Roadha Mihaaru
ބަނގުރާ ބުއި މީހަކު ޖަލްދު ކުރަން ހިކުމްކޮށްފި

ބަނގުރާ ބުއި ކަމަށް އިއުތިރާފުވި މީހަކު 40 އެތިފަހަރުން ޖަލްދު ކުރަން ހުކުމްކޮށްފި

21 އޯގަސްޓް 2021

ބަނގުރާ ބުއި ކަމަށް އިއުތިރާފުވި މީހަކު 40 އެތިފަހަރުން ޖަލްދު ކުރަން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބަނގުރާ ބުއި ކަމަށް އިއުތިރާފުވި މީހަކު 40 އެތިފަހަރުން ޖަލްދު ކުރަން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އެ މީހާ ހައްޔަރު ކުރީ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. ހައްޔަރުކޮށްގެން ގެންދިޔުމުން ތަހުގީގުގައި އޭނާ ވަނީ ބަނގުރާ ބުއިމަށް އިއުތިރާފުވެފަ އެވެ.

އިބްތިދާއީ މަރުހަލާގައި ދައުވާ އަށް އިއުތިރާފުވުމުންނާއި ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެެއް ހެދުމުން އިސްގާޒީ އަހުމަދު ޝަކީލް ވަނީ އެ މީހާގެ އަދަބަށް ލުޔެއް ދެއްވައިފަ އެވެ.

ބަނގުރާ ބުއިމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމާއެކު 40 އެތިފަހަރުން ޖަލްދު ކުރުމެވެ. ނަމަވެސް އިއުތިރާފު އެއްބަސްވުމާއި ޝަރީއަތުގައި ވި އިއުތިރާފާއެކު އެ މީހާގެ އަދަބު ވަނީ ނުވަ ދުވަހަށް ޖަަލަށްލުމާއެކު 40 އެތިފަހަރުން ޖަލްދު ކުރުމަށް ބަދަލުކޮށްފަ އެވެ.

އެ މީހާ ތަހުގީގަށް ހައްޔަރުކޮށްގެން ނުވަ ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅެފައިވާތީ އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ. ހަމައެކަނި ތަންފީޒު ކުރަން ޖެހޭނީ ޖަލްދު ކުރުމުގެ ބައެވެ.

ގާނޫނުލްއުގޫބާތުގައި "ޖަލްދުކުރުން" ކަމަށް ބުނެފައި ވަނީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއް ގެމަތިން، އަދަބެއް ރަމްޒު ކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގައި ތެޅުމަށެވެ.