Roadha Mihaaru
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު، ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ

29 ނޮވެމްބަރ 2016

މިދިޔަ ހަފުތާގެ އަންގާރަދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުން އައި މީހަކު، ހާޓް އެޓޭކެއް ޖެހިގެން މިރޭ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގެ އަންގާރަދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުން އައި މީހަކު، ހާޓް އެޓޭކެއް ޖެހިގެން މިރޭ މަރުވެއްޖެ އެވެ.

ހިތަދޫ ދޮންހަލަ އިބްރާހިމްދީދީ 61، މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް، ހާޓް އެޓޭކެއް ޖެހުމުން މާލެ ގެނެސް އައިޖީއެމްއެޗްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.

ގަމުގައި އެސްޓީއޯގެ ބެލުމުގެ ދަށުގައި ހުންނަ ރަތްގޭގެ ސިކިއުރިޓީ ގާޑެއްގެ ވަޒީފާގައި އުޅުނު އިބްރާހިމްދީދީ އަކީ ވަޒީފާ އަށް ދިއުމަށްޓަކައި ހިތަދޫން ގަމަށް އަދި އެނބުރި ހިތަދު އަށް ކޮންމެ ދުވަހަކު ހިނގާފައި ދާ މީހެކެވެ. އޭނާ އައްޑު އަށް މަޝްހޫރުވެފައި ވަނީ ވެސް އެގޮތަށެވެ.

އެސްޓީއޯގެ ވަޒީފާގައި އިބްރާހިމްދީދީ 20 އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަޒީފާ އަށް ގަމަށް ދަނީ ހިނގައިފަ އެވެ. އެއީ ކޮންމެ ކޮޅަކަށް ގާތްގަނޑަކަށް ދެ ގަޑިއިރެވެ. ހިިތަދު އާއި ގަމާ ދޭތެރޭގައި 16 ކިލޯމީޓަރު ހުރެ އެވެ.

އެސްޓީއޯގެ ވަޒީފާ އިން އިބްރާހިމްދީދީ ރިޓަޔާ ކޮށްފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި އިބްރާހީމްދީދީ އެކްސިޑެންޓްވީ ވެސް ހިތަދޫ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.

ހިތަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އިބްރާހީމްދީދީ އަށް ހާޓް އެޓޭކެއް ޖެހުނީ، އެކްސިޑެންޓާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު، މިދިޔަ ހުކުރުދުވަހު ޑިސްޗާޖް ކުރަން އުޅެނިކޮށް ކަމަށެވެ.

"އެކްސިޑެންޓްގައި އެހާ ސީރިއަސް ގެއްލުންތަކެއް ލިބިފައެއް ނެތް. ފަރުވާ ދީގެން ރަނގަޅު ވެސް ވެފައި އޮތީ. އެކަމަކު ތަންކޮޅެއް ވަރުބަލިކޮށް ފެންނާތީ ދޫކޮށްލުމުގެ ކުރިން އޮކްސިޖަން ގުޅައިގެން އޮއްވައި އާޓްއެޓޭކެއް ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ ޑޮކްޓަރުގެ ލަފާގެ މަތިން މާލެ ފޮނުވާލީ."