Roadha Mihaaru
"ހަޖަމް"ގެ މައްސަލާގައި ޗެނަލް 13 މާފަށް އެދިއްޖެ

ހަޖަމް ޕްރޮގުރާމްގައި ދެއްކި ވާހަކަތަކަށް ޗެނަލް 13 އިން މާފަށް އެދިއްޖެ

24 އޯގަސްޓް 2021

ޗެނަލް 13 އިން ގެންނަ ސިޔާސީ ޕްރޮގްރާމެއް ކަމަށްވާ "ހަޖަމް" ގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު މާފަށް އެދެން އަންގާފައި ވާނީ އެ ޗެނަލުން ރޭ މާފަށް އެދެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗެނަލް 13 އިން ގެންނަ ސިޔާސީ ޕްރޮގްރާމެއް ކަމަށްވާ "ހަޖަމް" ގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު މާފަށް އެދެން އަންގާފައި ވާނީ އެ ޗެނަލުން ރޭ މާފަށް އެދެފި އެވެ.

އެ ޗެނަލުން މާފަށް އެދުނީ ބްރޯޑްކާސްޓުކުރުމުގެ ސުލޫކީ މިންގަޑުތަކާއި އުސޫލުތަކާ ހިލާފަށް އެ ޕްރޮގުރާމްގައި ވާހަކަތަކެއް ދެއްކި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައި، އެކަމަށް މާފަށް އެދެން އިއްޔެ އަންގާފައި ވާތީ އެވެ.

މާފަށް އެެދި ނެރުނު ބަޔާނުގައި ބުނީ "އަދި އެފަދަ ކަމެއް މީގެ ފަހުން ތަކުރާރު ނުކުރާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން" ކަމަށެވެ.

މާފަށް އެދެން އެންގީ މިއަހަރު ފެބްރުއަރީ 18 ގައި ގެނެސްދިން "ހަޖަމް" ޕްރޮގުރާމުގެ އެޕިސޯޑެއްގައި، ރާއްޖޭގެ އަދުލު އިންސާފާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ. މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެޓިސްއާ ހިލާފުވެފައިވާކަން ސާބިތުވާ ކަމަށެވެ.

މި މައްސަލައާ މެދު ބްރޯޑްކޮމް އިން ނިންމި ނިންމުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނު ކަން ކަށަވަރުކުރުމުގެ ގޮތުން، މި މައްސަލަ ރައްދުވާ މީޑިއާ، ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދިން ނަމަވެސް، އެ ފަރާތުން މި މައްސަލައިގައި ޖަވާބުދާރީވެފައި ނުވާ ކަމަށެވެ.

ކޯޑް އޮފް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތަށް އެ ޗެނަލްގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި ބްރޯޑްކާސްޓްކުރުމުގައި އިތުރަށް ސަމާލުވުމަށާއި އަދި އެ ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ވެސް ކޮމިޝަނުން ނަސޭހަތްތެރިވެފައިވެ އެވެ.

ޗެނަލް 13 އަށް އަންގާފައި ވަނީ މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން ރޭ 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި އާންމުކޮށް ބްރޯޑްކާސްޓްކުރުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ގުޅުވައިގެން "ހަޖަމް" ޕްރޮގުރާމްގައި މި މަހު ދެއްކި ވާހަކަތަކެއްގެ މައްސަލަ ވެސް ބްރޯޑްކޮމް އިން އަންނަނީ ބަލަމުންނެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމުން ވަނީ ޗެނަލް 13 އަށް ފިޔަވަޅު އަޅައިފަ އެވެ.

އެއީ "މަޑިސީލަ" ގެ ނަމުގައި "ހަޖަމް" ޕްރޮގްރާމް ގެނެސްދިން ދުވަސްވަރު، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެޅި ފިޔަވަޅެކެވެ. އޭރު އަންގާފައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމެންދެން އެ ޕްރޮގްރާމް މެދުކަނޑައިލުމަށެވެ.