Roadha Mihaaru
ޖާބިރު ބައްލަވައިގަތް އަތަމާޕްލާޒާ ނީލަމުގައި ވިއްކާލަނީ

ޖާބިރު ބައްލަވައިގެންނެވި ކަމަށް ބުނާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލަނީ

01 ސެޕްޓެމްބަރ 2021

ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މީގެ 11 އަހަރު ކުރިން ބައްލަވައިގެންފައިވާ ކަމަށް އޭނާ ވިދާޅުވާ މ. އަތަމާޕްލާޒާ ވިއްކާލުމަށް ނިންމައި ސިވިލް ކޯޓުން އެ އިމާރާތް ނީލަމަށް ލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މީގެ 11 އަހަރު ކުރިން ބައްލަވައިގެންފައިވާ ކަމަށް އޭނާ ވިދާޅުވާ މ. އަތަމާޕްލާޒާ ވިއްކާލުމަށް ނިންމައި ސިވިލް ކޯޓުން އެ އިމާރާތް ނީލަމަށް ލައިފި އެވެ.

މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ ހުޅުމާލެ، އާފީނިވިލާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ގެ ވިއްކާލަން ނިންމީ ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ސާބިތުވި ދަރަންޏެއްގެ ހުކުމް ތަންފީޒު ކުރުމުުގެ މައްސަލައެއްގެ ތެރެއިންނެވެ.

އިސްމާއީލް އަބްދުއްލަތީފްގެ ދަރަނި ދެއްކެނީ އެ ގެ ވިއްކާލައިގެން ކަމަށް އޭނާ އަށް ދައުވާ ކުރި ފަރާތާއެކު ކޯޓުގައި އެއްބަސްވުމުން ޖާބިރު އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ ވަޑައިގަތެވެ. ނަމަވެސް، އެ ގެއަކީ އޭނާގެ ގެއެއް ކަމަށް ދަލާލަތު ކުރާ ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލައިން އޭނާ ބޭރު ކުރި އެވެ.

މީގެ ކުރިން ޖާބިރުގެ ދާއިމީ އެޑްރެސްއެއްގެ ގޮތުގައި ޖަހަނީ ވެސް އަތަމާޕްލާޒާގެ ހަތަރު ވަނަ ފްލޯ އެވެ. ޖާބިރު ވިދާޅުވާ ގޮތުގައި 2010 ވަނަ އަހަރު އޭނާ ވަނީ އެ ގެ ބައްލަވައިގަތުމަށް ފައިސާ ދައްކަވައިފަ އެވެ. ނަމަވެސް، އެ ގޭގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރައްވައިފައެއް ނުވެ އެވެ.

ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ އަތަމާ ޕްލާޒާ ހުންނަނީ 770 އަކަފޫޓުގެ ބިމެއްގަ އެވެ. މިއަދު ސިވިލް ކޯޓުން ވަނީ އެ އިމާރާތް ނީލަމަށް ހުޅުވާލައިފަ އެވެ. ސިވިލް ކޯޓުގެ އިއުލާނުގައިވާ ގޮތުން ނީލަން ފެށޭ އަގަކީ 15،507،800ރ. އެވެ.

ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނީ ސެޕްޓެމްބަރު 14، 2021 އިން ފެށިގެން ސެޕްޓެމްބަރު 20، 2021 ގެ 13:30 ގެ ނިޔަލަށެވެ.

އަދި އެ ގެ ބަލަން ދާން ބޭނުންވާ ފަރާތްތަކަށް އެތަން ހުޅުވާލަން ނިންމާފައި ވަނީ ސެޕްޓެމްބަރު 5 ގެ 13:30އިން ފެށިގެން ސެޕްޓެމްބަރު 7ގެ 17:30 އަށެވެ.

ތަން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އިސްމާއިލް އަބްދުއްލަތީފަށް އެއްވެސް ދަތިކަމެއް ދިމާވެ، ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ފުލުހުން އެތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވަނީ ކޯޓު އަމުރެއް ނެރުއްވައިފަ އެވެ.