Roadha Mihaaru
ބުޅާ ސަލާމަތްކުރުމުން އިނާމަކަށް 50،000 ދިރުހަމް

ބުޅާ ސަލާމަތްކޮށްދިނުމުން ކޮންމެ މީހަކަށް 50،000 ދިރުހަމް

30 އޯގަސްޓް 2021

މިދިޔަ ހަފުތާގައި، ދުބާއީގެ އިމާރާތަކުން ފުންމާލަން އުޅުނު ބުޅަލެއް ސަލާމަތްކުރި ބައެއްގެ މަސައްކަތަށް ޔޫއޭއީގެ ޔޫއޭއީގެ ނައިބު ރައީސް/ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ތައުރީފުކުރެއްވުމަށް ފަހު، އެ މީހުންނަށް ފައިސާގެ އިނާމު ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި، ދުބާއީގެ އިމާރާތަކުން ފުންމާލަން އުޅުނު ބުޅަލެއް ސަލާމަތްކުރި ބައެއްގެ މަސައްކަތަށް ޔޫއޭއީގެ ޔޫއޭއީގެ ނައިބު ރައީސް/ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ތައުރީފުކުރެއްވުމަށް ފަހު، އެ މީހުންނަށް ފައިސާގެ އިނާމު ދެއްވައިފި އެވެ.

އިމާރާތެއްގެ ތިން ވަނަ ބުރީގެ ބެލްކަނިން ފުންމާލުމުން އުޅުނު މާބަނޑު ބުޅާ ހަތަރު މީހަކުވެގެން ސަލާމަތްކުރީ ފޮތިގަނޑެއްގެ އެހީގައި ބުޅާގެ ފުރާނަ ސަލާމަތްކޮށްގެންނެވެ. މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވުމުން ބޮޑުވަޒީރު އެ ވީޑިއޯ އަމިއްލަފުޅު ޓްވިޓާގައި ޕޯސްޓްކުރައްވައި، ބުޅާ ސަލާމަތްކޮށްދިން މީހުންނަށް ތައުރީފު ކުރައްވައި، އެއީ ކޮން ބައެއްކަން ސާފުކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.

ބުޅާ ސަލާމަތްކުރި މީހުން ހޯދައި އެ މީހުންގެ މަސައްކަތް ފާހަގަކޮށް ފައިސާގެ އިނާމު ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހަތަރު މީހުންގެ ތެރެއިން ކޮންމެ މީހަކަށް ބޮޑުވަޒީރުގެ ފަރާތްޕުޅުން އިނާމެއްގެ ގޮތުގައި 50،000 ދިރުހަމް ނުވަތަ 13,612 ޑޮލަރު (210,305ރ.) ދީފައިވެ އެވެ.

އެ ހަތަރު މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ބަސް ޑްރައިވަރު ނަސީރު މުހައްމަދާއި ޕާކިސްތާނަށް ނިސްބަތްވާ ސޭލްސްމަން އާތިފް މެހުމޫދާއި ފިހާރައެއް ހިންގާ އިންޑިއާގެ ރާޝިދު މުހައްމަދުގެ އިތުރުން މޮރޮކޯ އަށް ނިސްބަތްވާ ސެކިއުރިޓީ ގާޑް އަޝްރަފް ބްލީންޒާ އެވެ.

ބޮޑުވަޒީރުގެ ފަރާތްޕުޅުން ލިބުނު އެހީއާ ބެހޭ ގޮތުން ނަސީރު ބުނީ އެއީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ.

"އުންމީދު ވެސް ކުރި ކަމެއް ނޫން މިއީ. ބޮޑުވަޒީރުގެ ފަރާތުން އޮފިޝަލަކު ވަޑައިގެން ސިޓީ އުރައެއް ހަދިޔާ ކުރުމަކީ ގަބޫލުކުރަން ވެސް ދަތިވި ކަމަކަށް. އަދި އެންމެ ބޮޑު ސަޕްރައިޒަކަށްވީ އިނާމަކަށް ފަންސާސް ހާސް ދިރުހަމް ލިބުނީމަ،" ދަ ނެޝަނަލް އަށް އޭނާ ބުންޏެވެ.

ނަސީރު ބުނި ގޮތުގައި މީގެ މަސްތަކެއް ކުރިން އިންޑިއާ އިން އެނބުރި ދުބާއީ އަށް ދިޔައީ ގެ އިމާރާތްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

"އެކަމަކު ފައިސާގެ ތާށިކަމާ ހުރެ ގޭގެ މަސައްކަތް އޮތީ އެންމެ ބޭނުންވާ ސްޕީޑްފައި ކުރިއަށް ނުގެންދެވި. ނަމަވެސް ބޮޑުވަޒީރުގެ އެހީ އަކީ ގެ އިމާރާތްކޮށް ނިންމަން ލިބުނު ވަރަށް ބޮޑު އެހީއެއް،" ތިން ކުދިން ތިބި މުހައްމަދު ބުންޏެވެ.

އަޝްރަފް ބުނި ގޮތުގައި އިނާމަކަށް ބޮޑުވަޒީރުގެ ފަރާތުން ފައިސާގެ ބޮޑު އަދަދެއް ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އެހެންވެ އެއިން ބައެއް ހަދިޔާކުރާނީ ޚައިރާތަށް ކަމަށް ބުންޏެވެ.

އާތިފު ބުނި ގޮތުގައި އޭނާ އެ ފައިސާ އިން ބައްޕަ އަށް ކާރެއް ގެނެދޭނެ އެވެ. އަދި ރާޝިދު ބުނި ގޮތުގައި ފައިސާ އިން ކުރާނެ ކަމަކީ އޭނާ އިސްކޮށް ހުރެގެން ބަލަހައްޓަމުން އަންނަ ބައްޕަގެ ވިޔަފާރި ފުޅާކުރުމެވެ.