Roadha Mihaaru
ބްރެޒިލް އަންހެނަކު 83 މިލިއަންގެ ޑްރަގާއެކު ހައްޔަރު

83 މިލިއަން ރުފިޔާގެ ޑްރަގްސްއާ އެކު ބްރެޒިލްގެ އަންހެނަކު ހައްޔަރުކޮށްފި

22 އޯގަސްޓް 2021

ސޯޅަ ކިލޯގެ ކޮކެއިން އާ އެކު ބްރެޒިލްގެ އަންހެނަކު ބުދަ ދުވަހު ވެލާނާ އެއާޕޯޓުން އަތުލައިގެންފި އެވެ. މިއީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބްރެޒިލްގެ އަންހެނަކު މި މަހުގެ ތެރޭގައި އަތުލައިގަތް ދެވަނަ ފަހަރެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ސޯޅަ ކިލޯގެ ކޮކެއިން އާ އެކު ބްރެޒިލްގެ އަންހެނަކު ބުދަ ދުވަހު ވެލާނާ އެއާޕޯޓުން އަތުލައިގެންފި އެވެ. މިއީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބްރެޒިލްގެ އަންހެނަކު މި މަހުގެ ތެރޭގައި އަތުލައިގަތް ދެވަނަ ފަހަރެވެ.

ކަސްޓަމްސް އިން ބުނީ، ބުދަ ދުވަހު ރާއްޖެ އަދި 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން ޑްރަގްސް ފެނުނު ކަމަށް ކަސްޓަމުން ބުނެ އެވެ.

ކަސްޓަމްސް ބުނީ އެ ތަކެތި ޓެސްޓު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާގެ އަތުން ޖުމުލަ 16.72 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލަ ކަސްޓަމުން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކްރިމިނަލް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމައި ނެރުނު ކޯޓު އަމުރުގައި، އޭނާ ހައްޔަރު ކޮށްފައި ވަނީ ގާނޫނީ އިޖުރާއަތުގެ މަތިންކަން ފާހަގަ ކޮށްފައިވެ އެވެ.

ބްރެޒިލުން އައި އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މި މަހު 13ގައި ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އޭނާގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.