Roadha Mihaaru
ނިރުވާނާ ބޭންޑުގެ ކަވަރުގައި އިން ކުއްޖާ ދައުވާކޮށްފި

އަލްބަމްގެ ކަވަރުގައި އިން ކުއްޖާ ބޮޑުވެ، ނިރުވާނާ ބޭންޑަށް ދައުވާކުރަނީ

25 އޯގަސްޓް 2021

މީގެ 30 އަހަރު ކުރިން، މަޝްހޫރު ރޮކް ބޭންޑް ނިރުވާނާ އިން ނެރުނު އަލްބަމް "ނެވަމައިންޑް" ގެ ކަވަރުގައި އިން ކުއްޖާ ބޮޑުވެ، އެ ކަވަރުގެ މައްސަލާގައި ބޭންޑަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 30 އަހަރު ކުރިން، މަޝްހޫރު ރޮކް ބޭންޑް ނިރުވާނާ އިން ނެރުނު އަލްބަމް "ނެވަމައިންޑް" ގެ ކަވަރުގައި އިން ކުއްޖާ ބޮޑުވެ، އެ ކަވަރުގެ މައްސަލާގައި ބޭންޑަށް ދައުވާކޮށްފި އެވެ.

ސެޕްޓެމްބަރު 24، 1991 ގައި ނެރުނު އަލްބަމްގެ ކަވަރުގައި ފެންނަނީ ބަރަހަނާކޮށް އޮތް ކުއްޖަކު ފެންގަނޑެއްގެ ތެރޭގައި އެއް ޑޮލަރުގެ ނޫޓަކާ ދިމާލަށް ތާނެވެ. އެ ކުއްޖާ އަކީ މިހާރު 30 އަހަރުގެ ސްޕެންސާ އެލްޑިން އެވެ.

އޭނާ އެ ކަވަރުގެ މައްސަލާގައި ބޭންޑަށް ދައުވާކުރަނީ އެ ފޮޓޯ އަކީ ޖިންސީ ގޮތުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރީގެ ގޮތުން ބޭނުންކުރުން ކަމަށް ބުނެ އެވެ.

ކަވަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް އޭނާ ދައުވާކުރަނީ 17 މީހަކު ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ނިރުވާނާ ބޭންޑްގެ މެމްބަރުންނާއި ބޭންޑްގެ ރިކޯޑް އެގްޒެކެޓިވުންނާއި ބޭންޑްގެ ލީޑް ވޯކަލިސްޓް ކާޓް ކޯބެއިންގެ ކުރީގެ އަންހެނުން ކޯޓްނީ ލަވް ހިމެނެ އެވެ. ދައުވާކުރަނީ ދައުވާ ރައްދުވާ ކޮންމެ މީހެއްގެ އަތުން ބަދަލަށް 150،000 ޑޮލަރު ހޯދުމަށެވެ.

ކަވަރުގެ މައްސަލާގައި ކުރާ ދައުވާގެ ލިޔެކިޔުންތަކުގައި ސްޕެންސާ ބުނެފައިވާ ގޮތުގައި ނިރުވާނާގެ އަލްބަމްގެ "ނެވަމައިންޑް" ގެ ތުއްތު ކުއްޖެއްގެ ފޮޓޯ ހިމަނާފައި ވަނީ އޭނާ "އެކްސްޕްލޮއިޓްކޮށް"، މީހުންގެ ސަމާލުކަން ހޯދައި،، ވިޔަފާރީގެ އުކުޅެއްގެ ގޮތުގައި ގަސްތުގަ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި މިފަދަ ގޮތަކަށް އަލްބަމެއްގެ ކަވަރުގައި ފޮޓޯ ހިމެނުމުން ސްޕެންސާގެ މުޅި ހަޔާތުގައި ވެސް އެކަމުގެ ސަބަބުން ނޭދެވޭ އެތައް ކަމަކާ ކުރިމަތިލާން ޖެހި، އެތައް ގެއްލުމެއްވެފައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ބޭންޑުން އެ ފޮޓޯ ސްޕެންސާގެ އުމުރުން ހަތަރު މަހުގައި ނެގީ އެއަށް އޭނާ މައިންބަފައިންނަށް 200 ޑޮލަރު ދީފަ އެވެ. އެކަމަކު ފޮޓޯ ނެގީ ވިޔަފާރީގެ ބޭނުމަކަށް އަލްބަމެއްގެ ކަވަރުގައި ހިމަނާ ގޮތަކަށް ނޫނެވެ. އަދި އެފަދަ އެއްވެސް އެއްބަސްވުމެއް ވެސް ފޮޓޯ ނެގި އިރަކު ބޭންޑުން ހަދާފައި ނުވާ ކަމަށް ދައުވާގައި ބުންޏެވެ.

އެހެންވެ ނިރުވާނާ އިން ފޮޓޯގެ ބޭނުން ހިފީ ނާޖާއީޒުކޮށް ކަމަށް ސްޕެންސާގެ ދައުވާގައި ބުންޏެވެ.

ބޭންޑަށް ސްޕެންސާ ދައުވާކުރާ އިރު މިހާރު 30 އަހަރުގެ ޒުވާނާ މޭމަތީގައި އަލްބަމްގެ ނަން "ނެވަމައިންޑް" ޓެޓޫއަކުން ޖަހާފައިވެ އެވެ.

ދައުވާއާ ގުޅިގެން ނިރުވާނާ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސްޕެންސާގެ ފޮޓޯ ޖެހި އަލްބަމް "ނެވަމައިންޑް" އަކީ ބޭންޑްގެ ދެވަނަ އަލްބަމެވެ. ޖުމްލަ 12 ލަވަ ހިމެނޭ އެ އަލްބަމަކީ 30 މިލިއަން ކޮޕީ ވިކުނު އަލްބަމެކެވެ.