Roadha Mihaaru
ފްލެޓް ކުއްޔަށް ދިނަސް އެޗްޑީސީއަށް ކުރެވޭނެކަމެއް ނެތް

ފްލެޓް ކުއްޔަށް ދިނަސް އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނެތުމުން ލަފާ ހޯދަނީ

12 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ފްލެޓްތައް ހަވާލުކުރުމުން ބައެއް މީހުން އެ ތަންތަނުގެ ފިނިޝިން މަސައްކަތް ނިންމަމުން އަންނައިރު އަނެއް ބަޔަކު އެ ތަންތަން ދިގު މުއްދަތަކަށް ކުއްޔަށް ދޭން ފާޅުގައި އިޝްތިހާރު ކުރަމުން އެބަދެ އެވެ.

ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމުގައި މަނާ ކަމަކަށް ވާތީ، އެއްބަސްވުމާ ހިލާފުވުމުން ފިޔަވަޅު އަޅާނެތޯ "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދިނުން ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށެވެ.

"މިކަމަށް އެއްވެސް ބަދަލެއް ނުވަތަ މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާނީ ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާ އެކުގައި" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީ އަކީ ތަންފީޒީ އިދާރާއަކަށް ނުވާތީ ފްލެޓް ކުއްޔަށް ދިނަސް އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އެއްބަސްވުމާ ހިލާފުވާ ނަމަ ފްލެޓް އަތުލުމުގެ ބާރު އޮންނަނީ މިނިސްޓްރީއަށެވެ.

ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ މިތަންތަން ކުއްޔަށް ދޫކުރަން އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ. އެކަމަކު ފްލެޓް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.

ދަތި ހާލުގައި އުޅޭކަމަށް ބުނެ ފްލެޓް ހޯދުމަށް ފަހު އެތަން ކުއްޔަށް ދޭތީ އާންމުން ފާޑުކިޔައި ޝަކުވާކުރަމުން އަންނައިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުން ވެސް އެތަނުގައި ދިރިނޫޅެ، ތަން ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވެ އެވެ.

ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ލިބޭ ފްލެޓްތައް ކުއްޔަށްދޭ މައްސަލައިގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އަސްލަމް ވިދާޅުވީ ފްލެޓްތައް ލިބޭ މީހުން އެތަން ކުއްޔަށް ދޫކުރުން މަނާވާނެ ކަމަށާއި ނަމަވެސް މިހާރު ވެސް އެކަން ހިނގާ ކަމަށެވެ. އެކަން ސާބިތުވެއްޖެ ނަމަ، ފްލެޓް އަތުލުމުގެ ބާރު ސަރުކާރަށް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ޖޫރިމަނާކުރުމަށް ފަހު ދޫކޮށްލަނީ އެވެ. އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލާފައެއް ނުވެ އެވެ.