Roadha Mihaaru
ތެޔޮ ހުސްވެގެން ބޯޓު ވެއްޓެނީ ކަމަށް ޕައިލެޓް ބުނި

ބޯޓު ވެއްޓުނީ ތެޔޮ ހުސްވެގެން ކަމަށް ވާހަކަ ދެކެވެން ފަށައިފި

01 ޑިސެމްބަރ 2016

ބޮގޯޓާ (ޑިސެމްބަރު 1) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނީ ތެޔޮ ހުސްވެގެން ކަމަށް ބުނާ ވާހަކަތަކެއް ލީކުވެފައިވާ އޯޑިއޯ ރެކޯޑިންއަކުން ހާމަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ޑިސެމްބަރު 1) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނީ ތެޔޮ ހުސްވެގެން ކަމަށް ބުނާ ވާހަކަތަކެއް ލީކުވެފައިވާ އޯޑިއޯ ރެކޯޑިންއަކުން ހާމަވެއްޖެ އެވެ.

އެ ރެކޯޑިންގައި ބުނެފައިވާ ގޮތުން އިލެކްޓްރިކަލް މައްސަލައެއް ދިމާވެ އަދި ތެޔޮ ހުސްވާތީ ބޯޓު ޖައްސަން ޕައިލެޓް ވަނީ ތަކުރާރުކޮށް އެދިފަ އެވެ. ބޯޓުގެ ކްރޫ އާއި ކޮލަމްބިއާގެ އެއާ ޓްރެފިކް ކޮންޓްރޯލާއާ ދެމެދު ދެކުނު ވާހަކަތަކުގެ ސަބަބުން ބޯޓު ވެއްޓުނު ސަބަބު ހޯދަން ތަހުގީގު ޓީމަށް އެހީތެރިކަން ލިބޭނެ އެވެ.

އޮޑިއޯގައި ޕައިލެޓް ވަނީ ބޯޓުގެ އިލެކްޓިކަލް ނިޒާމް އެއްކޮށް ފޭލްވެއްޖެ ކަމަށް ބުނެފަ އެވެ. އަދި ތެޔޮ ހުސްވަނީ ކަމަށް ވަނީ އިންޒާރު ދީފަ އެވެ. ނިންމާލުމުގެ ކުރިން ޕައިލެޓް ވަނީ ދަތުރު ކުރަމުން ދަނީ 9،000 ފޫޓް (2،743 މީޓަރު) އުހުން ކަމަށް ވެސް ބުނެފަ އެވެ.

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބަށް ބޯޓު ވެއްޓިފައިވާ ތަނުން މީހުންގެ ހަށިތައް ނަގަނީ. --ފޮޓޯ:ސީއެންއެން

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބަށް ބޯޓު ވެއްޓިފައިވާ ތަނުން މީހުންގެ ހަށިތައް ނަގަނީ. --ފޮޓޯ:ސީއެންއެން

ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ވައިގެ ދަތުރުގެ ސަލާމަތާ ބެހޭ އޮފިޝަލުނ ފަށަން ތައްޔާރުވެފައިވާ އިރު ކޮލަމްބިއާގެ މެޑެޔިންއާ ކައިރިން ފަރުބަދަ މަތީގެ ހިސާބަށް ވެއްޓުނު ބޯޓުގެ މައިގަނޑުން ވެސް ވަނީ ބައެއް ހެކި ލިބިފަ އެވެ. ބޯޓު ވެއްޓި އަލިފާން ރޯވެފައި ނުވުމަކީ އެ ބޯޓުން ތެޔޮ ހުސްވެފައިވާ ކަމަށް ބެލެވިދާނެ ހެއްކެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ކޮލަމްބިއާގެ ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ހަތަރު އިންޖީނުން ކުރެ އެއްވެސް އިންޖީނެއްގައި އަލިފާން ރޯވެ އަނދާފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ބޯޓުގެ އިންޖީނަށް ތެޔޮ ފޯރުން ހުއްޓުވުމަށް ތަފާތު ސަބަބުތައް މެދުވެރިވެދާނެ އެވެ. އޭގެ ތެރޭގައި ތެޔޮ ލީކުވުން، އިންޓާނަލް އައިސިން، ފިއުލް ޕަމްޕްތައް ފޭލްވުން ފަދަ ސަބަބުތައް ހިމެނެ އެވެ.

ކޮލަމްބިއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އަލްފްރެޑޯ ބޮކަނެގްރާ ވިދާޅުވީ ބޯޓު ވެއްޓުމުގެ ހާދިސާގެ ތަހްގީގު އިލެކްޓްރިކަލް މައްސަލައަކަށް އަމާޒުކޮށްފައިވީ ނަމަވެސް ބޯޓު ތެޔޮ ހުސްވި ކަމަށް ބުނާ މައްސަލަ ވެސް ތަހުގީގު ޓީމުން ބަލާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއާޕޯޓަށް ޖައްސަން އެންމެ ފަސް މޭލަށް ކައިރިވެފައި ވަނިކޮށް ބޯޓުގައި އެކަށީގެންވާ ވަރަށް ތެޔޮ ނެތީ ކީއްވެތޯ ވެސް ތަހުގީގު ޓީމުން ބަލާނެ ކަމަށެވެ.

ވެއްޓުނު ބޯޓުގެ ބައިތައް: ބޯޓުގައި އަލިފާން ރޯވެފައި ނުވުމަކީ ތެޔޮ ހުސްވެފައިވުން އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނޭ. ފޮޓޯ:ސީއެންއެން

ވެއްޓުނު ބޯޓުގެ ބައިތައް: ބޯޓުގައި އަލިފާން ރޯވެފައި ނުވުމަކީ ތެޔޮ ހުސްވެފައިވުން އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނޭ. ފޮޓޯ:ސީއެންއެން

"ބޯޓު ވެއްޓި ބިމުގައި ޖެހުނު އިރު އަލިފާން ހިފާފައި ނުވާކަން އެނގޭ. އެ ހާދިސާ އިން ބައެއް މީހުން ސަލާމަތްވުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ،" އެއާލައިންރޭޓިންސް.ކޮމްގެ އެޑިޓާ އިން ޗީފް ޖިއޮފްރީ ތޯމަސް ވިދާޅުވި އެވެ.

މީގެ ކުރިން ވެއްޓި އަލިފާން ހިފާފައިނުވާ ބޯޓުތަކުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ބޯޓު ވެއްޓުނީ ތެޔޮ ހުސްވެގެން ކަމަށް ބަލައިފައިވެ އެވެ.

އެއާ ސޭފްޓީ އިންވެސްޓިގޭޓަރެއް ކަމަށްވާ ގްރާންޓް ބްރޮފީ ވިދާޅުވީ ކޮމާޝަލް އޭވިއޭޝަން އިންޑަސްޓްރީގައި ތެޔޮ ހުސްވެގެން ބޯޓެއް ވެއްޓުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ސަބަބަކީ ބޯޓުގައި އެކަށީގެންވާ ވަރަށް ތެޔޮ ހުރިކަން ޔަގީން ކުރާނެ އެތައް ގޮތެއް ހުރުމުން ކަމަށެވެ.

ވެއްޓުނު ބޯޓުގެ ކަޅުފޮށި. --ފޮޓޯ:ބީބީސީ

ވެއްޓުނު ބޯޓުގެ ކަޅުފޮށި. --ފޮޓޯ:ބީބީސީ

ވެއްޓުނު ބޯޓުގެ ކަޅު ފޮށި އަންގާރަ ދުވަހު ވަނީ ހޯދައިފަ އެވެ. ބޯޓުގެ ފްލައިޓް ޑޭޓާ އާއި ވޮއިސް ރެކޯޑަރުގެ އިތުރުން ބޯޓުގެ މެއިންޓެނެންސް އާއި މެނުފެކްޗާރިން ރެކޯޑްސް ވެސް ތަހުގީގު ޓީމުން ބަލާނެ އެވެ. ބޯޓު އުފެއްދި ކުންފުނީގެ އިންވެސްޓިގޭޓަރުން މިހާރު ވަނީ ކޮލަމްބިއާ އަށް ގޮހެވެ.

ކޮލަމްބިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އެއީ ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެކެވެ. ސަލާމަތްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ފުޓުބޯޅަ ޓީމުގެ 31 އަހަރުގެ ގޯލް ކީޕަރު ވަނީ ހޮސްޕިޓަލް ގެންދިއުމުގެ މަގުމަތީގައި މަރުވެފަ އެވެ.

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބަށް ބޯޓު ވެއްޓިފައިވާ ތަނުން މީހުންގެ ހަށިތައް ނަގަނީ. --ފޮޓޯ:ސީއެންއެން

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބަށް ބޯޓު ވެއްޓިފައިވާ ތަނުން މީހުންގެ ހަށިތައް ނަގަނީ. --ފޮޓޯ:ސީއެންއެން

ވެއްޓުނު ބޯޓު ވަނީ މީގެ ދެ ހަފުތާ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމަށް ސެމް ހުއާން އަށް ދަތުރު ކުރުމަށް ސުޕަސްޓާ ލިއޮނެލް މެސީއާ އެކު އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު ވެސް ބޭނުންކޮށްފަ އެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ރިއަލްގެ ކުޅުންތެރިން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި އުޅެން އޮތީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އެވެ. ކޮލަމްބިއާގެ ޓީމުން ބޭނުން ވަނީ ބްރެޒިލްގެ ޗަޕެކޮއެންސަށް ތަށި ހަވާލު ކުރުމަށެވެ. ބޯޓު ވެއްޓުމުން ބްރެޒިލް ޓީމުގެ 19 ކުޅުންތެރިން މަރުވި އެވެ.