Roadha Mihaaru
އަފްޣާނިސްތާނު ޖަލުގައި ތިބި ދިވެހި އާއިލާ ދޫކޮށްލައިފި

އަފްޣާނިސްތާނުގެ ޖަލުގައި ބަންދުކޮށްފައި ތިބި ދިވެހި އާއިލާ މިނިވަންކޮށްފި

01 ސެޕްޓެމްބަރ 2021

ހަނގުރާމައިގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާ މިއަދު މިނިވަންވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނގުރާމައިގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާ މިއަދު މިނިވަންވެއްޖެ އެވެ.

އެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ ޝާފިއު މިނިވަންވީ އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެ މީހުންނާ ވާހަކަ ދެއްކި. ރައްކާތެރި ހިސާބުގައި އެ ތިބީ. ހާލު ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ،" އާއިލާ އިން ބުންޏެވެ.

ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ ޑިސެމްބަރު، 2018 ގައި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހުގަ އެވެ.

ދިވެހި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރައިސާން ޕްރޮވިންސާ ގުޅުމަށް ކަމަށާ އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށް އޭރު ބުންޏެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ގައުމު ހިފުމާ އެކު ސަރުކާރު ވަނީ ވެއްޓިފަ އެވެ. އެކަމާ ގުޅިގެން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމު ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެ ކަމުގެ ތެރޭގައި، ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލުމުން ގިނަ އަދަދެއްގެ އާންމުންނާއި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފަ އެވެ.