ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން އޭނާ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފި އެވެ.
05 ސެޕްޓެމްބަރ 2021
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން އޭނާ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފި އެވެ.
އެ މައްސަލަ ބަލަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 8:30 ގައި ބާއްވާތީ އެ ޕާޓީގެ އޮފީހަށް ހާޒިރުވުމަށް މަހްލޫފަށް ވަނީ އަންގައިފަ އެވެ. އެ އެންގުމުގައި ވަނީ އޭނާ ބޭނުން ނަމަ ވަކީލަކާ އެކު ވަޑައިގަތުމަށެވެ.
މަހްލޫފު ހުށަހެޅުއްވި މައްސަލަ ބަލަނީ މިދިޔަ ހަފުތާގައި އަލަށް އައްޔަންކުރި އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުންނެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ރިޔާސަތު ބަލަހައްޓަވާ އެ މަޖީލިހުގެ އަޣުލަބިއްޔަތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ވަކި ތުހުމަތުތަކުން ބަރީއަ ވެގެންވާ މީހުންނަށް ނޫނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް މީގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް މަހްލޫފުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށާއި އޭނާގެ ކެންޑިޑެސީ ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ކަނޑައަޅާފައި ލިސްޓުގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު މަހްލޫފަށް ކުރާއިރު، އޭނާގެ މައްސަލަ އޭސީސީން ބެލުމަށް ފަހު ވަނީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު، އެތައް ދުވަހެއް ވީއިރު ވެސް އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީން ކޯޓަކަށް ނުފޮނުވަ އެވެ.
ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބަށް މަހްލޫފުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނަމަވެސް އޭނާ ގަބޫލު ކުރައްވަނީ އެއީ އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ.
ހިޔާނާތާ ގުޅިގެން ވަޒީރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވިދާޅުވެފައި ވަނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
މަހްލޫފު، އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ބުނެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟
މަހްލޫފާ ގުޅޭ މައްސަލަ ނިންމީ ރަނގަޅަށް: އެމްޑީޕީ
ޝަކުވާ އަށް ޖަވާބު ނުލިބުމުން މަހުލޫފު އީސީ އަށް
އެމްޑީޕީގެ ނިންމުން މުރާޖައާކޮށްދޭން މަހްލޫފް އެދިއްޖެ
މަހްލޫފާއި އަކްރަމަށް ފުރުސަތު ގެއްލިއްޖެ
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟