Roadha Mihaaru
އެމްޑީޕީގެ ނިންމުން މުރާޖައާކޮށްދޭން މަހްލޫފް އެދިއްޖެ

ލިސްޓުން ނަން އުނިކުރީ އުސޫލާ ހިލާފަށް ކަމަށް ވިދާޅުވެ، ނިންމުން މުރާޖައާ ކޮށްދިނުމަށް މަހްލޫފް އެދިވަޑައިގެންފި

18 އޯގަސްޓް 2021

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެއް އޭސީސީން ބަލަމުންދާތީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އޭނާ އަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ކަނޑައަޅާފައި ވާއިރު، އެއީ ޕާޓީގެ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުން މުރާޖައާކޮށް ދިނުމަށް މަހްލޫފް އިއްޔެ އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެއް އޭސީސީން ބަލަމުންދާތީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އޭނާ އަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ކަނޑައަޅާފައި ވާއިރު، އެއީ ޕާޓީގެ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުން މުރާޖައާކޮށް ދިނުމަށް މަހްލޫފް އިއްޔެ އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސަށް މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވި ނަމަވެސް އެ ޕާޓީން ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރިއިރު އެ ލިސްޓުން މަހްލޫފްގެ ނަން ވަނީ އުނިކޮށްފަ އެވެ.

އެގޮތަށް އެމްޑީޕީން ކަނޑައެޅީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނަށް އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައި ވާތީ އެވެ.

އޭގެ ތެރެއިން މަހްލޫފްގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގެ ތުހުމަތެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، މިހާތަނަށް މަހްލޫފަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިނިސްޓަރުކަމުން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ،

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސް ކުރައްވައި މަހްލޫފް ފޮނުއްވި ސިޓީގައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބަށް އޭނާ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ނަމަވެސް ގަބޫލު ކުރައްވަނީ ގާނޫނީ ގޮތުން ޝަރުތު ފުރިހަމަވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ހަވާލާދީފައި ވަނީ އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލިއިރު، ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރި އިއުލާނުގައި ހިމަނާފައިވާ ޝަރުތުތެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކުރާ ޝަރުތެއް ނޫން ކަމަށް މަހްލޫފްގެ ސިޓީގައި ވެ އެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތައް އިންތިހާބެއް ބާއްވަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަން ޖެހެ އެވެ. އެކަމަކު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލިއިރު ނެތް ޝަރުތުތަކެއް އޭޕްރީލް 27 ގައި އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ ހިމަނައިފަ އެވެ.

"މިއީ ކަނޑައެޅިގެން އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެކެވެ،" މަހްލޫފްގެ ސިޓީގައިވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަގާމުތަކަށް ޝަރުތު ކަނޑައަޅާ ނަމަ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް، އެފަދަ ޝަރުތުތައް އިންތިހާބަށް އިއުލާނު ކުރުމުގެ ކުރިން ކަނޑައެޅުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލުކުރާ ގޮތެކެވެ. އެކަމަކު އެފަދަ ހާލަތެއްގައި ވެސް ވަކި ބަޔަކަށް އިންތިހާބުގައި ވާދަކުރުން މަހްރޫމް ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުކަމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށް މަހްލޫފު ވިދާޅުވެ އެވެ.

މަހްލޫފްގެ ސިޓީގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވިއިރު އެ މަނިކުފާނުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް އޭރު އޮތުމާ އެކު ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު އިންތިހާބަކަށް ގޮވައިލި ނަމަވެސް، ރައީސް ކަމާއި މެމްބަރުކަމާއި ކައުންސިލް އިންތިހާބަށް އޭނާ ޝަރުތު ފުރިހަމަވާ ކަމަށް މަހްލޫފް ވިދާޅުވެ އެވެ.

"ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އަޅުގަނޑަށް އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އަޅުގަނޑަށް އެންގުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި ދެކެން،" މަހްލޫފް ވިދާޅުވި އެވެ.

އެ ކަންކަން ހިނގައިދިޔަ ގޮތަށް ބަލައި މަހްލޫފް އެދިވަޑައިގެންފައި ވަނީ އެމްޑީޕީން މިހާރު ނިންމާފައި އޮތް ނިންމުމަކީ ބާތިލު ނިންމެއްގެ ގޮތުގައި ނިންމައި އޭނާގެ ނަން ލިސްޓުގައި ހިމަނައި ދިނުމަށެވެ.

މަހްލޫފް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އަދި މިނިވަން، އިންސާފުވެރި އިންތިހާބަކަށް ވޭތޯ ޕާޓީގެ ލީޑަޝިޕުން ކަށަވަރުކުރަން ޖެހުނު ނަމަވެސް ފެންނަނީ މިނިވަން، އިންސާފުވެރިކަމެއް ނެތް ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ މަންޒަރު ކަމަށެވެ.

"މިއީ ޕާޓީގެ އެންމެހާ އުސޫލުތަކާ ހިލާފު އަދި އާންމު މެމްބަރުން ޕާޓީ އަށް ކުރާ އިތުބާރު ވެސް ގެއްލިގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.