Roadha Mihaaru
ކާބުލްގައި ހުރި އެމެރިކާގެ ޖާސޫސީ މަރުކަޒު ގޮއްވާލައިފި

ކާބުލްގައި ހުރި އެމެރިކާގެ ޖާސޫސީ މަރުކަޒު ގޮއްވާލައިފި

29 އޯގަސްޓް 2021

ކާބުލްގެ ވައިގެ ބަނދަރުގެ ބޭރު ސަރަހައްދުގައި ހުރި، އެމެރިކާ ސިފައިންގެ ޖާސޫސީ މަރުކަޒުން ތާލިބާނުންނަށް، މައުލޫމާތުތަކެއް ނުވަތަ ސާމާނުތަކެއް ލިބިދާނެ ކަމުގެ ބިރަށްޓަކައި، އެމެރިކާ ސިފައިން ގޮވާތަކެތި ބޭނުންކޮށްގެން އެ މަރުކަޒު އިއްޔެ ގޮއްވާލައިފި އެވެ.

ކާބުލްގެ ވައިގެ ބަނދަރުގެ ބޭރު ސަރަހައްދުގައި ހުރި، އެމެރިކާ ސިފައިންގެ ޖާސޫސީ މަރުކަޒުން ތާލިބާނުންނަށް، މައުލޫމާތުތަކެއް ނުވަތަ ސާމާނުތަކެއް ލިބިދާނެ ކަމުގެ ބިރަށްޓަކައި، އެމެރިކާ ސިފައިން ގޮވާތަކެތި ބޭނުންކޮށްގެން އެ މަރުކަޒު އިއްޔެ ގޮއްވާލައިފި އެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި "އީގަލް"ގެ ނަން ދީފައިވާ އެ މަރުކަޒަކީ، ކޮން ބަޔަކު ކޮން ކަމަކަށް ބޭނުންކުރާ ތަނެއްކަން ވެސް، އަފްގާނިސްތާނުގެ ގިނަ ބަޔަކަށް ނޭނގޭނެ އެވެ. މިފަހަކަށް އައިސް އެމެރިކާ ސިފައިން އެ މަރުކަޒު ބޭނުންކުރަމުން އައީ، އަފްގާނިސްތާނުގެ ޖާސޫސީ އިދާރާގައި، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާ ލަޝްކަރުގެ މީހުން ތަމްރީން ކުރުމަށެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި އެ މަރުކަޒު ގޮއްވައިލުމާއި، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ކާބުލްގެ ވައިގެ ބަނދަރުގެ ދޮރޯށި ކައިރީގައި ދިން ހަމަލާތަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެ ތަނަކީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައި ނިމޭއިރު، ގޮއްވައިލުމަށް ކުރިން ވެސް ހަމަޖައްސާފައި ހުރި ތަނެއް ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.

އަފްގާނިސްތާނު ހަނގުރާމައިގެ 20 އަހަރުގެ ތެރޭގައި، އެމެރިކާގެ ޖާސޫސީ އިދާރާގެ ގޮތްޕެއްގެ ގޮތުގައި ބޭނުންކުރަމުން އައި މި ތަނަކީ، އޭގެ ކުރިން މަށީގެ އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރި ކާރުހާނާއެކެވެ. ކާބުލްގެ ވައިގެ ބަނދަރާ ވަރަށް ކައިރީގައި ހުރި އެ ކާރުހާނާ ބަންދުކުރީ، އެމެރިކާ ސިފައިން އަފްގާނިސްތާނު ހިފި ދުވަސްވަރު، ކާބުލްގެ ވައިގެ ބަނދަރު ހިމެނޭ ސަރަހައްދު އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު އެވެ.

އެމެރިކާ ޖާސޫސީ އިދާރާގެ ކުރީގެ އޮފިސަރަކު ބުނި ގޮތުގައި، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމަށް ފަހު، ތާލިބާނުންނާ ދެކޮޅަށް އެންމެ ފަހު ވަގުތާ ހަމައަށް ހަނގުރާމަކުރަމުން އައި އަފްގާނިސްތާނު ސިފައިންނަކީ، އިއްޔެ ގޮއްވައިލި މަރުކަޒުން ތަމްރީން ކުރި ހާއްސަ ފައުޖުގެ މީހުންނެވެ. އަދި މިދިޔަ 20 އަހަރުގެ ތެރޭގައި ތާލިބާނުންނާ ދެކޮޅަށް އަފްގާނިސްތާނުގެ އަސްކަރިއްޔާ އިން ދިން އެންމެ ވަރުގަދަ ހަމަލާތައް ތަންފީޒުކުރީ ވެސް އެ ފައުޖުގެ ސިފައިންނެވެ.

ތާލިބާންގެ ހަނގުރާމަވެރިން މި ހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފުމަށް ފަހު، އަފްގާނިސްތާނު ސިފައިންނަށް އެމެރިކާ އިން ދީފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވަނީ، ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހަނގުރާމަމަތީ ފައިޓަރު ބޯޓުތަކާއި އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ހިމެނެ އެވެ.

ޖާސޫސީ މަރުކަޒު ގޮއްވާނުލައި ހިނގައްޖެ ނަމަ، އެތަނުގައި ހުރި ބައެއް ލިޔެކިޔުންތަކާއި އެހެން ސާމާނުތަކާއި ވަސީލަތްތަކުން، ތާލިބާން ފަދަ ޖަމާއަތަކަށް ލިބިގެން ނުވާނެ ފަދަ މައުލޫމާތެއް ނުވަތަ ސާމާނުތަކެއް ލިބިއްޖެ ނަމަ، އެމެރިކާ އަށް ނުރައްކާވާނެ ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ. އެހެންކަމުން، ކާބުލް ވައިގެ ބަނދަރުގެ ދޮރޯށި ކައިރީގައި ބާރުގަދަ ބޮންތަކެއް ގޮއްވައިލުމުން، ޓެރަރިސްޓް ޖަމާއަތެއްގެ ބާރުގެ ދަށަށް އެ މަރުކަޒު ހިނގައިދާނެ ކަމުގެ ބިރު އުފެދުމުން، އެ މަރުކަޒު ގޮއްވައިލީ އެވެ.