Roadha Mihaaru
ބޮޑުދައިތަގެ ހަނދާނުގައި ކަންބަޅިތަކުން ކުރަހާލީ ހިތެއް

ބޮޑުދައިތަގެ ހަނދާނުގައި ކަންބަޅިތަކުން ކުރަހާލީ ހިތެއް

27 އޯގަސްޓް 2021

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ބޮޑުދައިތަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު އޮސްޓްރޭލިއާގެ ދަނޑުވެރިޔަކު ބޮޑުދައިތަގެ ހަނދާން އާކުރަން އޭނާގެ ދަނޑުގައި ކަންބަޅިތަކުން ހިތެއްގެ ބައްޓަން ހަނދާލައި، ވީޑިއޯއަކުން އެ މަންޒަރު ޓްވިޓާގައި ދައްކައިލުމުން އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ބޮޑުދައިތަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު އޮސްޓްރޭލިއާގެ ދަނޑުވެރިޔަކު ބޮޑުދައިތަގެ ހަނދާން އާކުރަން އޭނާގެ ދަނޑުގައި ކަންބަޅިތަކުން ހިތެއްގެ ބައްޓަން ހަނދާލައި، ވީޑިއޯއަކުން އެ މަންޒަރު ޓްވިޓާގައި ދައްކައިލުމުން އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ޑްރޯންއަކުން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ކަންބަޅި އައިނަކަށް ފެތުރިގަނެ، އަދި މަޑުމަޑުން ވަރަށް ރީތިކޮށް، ހިތުގެ ބައްޓަމަށް އެތުރިލާ ތަނެވެ. މިކަން ކުރި ދަނޑުވެރިޔާ ޖޭމްސް ޖެކްސަން އެ ވީޑިއޯ ނަގައި ހޯމަ ދުވަހު ފޮނުވީ ބޮޑުދައިތަގެ ޖަނާޒާ އޮތް ކްއީންސްލޭންޑްގެ ބްރިސްބެންގައި ތިބި އާއިލާގެ މީހުންނަށެވެ.

ނިއު ސައުތު ވޭލްސްގައި ހުރި ޖެކްސަން ބޭނުންވީ ޖަނާޒާގައި ބައިވެރިނުވެވި ކިތަންމެ ދުރުގައި ހުއްޓަސް ކެންސަރު ބައްޔާ ދެ އަހަރު ވަންދެން ހަނގުރާމަކޮށް، މަރުވި ބޮޑުދައިތަ ދެކެ ލޯބިވާކަމާއި އާއިލާގެ މީހުންނާ އެކީގައި އޭނާ ވާކަން އަންގައި ދިނުމެވެ.

ކަންބަޅިން ހިތުގެ ބައްޓަން އަޅަން ކުރި މަސައްކަތަކާ ބެހޭ ގޮތުން ޖޭމްސް ބުނީ އެކަން ހިތްހަމަޖެހޭ ވަރަށް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ފަހަރު މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކަންބަޅިތަކުގެ އެހީގައި އޭނާގެ އިހުސާސް ބުނެދެވުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް ބުންޏެވެ.

"ޖަނާޒާގައި ބައިވެރިވާން ނުދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް. ދެން އެކަމާ ފިކުރު ބޮޑުވެ ކުރާނެ ނުކުރާނެ ކަމެއް ނޭނގި ހުއްޓައި އައި ހިޔާލަކަށް ކަންބަޅި އައިނުން ހިތެއް އަޅަން ބޭނުންވީ،" "ބީބީސީ އަށް ޖެކްސަން ބުންޏެވެ. "އެ އެއްޗިއްސަށް ކާން ދީފައި ފުދޭ ވަރެއްގެ ގިނަ ވަގުތު ނަގައިގެން ހިތްހަމަޖެހޭ ވަރަށް ހިތުގެ ބައްޓަން އަޅާލެވުނީ."

އެ ވީޑިއޯ ވަރަށް ބޮޑަށް ދައުރުވެ، އެންމެ ފަހުން އޮސްޓްރޭލިއާގެ ޓީވީ ޗެނެލްތަކުން އެ ދައްކައި، ޖެކްސަން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ.

"އަހަންނަށް ހަމަ ވަރަށް ޔަގީން މި މަންޒަރު ބަލައިލުމުގެ ފުރުސަތު ބޮޑުދައިތަ އަށް ލިބުނު ވަރަށް އުފާވާނެ،" އޭނާ ބުންޏެވެ.