Roadha Mihaaru
ބޯޓު ވެއްޓުމުން ސަލާމަތްވީ އިށީނދެ އިން ގޮނޑި ބަދަލު ކުރުމުން

ބޯޓު ވެއްޓުމުން ސަލާމަތްވީ އިށީނދެ އިން ގޮނޑި ބަދަލު ކުރުމުން

18 ޑިސެމްބަރ 2016

ބޮގޯޓާ (ޑިސެމްބަރު 18) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ބޯޓުން ސަލާމަތްވީ އިށީނދެ އިން ގޮނޑި ބަދަލު ކުރުމުން ކަމަށް ބޯޓުން ސަލާމަތްވި ކުޅުންތެރިއަކު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ޑިސެމްބަރު 18) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ބޯޓުން ސަލާމަތްވީ އިށީނދެ އިން ގޮނޑި ބަދަލު ކުރުމުން ކަމަށް ބޯޓުން ސަލާމަތްވި ކުޅުންތެރިއަކު ބުނެފި އެވެ.

ބޯޓުން ސަލާމަތްވި ހަ މީހުންގެ ތެރޭގައި ހިމެނޭ ރުޝެލް ބުނީ ހާދިސާ ހިނގި ގޮތުގެ ހަނދާން ނެތް ކަމަށެވެ. ބޯޓު ވެއްޓުމުން ސަލާމަތްވި ނަމަވެސް އޭނާގެ މައިބަދަ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. މިހާރު ފަރުވާ ކުރަމުން އަންނަ ރުޝެލް ބުނީ ފުޓުބޯޅަ ކުޅެން އަދިވެސް އުއްމީދު ކުރާ ކަމަށެވެ.

ޗަޕެކޮއެންސްގެ ކުޅުންތެރިޔާ ބުނީ އޭނާ އިށީނދެ އިނީ ބޯޓުގެ ފަހަތުގެ ގޮނޑިއެއްގައި ކަމަށެވެ. ބޯޓުގެ ކުރީ ސީޓަށް ދިއުމަށް ރުޝެލްގެ ކިބައިން އެދުނީ ޓީމުގެ ކީޕަރު ޖެކްސަން ފޯލްމެން އެވެ. އޭނާ ވެސް ވަނީ ސަލާމަތްވެފަ އެވެ. ރުޝެލް ބުނީ ގޮނޑި ބަދަލު ކުރަން އޭނާ އެންމެ ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ.

"އެކަމަކު ފޯލްމެން އާދޭސް ކުރި ވަރުން އޭނާ ކައިރިއަށް ދިއުމަށް ކުރީ ގޮނޑިއަށް ބަދަލުވީ. ސަލާމަތްވި ގޮތެއް ނޭނގޭ. ކަލާނގެ މި ވަނީ ދެ ވަނަ ފުރުސަތެއް ދީފައި،" ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ރުޝެލް ބުންޏެވެ.

ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ރުޝެލް ބުނެފައިވެ އެވެ.

ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެއް ހިމެނެ އެވެ.

ރުޝެލްގެ އިތުރުން ސަލާމަތްވީ 43 އަހަރުގެ ނޫސްވެރިޔާ ހެންޒެލް އާއި ބްރެޒިލް ޓީމުގެ ފޮލްމޭން އެވެ. ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ ނީޓޯ އަދިވެސް އޮތީ ކޮލަމްބިއާގެ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ބޮލީވިއާގެ ދެ ކްރޫން ކަމަށްވާ ޒިމެނާ ސަންޗޭޒާއި އެރްވިން ތުމޫރީ ވަނީ ފަރުވާ އަށް ފަހު އެނބުރި ގައުމަށް ގޮހެވެ.

ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ގިނަ ތަޖްރިބާކާރުން ލަފާކޮށްފައިވަނީ ތެޔޮ ހުސްވެގެންނެވެ.