

ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެވްރެޖްކޮށް 2،500 ޓޫރިސްޓުން އިނގިރޭސި ވިލާތުން އަ އެވެ. މިއީ ކޮވިޑްގެ މި ހާލަތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު ވަރަށް ބޮޑު އަދަދެކެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތު މޭ މަހު ގޯސްވުމާ އެކު، އިނގިރޭސި ވިލާތުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރި އެވެ. އެއާ އެކު އެ ގައުމުން ޓޫރިސްޓުން އަންނަ ވަރު މިދިޔަ ޖޫން މަހު 500 އަށް ތިރި އެވެ.

ސަރުކާރުން ބުނީ ދެން އަންނަ ރިވިއުއެއްގައި ރާއްޖެ ރެޑް ލިސްޓުން ސަލާމަތްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ދެން ރިވިއުއެއް ކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 25 ހިސަބުގަ އެވެ.