Roadha Mihaaru
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ

ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ ދައްކާލައިފި

10 ސެޕްޓެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޯރެންސް އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޯރެންސް އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެޑަމް މެކޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސައިންސް ފިކްޝަން ބްލެކް ކޮމެޑީއެކެވެ. ބެލުންތެރިން ގަޔާވާނެ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެން ދާނެ މި ފިލްމުގައި އޮސްކާ އެވޯޑް ހޯދާފައިވާ ލިއޮނާޑޯ އާއި ލޯރެންސްގެ އިތުރުން ވެސް އޭ-ލިސްޓް ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ ފަހަރަށް އޮސްކާ އަށް ނޮމިނޭޓްވި ބަތަލާ މެރީލް ސްޓްރީޕް، ޓިމޮތީ ޝެމަލޭ، ކޭޓް ބްލެންޝެޓް، ޓައިލާ ޕެރީ، ޖޯނަ ހިލް، ރޮބް މޯގަން، މާކް ރައިލާންސް، ސްކޮޓް މެޒްކޫޑީ، ރޮން ޕާލްމަން އަދި ލަވަކިޔުންތެރިތާ އަރިއާނާ ގްރަންޑޭ ހިމެނެ އެވެ.

"ޑޯންޓް ލުކް އަޕް" އަކީ ދުނިޔެ އަށް ކުރިމަތިވާން އުޅޭ ނުރައްކަލަކާ ބެހޭ މައުލޫމާތު ދޭން ދެ އެސްޓްރޮނޮމާޒް އިން ކުރިއަށް ގެންދާ ބޮޑު މީޑިއާ ޓުއާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ފެނިގެންދާނެ އެއްޗެކެވެ.

މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 10 ގައި ލިމިޓެޑް ސިނަމާތަކެއްގައި ދެއްކުމަށް ފަހު، ޑިސެމްބަރު މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނެ އެވެ.

"ޑޯންޓް ލުކް އަޕް" ގެ ޑައިރެކްޓަރު އެޑަމް އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2015 ގެ ބައޮގްރަފިކަލް ކޮމެޑީ ޑްރާމާ "ދަ ބިގް ޝޯޓް" ގެ ޑައިރެކްޓަރެވެ. އެ ފިލްމަށް އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ވެސް ލިބުނެވެ.

އެޑަމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އެމެރިކާގެ ކުރީގެ ނައިބް ރައީސް ޑިކް ޗޭނީގެ ވާހަކަ ކިޔައިދިން 2018 ގެ "ވައިސް" އެވެ.