Roadha Mihaaru
ބަޔާން ނަގަން ބަޔަކު އަންނާކަށް ނުޖެހޭ: ނަޝީދު

ބަޔާން ނަގަން ފުލުހުން ޔޫކޭއަށް ދާން ޖެހޭ ސަބަބެއް ނެތް: ނަޝީދު

04 ސެޕްޓެމްބަރ 2021

މެއި 6 ގައި ދިން ހަމަލާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މެއި 6 ގައި ދިން ހަމަލާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ނަޝީދުގެ ބަޔާން މުހިންމު ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފައިވީ ނަމަވެސް އެމަނިކުފާނު ފުރަތަމަ ވިދާޅުވި ގޮތުގައި، ބަހަކަށް އަދި ބަޔާނަކަށް ވެސް ދައްކަން އޮތީ އެމަނިކުފާނުގެ ހިތާއި ޖާނާއި މެއި އެވެ.

ނަމަވެސް ފަހުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ ބަޔާން ދެއްވުމަށް އެއްބަސްވެޑައިގެންފަ އެވެ. އަދި އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދިޔުމަށް ތައްޔާރުވަމުން ދަނިކޮށް، ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބަޔަކު އަންނަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

ނަމަވެސް ފުލުހުން އިނގިރޭސި ވިލާތުގެ ފުލުހުންނާ މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް ނަޝީދު ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. އެ ގައުމުގައި ފަރުވާ ހޯއްދެވުމަަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އާއިލާގެ ބައެއް ބޭފުޅުން ވެސް ދިރިއުޅުއްވާ އިނގިރޭސި ވިލާތުގަ އެވެ.

އެ މަނިކުފާނުގެ އާއިލާ އިން މީގެ ކުރިން ބުނެފައި ވަނީ ނަޝީދު މި މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެ ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަދި މ. އުދެހިގޭ އިސްހާގެވެ. ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދަކީ އަމަލީ ގޮތުން ހަމަލާ ދިނުމަށް ބޭނުން ކުރި މީހާ އެވެ. ނާޒިމަކީ ސީދާ ހަމަލާ ދިނުމުގައި ބައިވެރިވި މީހެއް ނޫނެވެ. ހައިޝަމާއި އަދުހަމް ހިމެނޭހެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެ އެވެ. އެއީ އެ ދެ މީހުންގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ. ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއަށް ދައުވާ ނުކުރަން ނިންމުމުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.