Roadha Mihaaru
ވެއްޓުނު ބޯޓުގެ ކަޅު ފޮށި ހޯދައިފި

ވެއްޓުނު ބޯޓުގެ ކަޅު ފޮށި ހޯދައިފި

30 ނޮވެމްބަރ 2016

ބޮގޯޓާ (ނޮވެމްބަރު 30) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ޗާޓަރު މަތިންދާ ބޯޓުގެ ދެ ކަޅު ފޮށި ހޯދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ނޮވެމްބަރު 30) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ޗާޓަރު މަތިންދާ ބޯޓުގެ ދެ ކަޅު ފޮށި ހޯދައިފި އެވެ.

ބޯޓު ވެއްޓުނު ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ސަރަހައްދުން ކަޅު ފޮށި ހޯދާފައި ވަނީ އިމަޖެންސީ މަސައްކަތު މީހުންގެ ޓީމަކުންނެވެ. ކަޅު ފޮށި ފެނުނުކަން ވަނީ މެޑެޔިންގެ ގަވަރުނަރާއި އޭވިއޭޝަން އޮފިޝަލުން ވެސް ޔަގީންކޮށްދީފަ އެވެ. ނަމަވެސް ކަޅު ފޮށީގައިވާ މައުލޫމާތު އެނަލައިޒް ކުރުމަށް ކިހާ މުއްދަތެއް ނަގާނެ ކަމަށް އޮފިޝަލުން ނުބުނެ އެވެ.

ބޯޓު ވެއްޓުނީ މެޑެޔިން އަށް ޖައްސަން ކައިރިވެފައި ވަނިކޮށެވެ. އޭގެ ކުރިން ބޯޓަށް އިލެކްޓްރިކަލް މައްސަލައެއް ދިމާވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ކޮލަމްބިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން މަރުވެފައިވާ ކަމަށެވެ. ކުރިން ވަނީ 75 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ޕެސެންޖާ މެނިފެސްޓުގައިވާ ހަތަރު މީހަކު ބޯޓުން ދަތުރެއް ނުކުރެ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އެއީ ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެކެވެ. ސަލާމަތްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުޓުބޯޅަ ޓީމުގެ 31 އަހަރުގެ ގޯލް ކީޕަރު ވަނީ ހޮސްޕިޓަލް ގެންދިއުމުގެ މަގުމަތީގައި މަރުވެފަ އެވެ. ގަވަރުނަރު ވިދާޅުވީ އެ މީހުން ސަލާމަތްވީ "މުއުޖިޒާތަކުން" ކަމަށެވެ.

ވެއްޓުނު ބޯޓު ވަނީ މީގެ ދެ ހަފުތާ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމަށް ސެމް ހުއާން އަށް ދަތުރު ކުރުމަށް ސުޕަސްޓާ ލިއޮނެލް މެސީއާ އެކު އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު ވެސް ބޭނުންކޮށްފަ އެވ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ރިއަލްގެ ކުޅުންތެރިން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ފައިނަލް މެޗުގެ ފުރަތަމަ ލެގު ކުޅެން ހަމަޖެހިފައި ވަނީ މިއަދު އެވެ. ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި އުޅެން އޮތީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އެވެ. ދެ ވަނަ ލެގު ކުޅެން އޮތީ އަންނަ މަހު 2 ވަނަ ދުވަހު ބްރެޒިލްގަ އެވެ. ސައުތު އެމެރިކަން ފުޓުބޯޅަ ކޮންފެޑަރޭޝަނުން މިހާރު ވަނީ ފައިނަލް މެޗު ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ކޮލަމްބިއާގެ ޓީމުން ބޭނުން ވަނީ ބްރެޒިލްގެ ޗަޕެކޮއެންސަށް ތަށި ހަވާލު ކުރުމަށެވެ.