Roadha Mihaaru
އަފްގާނިސްތާނުގެ އިންގިލާބު: ރާއްޖެ ފާރަވެރިވާންޖެހޭ!

އަފްޣާނިސްތާނުގެ އިންގިލާބު: ރާއްޖެ އިން ވިސްނަންވީ ކީއްވެ؟

19 އޯގަސްޓް 2021

ދުނިޔޭގައި މިހައިތަނަށް އުފެދުނު ހުރިހާ ބޮޑެތި އެމްޕަޔަރުތަކުން ވެސް އަފްޣާނިސްތާނު ހިފަން މަސައްކަތް ކުރި އެވެ. ގަދީމީ އެމްޕަޔަރުތަކުގެ އިތުރުން އިނގިރޭސި އެމްޕަޔަރާއި ސޯވިއެޓް ޔޫނިއަނުން ވެސް އެތަނަަށް އެރި އެވެ. އެންމެ ފަަހުން އެތަނަށް އެރި ބޭރު ބަޔަކީ އެމެރިކާ އާއި އެ ގައުމުގެ އަސްކަރީ ބައިވެރިން ކަމަށްވާ ނޭޓޯގެ ގައުމުތަކުގެ ލަޝްކަރުތަކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގައި މިހައިތަނަށް އުފެދުނު ހުރިހާ ބޮޑެތި އެމްޕަޔަރުތަކުން ވެސް އަފްޣާނިސްތާނު ހިފަން މަސައްކަތް ކުރި އެވެ. ގަދީމީ އެމްޕަޔަރުތަކުގެ އިތުރުން އިނގިރޭސި އެމްޕަޔަރާއި ސޯވިއެޓް ޔޫނިއަނުން ވެސް އެތަނަަށް އެރި އެވެ. އެންމެ ފަަހުން އެތަނަށް އެރި ބޭރު ބަޔަކީ އެމެރިކާ އާއި އެ ގައުމުގެ އަސްކަރީ ބައިވެރިން ކަމަށްވާ ނޭޓޯގެ ގައުމުތަކުގެ ލަޝްކަރުތަކެވެ.

އެ ހުރިހާ ބަޔަކާ ވެސް އަފްގާން މީހުން ވަނީ ހަނގުރާމަކޮށް ބަލިކޮށްފަ އެވެ. "ދަ ގްރޭވް ޔާޑް އޮފް އެމްޕަޔާސް" ގެ ނަމުން އެތަން މަޝްހޫރުވީ މިހެންވެ އެވެ.

އަފްގާނިސްތާނަކީ ސާކުގައި ހިމެނޭ މުސްލިމް ގައުމެކެވެ. ރާއްޖޭގައި ހުރި އިޖުތިމާއީ/ ދީނީ މައްސަލަތަކާ އެ ގައުމާ ވަރަށް ބޮޑަށް އޮތީ ގުޅިފަ އެވެ. ހާއްސަކޮށް، ތާލިބާނުން އެ ގައުމުގައި އެންމެ ފަހުން ވެރިކަން ކުރި ދުވަސްވަރަކީ، ރާއްޖޭގައި ދީނީ ހަރުކަށި ވަރަށް ގަދައަށް ފެތުރިގެން އައި ދުވަސްވަރަކަށް ވާތީ ރާއްޖޭގެ ސުލްހަ މަސަލަސް ކަމާ އެ ގައުމުގެ ވެރިކަމަށް އައި ބަދަލު ފާރަވެރިވާން ޖެހެ އެވެ.

އަފްގާނިސްތާނު މުހިއްމު ވަނީ ކީއްވެ؟

އަފްގާނިސްތާނުގައި 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އޮތް ތާލިބާނުންގެ ވެރިކަން އެމެރިކާއިން ވައްޓައިލުމަށް ފަހު، އާ ސަަރުކާރެއް ގާއިމްކޮށް، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ގައުުމު އަލުން އާރާސްތުކުރެވޭތޯ އެންމެ ބޮޑަށް މަސައްކަތް ކުރީ އދ. އިންނެވެ. އެގޮތުން އެތަނުގެ ތައުލީމީ ނިޒާމު ހަމައަކަށް އަޅުވައިލުމަށް އދ.ގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ފޮނުއްވީ ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

"މިހާރު" އަށް އިއްޔެ ދެެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނަކީ މީހުން ހީކުރާ ވަރަށް ވުރެ މާ މުހިއްމު އަދި ގުދުރަތީ ގޮތުން މުއްސަނދި ތަނެއް ކަމަށެވެ. އެއީ މިދިޔަ ވިއްސަކަށް އަހަރު ހަބަރުތައް ކިޔަމުން ދިޔައިރު ފެންނަ ފަދަ ވީރާނާ، އަދި ހަނަފަސް ސަހަރާއެއް ނޫނެވެ. އެއީ ދުނިޔޭގައި ރަން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އޭގެ އިތުރުން ވެސް އެތަން މައުދަނެއް އެތަނުން ނަގަ އެވެ.

ވިޔަފާރި އާއި އިގުތިސާދީ ކަންތައްތައް ދިރާސާކުރާ ބައިނަލްއަގުވާމީ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އަަފްޣާނިސްތާނުގައިވާ މިނެރަލް ރިޒާވްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ. އޭގެ ތެރޭގައި 420.9 ބިލިޔަން ޑޮލަރުގެ އަޔަން އާއި 274 ބިލިޔަން ޑޮލަރުގެ ލޮއި ހިމެނެ އެވެ. އެ ގައުމުގެ ރިޒާވްގައި ހުރި ނިއޯބިއަމްގެ އަގު 81.2 ބިލިޔަން ޑޮޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު ކޮބެލްޓް ރިޒާވްގެ އަގު 51.8 ބިލިޔަން ޑޮލަރަށް އަރަ އެވެ. އެތަނުގައި ހުރި ރަނުގެ އަގު 25.8 ބިލިޔަަނަށް އަރަ އެވެ.

އަފްގާނިސްތާނުގައި އަފިހުން ހައްދަނީ: ޑްރަގްސްގެ މައްސަލަ ބޮޑު ގައުމެއް

އަފްގާނިސްތާނުގައި އަފިހުން ހައްދަނީ: ޑްރަގްސްގެ މައްސަލަ ބޮޑު ގައުމެއް

އަފްޣާނިސްތާނުގެ މުހިއްމުކަން ވިދާޅުވެ ދެއްވުމުގެ ގޮތުން ޑރ. ވަހީދު ފުރަތަމަ ވެސް ވިދާޅުވީ އެތަނާ އިންވެގެން އޮތީ ކޮންކޮން ގައުމުތަކެއް ކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުލްހަވެރި ތަނެއްގެ ގޮތުގައި އަދި ކުރިއަރަމުން އަންނަ ތަނެއްގެ ގޮތުގައި އަފްޣާނިސްތާނު އޮތުމަކީ މުޅި މި ސަރަހައްދަށް ވެސް ވަރަށް މުހިއްމު ކަމެކެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަފްގަނިސްތާނަކީ ސާކްގެ ވެސް ގައުމެއް. ދެން އަނެއްކާ އަފްގާނިސްތާނުގެ ވަށައިގެން އެ ތިބީ ބޮޑެތި ގައުމުތައް. މެދުއިރުމަތި ވެސް އެއޮތީ ވަރަށް ކައިރީގައި. އެހެންވީމާ އަފްގާނިސްތާނުގައި ސުލްހަ ގާއިމްވުން އަދި އަފްގާނިސްތާނަކީ ޕްރޮސްޕެރިއަސް ތަނަކަށް ވުން، އެއީ ހުރިހާ އެންމެންގެ ވެސް މަސްލަހަތު އޭގައި އޮޮތް ކަމެއް،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި މިހާރު ކިތަންމެ ފަގީރުކޮށް ފެންނަން އޮތަސް އެއީ ގުދުރަތީ ގޮތުން ވެސް ވަރަށް މުއްސަނދި، ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ގައުމެކެވެ.

"މިހާރު ވެސް އެ ގައުމުން އެކްސްޕޯޓް ކުރޭ އަހަރަކު ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރުގެ ރަން،" ވަހީދު ވިދާޅުވި އެވެ.

ރާއްޖެ އަށް ރަނގަޅީ ކޮން ގޮތެއް؟

އަފްގާނިސްތާނުގައި ތާލިބާނުން އުފެއްދި ވެރިކަން 2001 ވަނަ އަހަރު ވައްޓައިލުމަށް ފަހު އެމެރިކާއިން އެ ގައުމުގައި ގާއިމް ކުރި ސަރުކާރު ވައްޓާލައި ކާބުލް ހިފީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެ ގައުމުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް އެ ޖަމާއަތުން މިހާރު ވަނީ ފަށައިފަ އެވެ.

ތާލިބާނުންގެ ސަރުކާރު ބަލައިގަތުން ނުވަތަ ބަލައިނުގަތުމާ މެދު ރާއްޖޭން އަދި ގޮތެއް ނުނިންމަ އެވެ. ބެލެވޭ ގޮތުގައި ދިވެހި ސަރުކާރުން އަދި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނަނީ އެއީ އެއްޗެއް ބުނަން އަދި މާާ އަވަސްވީމަަ އެވެ.

ރާއްޖޭން ބަލައިގަންނާނީ ދައުލަތް، ސަރުކާރެއް ނޫން. ގައުމެއްގައި ސަރުކާރެއް ބަދަލުވެއްޖެއްޔާ އެއީ ދިވެހިރާއްޖޭން ކޮންމެހެން އޭގެ ތެރެއަށް ވަދެ، އެއީ ސައްހަ ސަރުކާރެއްތޯ ނޫންތޯ ބަލާ ގައުމެއް ނޫން ރާއްޖެއަކީ: ޑރ. އަހުމަދު ޝަހީދު/ ކުރީގެ ފޮރިން މިނިސްޓަރު

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމާއި ނުގަތުމަކީ ރާއްޖޭން ކުރާ ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ވެސް، އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮށް އުޅޭ ކަމެއް ނޫނެވެ.

ޑރ. އަހްމަދު ޝަހީދު: އޭނާ ވިދާޅުވަނީ ސަރުކާރު ބަލައިގަތުމަކީ ރާއްޖެއިން ކުރާ ކަމެއް ނޫން ކަމަށް

ޑރ. އަހްމަދު ޝަހީދު: އޭނާ ވިދާޅުވަނީ ސަރުކާރު ބަލައިގަތުމަކީ ރާއްޖެއިން ކުރާ ކަމެއް ނޫން ކަމަށް

"ރާއްޖޭން ވަރަށް ކުރިއްސުރެ ގެންގުޅޭ އުސޫލެއް އޮވޭ. ރާއްޖޭން ބަލައިގަންނާނީ ދައުލަތް، ސަރުކާރެއް ނޫން. ގައުމެއްގައި ސަރުކާރެއް ބަދަލުވެއްޖެއްޔާ އެއީ ދިވެހިރާއްޖޭން ކޮންމެހެން އޭގެ ތެރެއަށް ވަދެ، އެއީ ސައްހަ ސަރުކާރެއްތޯ ނޫންތޯ ބަލާ ގައުމެއް ނޫން ރާއްޖެއަކީ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވިގޮތުގައި ރާއްޖެއިން މިހާރު ވެސް އެކަން ދަމަހައްޓާނެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އެއީ ބައިނަލް އަގުވާމީ ގާނޫނުގައި ވެސް ރަނގަޅު އުސޫލެކެވެ.

އެކަމަކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ލަފާކުރައްވާ ގޮތުގައި ތާލިބާން ސަރުކާރު ބަލައިގަތުމަކީ ރާއްޖެއިން ކުރަން ޖެހިދާނެ ކަަމެކެވެ. އެކަމަކު ރާއްޖެ އަށް ބުއްދިވެރި ގޮތަކީ އިހަށް އެއްވެސް ގޮތެއް ނުނިންމައި ބަލަން ތިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރު ގާއިމްވެގެން، އިންޓަނޭޝަނަލް ކޮމިޓީގެ ރިއެކްޝަން ހުންނަ ގޮތް ވެސް ބަލަން ޖެހޭ. އެއަށް ފަހުގައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއިން ވެސް ތާލިބާން ސަރުކާރު ޖެހޭނީ ގަބޫލުކުރަން: ޑރ. މުހަންމަދު ވަހީދު/ ކުރީގެ ރައީސް

"ސަރުކާރު ގާއިމްވެގެން، އިންޓަނޭޝަނަލް ކޮމިޓީގެ ރިއެކްޝަން ހުންނަ ގޮތް ވެސް ބަލަން ޖެހޭ. އެއަށް ފަހުގައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއިން ވެސް ތާލިބާން ސަރުކާރު ޖެހޭނީ ގަބޫލުކުރަން،" ވަހީދު ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ އަންހެނުންތަކެއް މޫނުބުރުގާގައި

އަފްގާނިސްތާނުގެ އަންހެނުންތަކެއް މޫނުބުރުގާގައި

ތާލިބާން ސަރުކާރާ މުއާމަލާތް ކުރޭނެ

ތާލިބާން ޖަމާއަތަކީ ބައިނަލްއަގުވާމީ ގޮތުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލާ ބައެކެވެ. އެގޮތަށް އެކަން އޮތް އިރު ގައުމުތަކުގެ ސަރުކާރުން އެ މީހުންނާ މުއާމަލާތް ކުރެވޭނެތޯ މިއީ އުފެދޭނެ ސުވާލެކެވެ.

ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އަފްގާންގެ ވެރިކަމުގައި އެ މީހުން ތިއްބަސް، އެ ސަރުކާރާ ކުރަން ޖެހޭ މުއާމަލާތްތައް ކުރެވޭނެ އެވެ. ދުނިޔޭގެ ބައެއް ގައުުމުތަކުން މިހާރު ވެސް ގެންދަނީ އެ މީހުންނާ މުއާމަލާތް ކުރަމުން ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މީހުންނާ މުއާމަލާތު ކުރުމަކީ އެއީ މައްސަލައެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެން ނަމަވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އަދިވެސް ކަނޑައަޅާފައި އެ އޮތީ. އެ ސްޓޭޓަސް، އަޅުގަނޑު އުއްމީދުކުރަނީ ބަދަލުވާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.

އެ ސްޓޭޓަސް ބަދަލުވުން ބިނާ ވާނީ ތާލިބާން ސަރުކާރުން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އަފްގާނުގެ އެކި ނަސްލުތަކާއި ޖަމާއަތްތައް ބައިވެރިވާ އިންކްލޫސިވް ސަރުކާރެއް ގާއިމްކޮށްފި ނަމަ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާން އުނިކުރާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއާއެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭން އެ ސަރުކާރާ މުއާމަލާތް ކުރުމާ އެކު ބާރު އަޅަން ޖެހޭނީ އިންސާނީ ހައްގުތަކަށް ރައްކާތެރި ވުމަށެވެ. އެގޮތުން އިންސާނީ އެހީ ދިނުމުގެ ކަންތައްތަކަށް ޖާގަ ދިނުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިވުމަށް ބާރު އަަޅަން ޖެހޭނެ އެވެ.

"އެހެންވީމާ ރާއްޖޭން މިކަމާ މެދު ކަމެއް ކުރައްވާއިރު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ބައްލަވާނެ މި ދެންނެވި ދެ ކަމަށް. އެއް ކަމަކީ އެއީ ސަރުކާާރެއް ބަދަލުވާ އިރަކަށް ރާއްޖޭން އެކަމުގެ ތެރެއަަށް ވަންނާކަށް ނުޖެހޭ. ހަމަ އެހެންމެ ދެވަނަ ކަމަކަށް، އދ.ގެ ސެކިއުރިޓީ ކައުންސިލުން ގޮވައިލި ގޮވައިލުންތަކަށް ރާއްޖޭން ވެސް ވާގި ދެއްވުން،" ޝަހީދު ވިދާޅުވި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ތާލިބާނުންނަށް ގޮވައިލީ އެންމެން ބަައިވެރިވާ އިންކްލޫސިވް އަދި ދުސްތޫރީ ގޮތުން ބަލައިގަނެވޭ ސަރުކާާރެއް ގާއިމްކުރުމަށެވެ. އަދި އަފްގާން ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ހިތްވަރު ދިނުމަށް ވެސް ސަލާމަތީ މަޖިލީހުން ގޮވައިލި އެވެ.