Roadha Mihaaru
އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި: ޑޮކްޓަރު

އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި، އެއީ ބޮޑު އަނިޔާއެއް ލިބުމުން ވާނެ ކަމެއް: ޑޮކްޓަރު

28 ނޮވެމްބަރ 2016

މިދިޔަ އަހަރު ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ ބަނޑަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށާއި އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް އިބްތިހާލް ބެލި ޑޮކްޓަރަކު ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ ބަނޑަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށާއި އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް އިބްތިހާލް ބެލި ޑޮކްޓަރަކު ކޯޓުގައި މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އިބްތިހާލް ބެލި ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު އަހުމަދު ނިޝާނެވެ.

ހެކިބަސް ދެމުން އޭނާ ވިދާޅުވީ އިބްތިހާލަށް ގިނަ އަނިޔާތަކެއް ލިބިފައި ހުރިއިރު އޭނާގެ ކަރުގައި ބާރަށް ހިފާފައި ހުރިކަމުގެ ނިޝާންތައް ހުރުމުގެ އިތުރުން ބަނޑަށް ލޭ އެޅިފައި ހުރި ކަމަށާއި އޭނާ މަރުވުމަށް މެދުވެރިވި މައިގަނޑު ދެ ސަބަބަކީ އެއީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާންމުކޮށް ބަނޑަށް ލޭ އެޅޭނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް ނިޝާން ވިދާޅުވި އެވެ.

އިބްތިހާލްގެ މޭކަށިގަނޑަށް ގެއްލުންވެފައި ހުރުމުން އެއީ މަރުވުމަށް މެދުވެރިވި ސަބަބެއްތޯ ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވުމުން ޝާން ވިދާޅުވީ އިބްތިހާލްގެ މޭކަށިގަނޑަށް ލިބުނު ގެއްލުމަށް ބަލާއިރު، އެއީ އޭނާ ދުނިޔޭގައި ހުރި ނަމަ ފަރުވާދީގެން ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށެވެ.

ޑޮކްޓަރު ނިޝާނާ ސުވާލުކުރަން އާފިޔާ އަށް ފުރުސަތު ދިނުމުން އޭނާ ބުނީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އާފިޔާ ކުރިން ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.

އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދީ އެކަމުގެ ލިޔުންތައް މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏަސް ކުރީގެ އަޑުއެހުންތަކެކޭ އެއްގޮތަށް އާފިޔާ މިއަދު ވެސް ބުނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ. ދައުލަތުން މަސައްކަތް ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް އާފިޔާ އަށް ވަކީލަކު ހޯދައި ދިނުމަށެވެ.

ގާޒީ މުހުތާޒް ވިދާޅުވީ އާފިޔާ ވަކީލަކު ބޭނުން ނުވާއިރު ވަކީލަކު ހަމަޖައްސަން އޭނާ އަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެކަމަކު ޝަރީއަތް ހިނގަމުން ދާއިރު ކޮންމެ މަރުހަލާއެއްގައި ވެސް ވަކީލަކު ހޯދަން އާފިޔާ ބޭނުންވެއްޖެ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ޝަރީއަތުން ދެން އާފިޔާއާ ސުވާލު ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާފިޔާ އަށް ވަކީލަކު ހޯދައިދޭން ދައުލަތުން މަސައްކަތް ކުރަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތައް ތަހުގީގު ކުރުމާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށްފަ އެވެ.

އެކަމަކު ގާޒީ މުހުތާޒް ވިދާޅުވީ އެ ގަވާއިދަކީ ހޯމް މިނިސްޓްރީން ހަދާފައިވާ ގަވާއިދެއް ކަމަށްވާތީ އެ ގަވާއިދަށް އަމަލު ކުރުން ކޯޓަށް ލާޒިމް ނުވާނެ ކަމަށާއި ކޯޓުން އަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ކަމަށެވެ.

އާފިޔާ ބުނެފައިވާ ގޮތުން އިބްތިހާލަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ އެވެ. އެންމެ ފުރަތަމަ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އެދުވަހު ކުރި އަނިޔާތަކާއި އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.