Roadha Mihaaru
ރާއްޖެއަށް ނުދާން ޔޫކޭން ނެރުނު އެޑްވައިޒަރީ އުވާލައިފި

ޒަރޫރީ ބޭނުމަށް ނޫނީ ރާއްޖެއަށް ނުދާން ޔޫކޭން ނެރުނު އެޑްވައިޒަރީ އުވާލައިފި

28 ސެޕްޓެމްބަރ 2021

ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ރާއްޖެއަށް ނުކުރުމަށް އިރުޝާދު ދީ އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިސް މިއަދު އުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ރާއްޖެއަށް ނުކުރުމަށް އިރުޝާދު ދީ އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިސް މިއަދު އުވާލައިފި އެވެ.

ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރަން އިރުޝާދުދީ ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ޓްރެވެލް އެޑްވައިޒަރީ އެއް ނެރުނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން، އެގައުމުން އެކުލަަވައިލި ރެޑް ލިސްޓްގައި ރާއްޖެ ހިމެނުމުންނެވެ. އެކަމަކު އެ މިދިޔަ ހަފްތާގައި އެ ލިސްޓުން ރާއްޖެ އުނިކޮށް، މިހާރު ހިމަނާފައި އޮތީ އެމްބާ ލިސްޓްގަ އެވެ.

ރާއްޖޭގައި ހުންނަ ޔޫކޭ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޔޫކޭގެ ރައްޔިތުން ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމުގެ އިރުޝާދެއް މިހާރު ނެތް ކަމަށެވެ. އެހެންވެ އެގައުމުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

ހަތަރު މަސް ވަންދެން ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ އޮތުމަށް ފަހު އެމްބާ ލިސްޓަށް ބަދަލުވުމުން ވެސް ޓްރެވެލް އެޑްވައިޒަރީއަށް ވަގުތުން ބަދަލެއް ނުގެނެ އެވެ. އެގައުމުގެ ބައެއް ޓްރެވެލް އެޖެންޓުންނާއި އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން މިދިޔަ ހަފްތާގައި ބުންޏެވެ.

އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު މިންގަނޑެކެވެ. އެއީ ގްރީން ލިސްޓް، އެމްބާ ލިސްޓް، އެމްބާ ޕްލަސް ލިސްޓް އަދި ރެޑް ލިސްޓެވެ. އެންބާ ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީނުވެވޭނެ އެވެ. އަދި އެ ގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ވެސް ހަދާކަށް ނުޖެހޭނެ އެވެ.

ރެޑްލިސްޓުން ރާއްޖެ އުނިކޮށް އެމްބާ ލިސްޓަށް ލީ ނަމަވެސް އެ ލިސްޓްގެ ގައިޑްލައިންތަކާ އެއްގޮތަށް އެގައުމުގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުނުކޮށް ތިބީ ޓްރެވެލް އެޑްވައިޒަރީ އަށް ބަދަލު ނުގެނެސް އޮތީމަ އެވެ.

ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.