Roadha Mihaaru
މަހްލޫފާއި އަކްރަމަށް ފުރުސަތު ގެއްލިއްޖެ

އެމްޑީޕީގެ އިންތިހާބުން މަހްލޫފާއި އަކްރަމަށް ފުރުސަތު ގެއްލިއްޖެ

17 އޯގަސްޓް 2021

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީން ބަލަމުން ދާތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެ ދެ ބޭފުޅުންނަށް ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީން ކަނޑައަޅައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީން ބަލަމުން ދާތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެ ދެ ބޭފުޅުންނަށް ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީން ކަނޑައަޅައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ގޮތުން އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ކަހަލަ ކަމަކުން ބަރީއަވެފައިވާ މީހުންނަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނެވެ.

އެމްޑީޕީން މަހްލޫފަށާއި އަކްރަމަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާފައިވާ ސިޓީގައި ވެ އެވެ.

ނަމަވެސް މަހްލޫފާއި އަކްރަމްއާ ދެ ބޭފުޅުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާތަނަށް މައްސަލަ ފޮނުވާފައި ވަނީ މަހްލޫފަށް އެކަންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގޮތުން އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރި ނުވެވޭނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށެވެ. އަކްރަމްގެ މައްސަލައެއް އަދި އޭސީސީން އެއްވެސް މުއައްސަސާއަކަށް ފޮނުވި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވާއިރު، އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މިހާރު ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ޕީޖީ އޮފީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އޭޕްރީލް 24 ގައި ހުޅުވައިލުމާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓު އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ.