Roadha Mihaaru
ޑައުންސިންޑްރޯމް ދެބެއިންނަށް ބައްޕަ ދިނީ މޮޅު ހައްލެއް

ޑައުންސިންޑްރޯމް ދެބެއިންނަށް ވަޒީފާ ނުލިބުމުން ވިއްކަން ފެށީ އައިސްކްރީމް

30 އޯގަސްޓް 2021

ލިބުނު 10 ކުދިންގެ ތެރެއިން ޑައުން ސިންޑްރޯމް ހުރި ދެ ދަރިން އާމްދަނީ ހޯދައި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން އެމެރިކާގެ ބައްޕައަކު އައިސް ކްރީމް ޓްރަކެއް ގަނެދީ، ވިޔަފާރި ފެށުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިިފި އެެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލިބުނު 10 ކުދިންގެ ތެރެއިން ޑައުން ސިންޑްރޯމް ހުރި ދެ ދަރިން އާމްދަނީ ހޯދައި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން އެމެރިކާގެ ބައްޕައަކު އައިސް ކްރީމް ޓްރަކެއް ގަނެދީ، ވިޔަފާރި ފެށުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިިފި އެެވެ.

އެމެރިކާގެ އޮހައިހޯ އަށް ނިސްބަތްވާ ޖޮއެލް، 31، އާއި ފްރެއިޑާ، 60، ގެ 10 ކުދިންގެ ތެރެއިން ޑައުން ސިންޑްރޯމް ހުރި ދެ ކުދިންނަކީ މޭރީ، 21، އާއި ޖޯޝް، 18، އެވެ. އެކަމަކު އެ މީހުންގެ ސިއްހީ ހާލަތާ ހެދި ތަނަކުން ވަޒީފާއެއް ހޯދުން އުނދަގޫ ކަމަކަށް ވުމުން ޖޮއެލް ވިސްނީ އަމިއްލަ އަށް ދަރިންނަށް އެހީވެވޭނެ ގޮތެއް ހޯދާށެވެ.

އެހެންވެ އޭނާގެ ހިޔާލަށް އައީ އައިސް ކްރީމް ޓްރަކެއް ގަނެދީފި ނަމަ އެ ހިންގައި، ދެ ކުދިން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ ކަމަށެވެ. ޓްރަކް ގަތީ 6،600 ޑޮލަރަށެވެ.

މޭރީ.

މޭރީ.

"މިކަން ކުރެވުނީތީ މިހާރު ވަރަށް އުފާކުރަން. ދެ ކުދިން ވެސް ވަރަށް ގަޔާވެގެން އައިސް ކްރީމް ވިއްކުމުގެ މަސައްކަތުގައި އުޅެނީ. ވަރަށް އުފާވޭ އެ މަންޒަރު ފެނުނީމަ،" ޖޮއެލް ބުންޏެވެ. "އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުން. އަދި ދެ ކުދިންނަކީ ޑައުން ސިންޑްރޯމް ދެ ކުދިންނަށް ވިޔަސް އެ މީހުންނަށް އާންމުންދޭ ހިތްވަރާއި ސަޕޯޓް ވަރަށް ބޮޑު. އެކަމާ ވަކިން އުފާވޭ."

"ސްޕެޝަލް ނީޑް ޓްރީޓްސް" ގެ ނަމުގައި ހިންގާ އައިސް ކްރީމް ޓްރަކް މިހާރު އޮހައިއޯގެ އެކި ހިސާބުތަކަށް ދަތުރުކުރެ އެވެ. އެ ދުއްވުމުގެ ޒިންމާ ނަގަނީ ޖޮއެލް އެވެ. ޖޯޝް އާއި މޭރީ ވެސް ބުނީ ބައްޕަ ފަހިކޮށްދިން ފުރުސަތަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ޖޯޝްއާ އެކު ޖޮއެލް.

ޖޯޝްއާ އެކު ޖޮއެލް.

"އެއީ އެންމެ ބެސްޓް ބައްޕަ،" މޭރީ ބުންޏެވެ. "ޓްރަކްގައި އައިސް ކްރީމްގެ ވިޔަފާރި ކުރުމަކީ ވަރަށް ވެސް ހިތްހަމަޖެހޭ އަދި އެހާ މަޖާ ކަމެއް."

ކައިވެންޏަށް 36 އަހަރުވެފައިވާ ޖޮއެލް ފްރެއިޑާ ބުނި ގޮތުގައި މޭރީ ލިބުނު ފަހުން ޑޮކްޓަރުން އެ މީހުންނަށް ލަފާދިނީ އިތުރު ދަރިޔަކު ނޯހުދުމަށެވެ. ސަބަބަކީ އަނެއްކާ ވެސް އެފަދަ އިތުރު ކުއްޖަކު ލިބުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފަ އަށް މާ ބޮޑު ސަމާލުކަމެއް ނުދީ މޭރީގެ ފަހުން ވެސް ދެމަފިރިން ތިން ކުދިން ހޯދި އެވެ. ޖޯޝް އަކީ އޭގެ ތެރެއިން ޑައުންސިންޑްރޯމް ހުރި ދެވަނަ ކުއްޖާ އެވެ. ދެމަފިރިންނަށް ލިބުނު 10 ކުދިންގެ ތެރެއިން ފުރަތަމަ ދަރިފުޅަށް މިހާރު 34 އަހަރެވެ. އެންމެ ހަގު ދަރިފުޅަށް 15 އަހަރެވެ. މީގެ ތެރެއިން ބައެއް ދަރިން މިހާރު ކައިވެނި ވެސް ކޮށްފި އެވެ.

މޭރީ ޓްރަކްގެ އެތެރޭގައި އަދި ބައްޕަ ބޭރުގައި.

މޭރީ ޓްރަކްގެ އެތެރޭގައި އަދި ބައްޕަ ބޭރުގައި.

"އަހަރެމެން ދަރިންނާއި އާއިލާއާ ދޭތެެރޭ ވަރަށް ހިތްހަމަޖެހޭ. ބަލި ކުދިންތަކެއް އުޅުނަސް، އާއިލާގެ ތެރޭގައި އަބަދު ވެސް ވަރަށް ބޮޑު އުފާވެރި ކަމެއް އޮވޭ. މި ބޮޑު އާއިލާއާ އެކު އަހަރެމެން އުޅެނީ ވަރަށް އުފާވެރިކޮށް،" ފްރެއިޑާ ބުންޏެވެ. "މިހާރު އާދައިގެ ދިރިއުޅުމެއްގައި މޭރީ އާއި ޖޯޝް އުޅޭ ތަން ފެނުމަކީ ވަރަށް އުފާވެރި މަންޒަރެއް."

ޖޮއެލް ބުނި ގޮތުގައި އައިސް ކްރީމް ޓްރަކްގެ ވިޔަފާރި ފެށުމުން ގިނަ ބަޔަކާ ބައްދަލުވެ، މުއާމަލާތްކުރެވެން ފެށުމުން ވެސް ދެ ކުދިންގެ ހާލަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވެ އެވެ.

"އެ އުންމީދުގައި މިފަދަ ކަމެއް ދަރިންނަށް ކޮށްދޭން ބޭނުން ވީ ވެސް." އޭނާ ބުންޏެވެ.