Roadha Mihaaru
ބޯޓު ވެއްޓުމުން ބްރެޒިލްގެ 20 ނޫސްވެރިން މަރުވި

ބޯޓު ވެއްޓުމުން ބްރެޒިލްގެ 20 ނޫސްވެރިން މަރުވި

30 ނޮވެމްބަރ 2016

ބޮގޯޓާ (ނޮވެމްބަރު 30) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމެއްގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ޗާޓަރު މަތިންދާ ބޯޓުން ބްރެޒިލްގެ 20 ނޫސްވެރިއަކު ވެސް ވަނީ މަރުވެފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ނޮވެމްބަރު 30) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމެއްގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ޗާޓަރު މަތިންދާ ބޯޓުން ބްރެޒިލްގެ 20 ނޫސްވެރިއަކު ވެސް ވަނީ މަރުވެފަ އެވެ.

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބުތަކަށް ބޯޓު ވެއްޓުމުގެ ހާދިސާގައި ވަނީ 75 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމު ޗަޕެކޮއެންސް ރިއަލްގެ ގިނަ އަދަދެއްގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. މި ހާދިސާގައި ސަލާމަތްވީ ހަ މީހުންނެވެ. ފުޓުބޯޅަ ޓީމުން ދެ ކުޅުންތެރިން ސަލާމަތްވި ކަމަށް ކުރީގެ ރިޕޯޓްތަކުގައި ބުނި ނަމަވެސް ތިން ކުޅުންތެރިއަކު ސަލާމަތްވެފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ. ދެން ސަލާމަތްވީ ދެ ފަޅުވެރިއަކާއި ނޫސްވެެރިއެކެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ފުޓުބޯޅަ ޓީމަށް އެންމެންގެ ނަޒަރު ހުއްޓުނު ނަމަވެސް އެ ޓީމު ކުޅޭ މެޗު ކަވަރުކުރަން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ބޯޓުން ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފޮކްސް ސްޕޯޓްސް ޓީވީގެ ހަ މީހަކާއި ބްރެޒިލްގެ ބޮޑު މީޑިއާ ކުންފުންޏެއް ކަމަށްވާ ގްލޮބޯގެ ހަތަރު ނޫސްވެރިއަކު ހިމެނެ އެވެ.

ބޯޓު ވެއްޓުނު ހާދިސާ އިން ސަލާމަތްވެފައި ވަނީ ރޭޑިއޯ އޮއެސްޓެ ކެޕިޓަލްގެ ފުޓުބޯޅަ ކޮމެންޓޭޓަރެކެވެ. ކޮލަމްބިއާ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ރޭޑިއޯ ސުޕަ ކޮންޑާގެ ނޫސްވެރިއަކަށް ފްލައިޓް މިސް ވެގެން ވެއްޓުނު ބޯޓުން ދަތުރު ނުކުރެވުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ބޯޓު ވެއްޓުނު ވަކި ސަބަބެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުން ވަނީ އިލެކްޓްރިކަލް މައްސަލައެއް އުޅޭކަން ޓަވަރަށް އަންގައިފަ އެވެ. އަނެއް ބައި ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުނު ސަރަހައްދަށް އޮތީ ގޯސްކޮށެވެ.

ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ރިއަލްގެ ކުޅުންތެރިން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ފައިނަލް މެޗުގެ ފުރަތަމަ ލެގު ކުޅެން ހަމަޖެހިފައި ވަނީ މިއަދު އެވެ. ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި އުޅެން އޮތީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އެވެ. ދެ ވަނަ ލެގު ކުޅެން އޮތީ އަންނަ މަހު 2 ވަނަ ދުވަހު ބްރެޒިލްގަ އެވެ. ސައުތު އެމެރިކަން ފުޓުބޯޅަ ކޮންފެޑަރޭޝަނުން މިހާރު ވަނީ ފައިނަލް މެޗު ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ކޮލަމްބިއާގެ ޓީމުން ބޭނުން ވަނީ ބްރެޒިލްގެ ޗަޕެކޮއެންސަށް ތަށި ހަވާލު ކުރުމަށެވެ.