Roadha Mihaaru
އިބްތިހާލަށް އަނިޔާ ކުރުމުން ކޮމާންޑަރު ފިޔަވަޅެއް ނާޅާ

އިބްތިހާލަށް އަނިޔާ ކުރުމުން ވެސް ޕޮލިސް ކޮމާންޑަރު އުޅުނީ އަމިއްލަ ކަންކަމުގައި: ދައުލަތް

09 މާޗް 2017

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ލިބުނުކަން އެނގޭއިރު ވެސް ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު އެކަމަށް ފިޔަވަޅު ނާޅައި، އޭނާ އުޅުނީ އަމިއްލަ ކަންކަމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ލިބުނުކަން އެނގޭއިރު ވެސް ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު އެކަމަށް ފިޔަވަޅު ނާޅައި، އޭނާ އުޅުނީ އަމިއްލަ ކަންކަމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ އަހުމަދު އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރަށް ދައުވާކުރަނީ ޑިސެމްބަރު، 2014 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާ ކުރުމުން ވެސް އެކަމަށް ފިޔަވަޅު ނޭޅި މައްސަލައިގަ އެވެ.

ލިސާނަށް ދައުވާކުރާ ސަބަބު ސާފުކޮށްދޭން އޭނާގެ ވަކީލް އެދުމުން ދައުލަތުން ބުނީ އިބްތިހާލަށް އަނިޔާކުރި މައްސަލަ ހުށަހެޅުމުން ވެސް އެކަމަށް އޭނާ ފިޔަވަޅު ނާޅައި، ލަސްކުރި ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުން ފިޔަވަޅު އަޅަން ފެށީ މާފަހުން ކަމަށެވެ. ލިސާން އެވަގުތު ވެސް އިސްކަން ދިނީ އޭނާގެ އަމިއްލަ ކަންކަމަށް ކަމަށް ދައުލަތުން ބުންޏެވެ.

ލިސާން އިސްކަން ދިނީ އަމިއްލަ ކަންކަމަށް ކަން އޭނާ ތަހުގީގަށް ދިން ބަޔާނުން ވެސް އެނގޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސްކުރިން އޭނާއަށް އަނިޔާކުރި އެ މައްސަލަ ބަލައިގަތީ ޚާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އެކަމަށް ފިޔަވަޅު އެޅުމުގައި ލިސާން އިހުމާލުވި ކަމަށް ދައުލަތުން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ލިސާންގެ ވަކީލް ވިދާޅުވީ އެ ހާދިސާ ހިނގިއިރު ލިސާނަކީ އޭނާގެ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫން ކަމަށާއި ހުރިހާ ކަމެއް ކުރަންޖެހެނީ ޑިވިޝަން ކޮމާންޑަރުގެ ދަށުން ކަމަށެވެ. އެ މައްސަލައިގެ މައުލޫމާތު ޑިވިޝަން ކޮމާންޑަރާ ހިއްސާކުރި ކަމަށާއި ޑިވިޝަން ކޮމާންޑަރު އެންގި ގޮތަށް ލިސާން އަމަލުކުރި ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.

އޭރު ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގައި އިންވެސްޓިގޭޝަން އޮފިސަރެއް ނެތް ކަމަށާއި އެކަށީގެންވާ ވަސީލަތްތައް ވެސް އޭރު ނެތް ކަމަށް ލިސާންގެ ވަކީލް ވިދާޅުވި އެވެ. އެކަންކަން ޑިވިޝަން ކޮމާންޑަރަށް ލިސާން އެންގި ކަމަށާއި ރަކީދޫ އަށް ދާން ބެލިއިރު ލޯންޗެއް އަދި ފެރީއެއް ވެސް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

އެއަށް ޖަވާބު ދެމުން ދައުލަތުން ބުނީ ލިސާނަކީ އެފަދަ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކަމަށާއި ތަނަކުން މައުލޫމާތެއް ނުލިބުނު ކަމަށް ބުނެ މައްސަލައެއް ތަހުގީގު ނުކޮށް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންވެެސްޓިގޭޝަން އޮފިސަރެއް ޕޮލިސް ސްޓޭޝަންގައި ހުރި ކަމަށާއި އެދުވަސްވަރު އޭނާ ޗުއްޓީ އަށް ދިޔައީ އޭނާގެ ޒިންމާތައް ލިސާން އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ދައުލަތުން ބުންޏެވެ. ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ އެކަމުގެ ޝަކުވާއެއް ލިސާން އޭރު ކޮށްފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރީ ތަހުގީގުގައި ދޭންޖެހޭ ހައްގުތައް ނުދީ ކަމަށާއި އަދި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ ލިސާންގެ ފަރާތުން އިޖްރާއީ ނުކުތާއެއް މިއަދު ނެގި އެވެ. އެ ނުކުތާއާ މެދު މިމަހުގެ 29 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.

ލިސާންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އޭރުގެ ދެ މުވައްޒަފަކާއި ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ދެ މުވައްޒަފަކަށް ވެސް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ. އެމީހުންގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.

އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.