Roadha Mihaaru
ރައީސް ޔާމީނަށް ގައުމު ވަނީ ދަރަނިވެރިވެފައި: ސައީދު

ރައީސް ޔާމީނަށް މި ގައުމު ވަނީ ދަރަނިވެރިވެފައި: ސައީދު

29 ނޮވެމްބަރ 2016

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން "ޓެސްޓު" ކުރަން ކެރިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށާއި އެމަނިކުފާނަށް ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން "ޓެސްޓު" ކުރަން ކެރިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށާއި އެމަނިކުފާނަށް ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ނަމުުގައި ކާނިވަލުގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖެއަށް އަންނަ ކުރިއެރުންތަކުގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ޒުވާނުން ސާބިތުކަމާ އެކު ތިބެ، މި ގައުމުގެ ހަލަބޮލިކޮށްލަން ފުރުސަތު ނުދޭން އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންގެ ނެތިދިޔަ ކާބަފައިން އެއް ޒަމާނެއްގައި [ދުށް] ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަޅުގަނޑުމެންގެ ތެރެއިން ދިރިހުރި ލީޑަރެއް އެ ދަނީ ނިންމުންތައް ނިންމަމުން،" އިގްތިސާދު ކުރިއަރުވަން ސަރުކާރުން ކުރާ ކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވި އެވެ.

"ހަބޭސް ތިނެއް" ނަމުގައި ސަރުކާރުން ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ހަބޭސް ތިނެއް" ނަމުގައި ސަރުކާރުން ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ އެންމެ ރަނގަޅަށް އެނގޭނީ ކަނޑުގެ ދޮރާއްޓާއި ވައިގެ ދޮރާއްޓަށް ނަޒަރު ހިންގާލުމުންނެވެ. އެ ގޮތުން 2011 ގައި 27،000 ކޮންޓެއިނަރު ގެނައިއިރު، މިދިޔަ އަހަރު 41،000 ކޮންޓެއިނަރުގެ މުދާ ރާއްޖެ އެތެރެކުރި ކަމަށް ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ދިވެހި ސަރުކާރާ އެކު އިންޑިއާގެ ޖީއެމްއާރުން ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެ ގޮތުގައި ދައްކަން އާބިޓްރޭޝަނުން ކަނޑައެޅި ޖުމްލަ 271 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.1 ބިލިއަން ރުފިޔާ) ދެއްކީ "ޗެކަކުން" ކަމަށް ސައީދު ވިދާޅުވި އެވެ.

"271 މިލިއަން ޑޮލަރުގެ ޗެކެއް މި ދިނީ އެއް ފަހަރުން، ކޮން ވެރިއަކަށްތޯ އެވަރުގެ ނިންމުމެއް ނިންމަން ކެރޭނީ،؟" ރައީސް ޔާމީންގެ ސިޔާސަތުތައް ދިފާއުކުރައްވާ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރަން 800 މިލިއަން ޑޮލަރު އިންވެސްޓް ކުރާއިރު، އެއީ "ބޮކި ޖަހައިގެން" އަރާ ފައިސާތަކެއް ނޫން ކަމަށާއި ފައިސާތައް އެނބުރެނީ، ގައުމު ތަރައްގީކުރަން ދަންނަ ވެރިއަކު ރާއްޖޭގައި ހުންނެވިކަން ދުނިޔެއިން ގަބޫލުކުރާތީ ކަމަށެވެ.

އެއާޕޯޓު ތަރައްގީ ކުރަން ކާބަފައިންވި ގުރުބާނީން މިސާލު ނަންގަވައި ސައީދު ވިދާޅުވީ އެއާޕޯޓު ތަރައްގީކޮށް ރާއްޖޭގެ މުޅި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނަން ސަރުކާރުން ކުރާ މަސައްކަތަށް ދިވެހިން އެއްބާރުލުންދީ، ގުރުބާންވާން ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.

"އިގްތިސާދު ކޮޅަށް ޖަހަން ނުކުތް ވެރިއަކަށް މަރުހަބާ ކިޔައި، އަޅުގަނޑުމެންގެ އަތުކުރި އޮޅާލައި އަސްލު މަސައްކަތަށް ނުކުމެގެން ހިތްވަރާއި ގާބިލްކަން ހުންނަން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މާލޭގައި ރޭ ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މާލޭގައި ރޭ ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޖީއެމްއާރަށް ސަރުކާރުން ބަދަލު ދިނީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޫކުރި 140 މިލިއަން ޑޮލަރުގެ ބޮންޑަކާ އެކު އެވެ. އެ ބޮންޑު ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރަން ޖެހެނީ، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ކަަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރައީސް ޔާމީނަށް ތައުރީފްކުރަައްވައި ސައީދު ވާހަކަދެއްކެވި ނަމަވެސް، ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޖަލްސާގެ ވަކި ހިސާބަކުން ނުކުމެފަ އެވެ. ބައެއް މުވަައްޒަފުން ބުނާ ގޮތުގައި އެ މީހުން އެތަނަށް ދިޔައީ މަޖުބޫރުކުރުމުންނެވެ.